Roadha Mihaaru
ލިޓަންގެ މަރު: ނިޒާމްގެ ބަންދަށް އިތުރު 30 ދުވަސް

ލިޓަންގެ މަރު: ނިޒާމްގެ ބަންދަށް އިތުރު 30 ދުވަސް

06 މާޗް 2023

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ގެއްލިފައިވާ ބިދޭސީއެއް ކަމަށްވާ ލިޓަންގެ މަރުގެ މައްސަލާގައި މުހައްމަދު ނިޒާމްގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ގެއްލިފައިވާ ބިދޭސީއެއް ކަމަށްވާ ލިޓަންގެ މަރުގެ މައްސަލާގައި މުހައްމަދު ނިޒާމްގެ ބަންދަށް އިތުރު 30 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ތެޔޮ ބޯޓެއްގައި މަސައްކަތްކުރި ލިޓަން ވީނުވީ ނޭނގި ގެއްލުނު މައްސަލާގައި، އޭނާއާ އެކު ބޯޓުން ދަތުރުކުރި ނިޒާމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ވަނީ ކޮށްފަ އެވެ. ދައުލަތުން ތުހުމަތުކުރާ ގޮތުން ނިޒާމް ވަނީ ލިޓަން ކަނޑަށް ވައްޓާލައިފަ އެވެ. އެކަމަކު ލިޓަންގެ ހަށިގަނޑެއް ނުފެނެ އެވެ.

ނިޒާމްގެ ބަންދަށް އެންމެ ފަހުން އިތުރުކުރި 60 ދުވަސް ހަމަވާތީ ކޯޓަށް އިއްޔެ އޭނާ ގެންދިޔައީ ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދި އެވެ. އެކަމަކު ކޯޓުން ނިންމީ އެ މައްސަލާގައި ދައުވާ ކޮށްފައިވާތީ އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ މައްސަލަ ބައްލަވާ ގާޒީ ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން ނިޒާމްގެ ފަރާތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ނެތް ކަމަށް ކޯޓުގައި ބުނެފަ އެވެ. އަދި ހަގީގަތުގައި ވެސް ލިޓަން މަރުވިކަން ސާބިތުނުވާ ކަމަށް އޭނާގެ ފަރާތުން ބުނެފައިވެ އެވެ.

އެހެން ނަމަވެސް ކޯޓުން ނިންމީ ނިޒާމްގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި އެބަހުރި ކަމަށެވެ. އެހެންވެ، 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކުރީ ކަމަށް ކޯޓު އަމުރުގައިވެ އެވެ.

ނިޒާމްގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އާއި ވައްކަމުގެ ދައުވާ އާއި މަސްތުވާތަކެތި ގެންގުޅުމުގެ ދައުވާ ވެސް ދައުލަތުން ކުރެ އެވެ. އެއީ ލިޓަން މޫދަށް ވައްޓާލުމަށްފަހު ބޯޓުގައި ހުރި އޭނާގެ ފައިސާ ވަގަށް ނެގުމާއި މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ އެވެ.