Roadha Mihaaru
ލިޓަން މޫދަށް ވައްޓާލައި އޭނާގެ ބައިލައްކަ ރުފިޔާ ނެގި

ނިޒާމް، ލިޓަން މޫދަށް ވައްޓާލައި އޭނާގެ ބައި ލައްކަ ރުފިޔާ ވަގަށް ނެގި

03 މާޗް 2023

ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަނިކޮށް ގެއްލިފައިވާ ބިދޭސީއެއް ކަމަށްވާ މުހައްމަދު ލިޓަން މޫދަށް ވައްޓާލުމަށް ފަހު ބޯޓުގައި ހުރި އޭނާގެ ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ، ލިޓަންގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މުހައްމަދު ނިޒާމް ނެގި ކަމަށް ދައުވާގައި ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތެޔޮ ބޯޓެއްގައި މަސައްކަތް ކުރަނިކޮށް ގެއްލިފައިވާ ބިދޭސީއެއް ކަމަށްވާ މުހައްމަދު ލިޓަން މޫދަށް ވައްޓާލުމަށް ފަހު ބޯޓުގައި ހުރި އޭނާގެ ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ، ލިޓަންގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މުހައްމަދު ނިޒާމް ނެގި ކަމަށް ދައުވާގައި ބުނެފި އެވެ.

ނިޒާމްގެ މައްޗަށް ކުރި ދައުވާތަކުގެ ތަފްސީލް ހާމަކޮށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މީޑިއާއަށް ދިން މައުލޫމާތުގައިވާ ގޮތުން ލިޓަން މޫދަށް ވައްޓާލީ ވިލިމާލެއިން ފުރައިގެން ގޮސް ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް، އޭނާއަށް ނޭނގި ހުއްޓާ މޫދަށް ކޮށްޕައި ވައްޓާލައިގެންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވިލިމާލެ އިން ފުރި ތެޔޮ ބޯޓެއްގައި ހުރި ލިޓަންގެ ހަށިގަނޑު އަދިވެސް ނުފެނެ އެވެ. އެކަމަކު ނިޒާމްގެ މައްޗަށް މަރުގެ ދައުވާ އުފުލަން ނިންމިކަން ކުރިން ވެސް ވަނީ ހާމަކޮށްފަ އެވެ.

"މިކަން ހިނގާފައިވަނީ ޑިސެންބަރު 28، 2022 ދުވަހުގެ އިރުއޮއްސި 7:00 އާއި، 8:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހޯދިފައި. އެ މީހުން ދަތުރުކުރި "ހެދޭކުރި" ދޯނީގައި ހުރި މުހައްމަދު ލިޓޮންގެ 51،000 އަށް ވުރެ ގިނަ ފައިސާ މުހައްމަދު ނިޒާމް ވަނީ ވަގަށް ނަގާފައި،" ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ގަސްތުގައި މީހަކު މެރުމާއި ވައްކަން ކުރުމުގެ ދައުވާގެ އިތުރުން ނިޒާމުގެ މައްޗަށް ވަނީ މަސްތުވާތަކެތި ގެންގުޅުމުގެ ދައުވާ ވެސް ކޮށްފަ އެވެ.

އެ މަސްތުވާތަކެއްޗަކީ އެ މީހުން ދަތުރުކުރި ބޯޓުން ވަގަށް ނެގި ފައިސާއިން ގަނެފައިވާ ތަކެތި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

މަސްތުވާތަކެތިން މުއާމަލާތުކުރުމުގެ ދައުވާކުރަނީ ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއް ބަލައި ފާސްކުރިއިރު، ބަރުދަނުގައި 3.3 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.

މި ކުށްތަކުގެ ތެރެއިން މީހަކުމެރުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. މި މައްސަލާގައި ނިޒާމްގެ ކިބައިން ގިސާސްގެ ދިޔައަށް ވެސް އެދިފައިވެ އެވެ.