Roadha Mihaaru
5 ކިލޯމީޓަރު 20 މިނެޓް ނުވަނީސް ޝަމްހާ ނިންމައިފި

5 ކިލޯމީޓަރުގެ ރޭސް 20 މިނެޓަށްވުރެ އަވަހަށް ނިންމި ދިވެހި ފުރަތަމަ އަންހެނަކީ ޝަމްހާ

05 މާޗް 2023

މިއަދު ޖަރުމަންގައި ބޭއްވި ރޯޑް ރަންގައި ރޭހުގައި ވާދަކޮށް ފަސް ކިލޯމީޓަރުގެ ރޭސް 20 މިނެޓަށް ވުރެ އަވަހަށް ނިންމި ދިވެހި ފުރަތަމަ އަންހެނާގެ ޝަރަފް ކުރީގެ އެއްވަނަ ދުވުންތެރިޔާ ޝަމްހާ އަހުމަދު ހާސިލުކޮށްފި އެވެ.

މިއަދު ޖަރުމަންގައި ބޭއްވި ރޯޑް ރަންގައި ރޭހުގައި ވާދަކޮށް ފަސް ކިލޯމީޓަރުގެ ރޭސް 20 މިނެޓަށް ވުރެ އަވަހަށް ނިންމި ދިވެހި ފުރަތަމަ އަންހެނާގެ ޝަރަފް ކުރީގެ އެއްވަނަ ދުވުންތެރިޔާ ޝަމްހާ އަހުމަދު ހާސިލުކޮށްފި އެވެ.

ޖަރުމަންގެ ލެވަކޫސަންގައި މިއަދު ބޭއްވި 41 ވަނަ ރޯޑް ރަންގައި ވާދަކޮށް ޝަމްހާ ފަސްކިލޯމީޓަރުގެ ރޭސް ނިންމީ 19 މިނެޓާއި 15 ސިކުންތުންނެވެ. މީގެ ކުރިން ދިވެހި އަންހެން ދުވުންތެރިޔަކަށް ފަސްކިލޯ މީޓަރުގެ ރޭސް 20 މިނެޓަށް ވުރެ އަވަހަށް ނިންމިފައެއް ނުވެ އެވެ.

މިއަދު ރޭހުން ޝަމްހާ ދިޔައީ 13 ވަނަ އަށެވެ. އަދި އުމުރުން 40 އަހަރުގެ ދުވުންތެރިޔާ ވަނީ އެ އުމުރުފުރާގެ ކެޓަގަރީގައި އެންމެ ބާރަށް ދުވި ދުވުންތެރިޔާގެ ގޮތުގައި ލިސްޓްކޮށްފަ އެވެ.

ފަސް ކިލޯމީޓަރިގެ ރެކޯޑް ކުރިން ވެސް އޮތީ ޝަމްހާ އަތުގަ އެވެ. ޖަރުމަންގައި މިދިޔަ އަހަރު ބޭއްވި ރޭސް ޝަމްހާ ނިންމީ 20 މިނެޓާއި 8 ސިކުންތުންނެވެ.

ޖަރުމަންގައި ދިރިއުޅެމުން އަންނަ ޝަމްހާ ޓްރޭނިން ހަދަމުން އަންނަނީ މި އަހަރު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް އަމާޒުކޮށް ކަމަށް އޭނާގެ ކޯޗު ނަސްރުﷲ އަހުމަދު ބުންޏެވެ.

މިދިޔަ މަހު ޝަމްހާ ވަނީ ޖަރުމަނުގެ މުންޗެންގްލަޑްބެކުގައި ބޭއްވި 10 ކިލޯމީޓަރުގެ ރޭހަކުން ތިންވަނަ ހޯދައިފަ އެވެ. މިދިޔަ މަހުގެ 18 ގައި ބޭއްވި އެ ރޭސް އޭނާ ނިންމީ 40 މިނެޓާއީ 14 ސިކުންތުންނެވެ. އެ ރޭހުގެ ފުރަތަމަ ފަސް ކިލޯމީޓަރު އޭނާ ނިންމީ 18 މިނެޓު 34 ސިކުންތުންނެވެ.

އޭނާގެ 89 ވަނަ މެރަތަން ތުރުކީގެ އަނޓޯލިޔާގައި މިއަދު ފުރިހަމަ ކުރި ނަސްރު ބުނި ގޮތުގައި މިއަދު ފަސް ކިލޯމީޓަރުގެ ރޭހުގައި ޝަމްހާ ދުވީ އެ އިވެންޓަށް ހާއްސަ އެއް ވެސް ޓްރޭނިންއަކާ ނުލަ އެވެ.

"ޝަމްހާގެ ޓްރޭނިންތައް މިހާރު ބައްޓަން ކޮށްފައި މި ވަނީ މި އަހަރުގެ އައިއޯއައިޖީ އަށް ހާއްސަކޮށް. މިއަދު ފަސް ކިލޯމީޓަރުގެ ރޭހުގައި ބައިވެރިވީ ފަސް ކިލޯމީޓަރަށް ހާއްސަކޮށް ސީދާ އެއް ވެސް ޓްރޭނިންއެއް ނުކޮށް. ފަސް ކިލޯމީޓަރަށް ހާއްސަކޮށް އެކަނި އޭނާގެ ޓްރޭނިންތައް ބައްޓަންކޮށްފިއްޔާ އަޅުގަނޑަށް ޔަގީންކަން އެބައޮތް 16 މިނެޓުން އޭނާ ފަސް ކިލޯމީޓަރުގެ ރޭސް ނިންމާނެ،" ނަސްރު ބުންޏެވެ.

"ފަސް ކިލޯމީޓަރުގެ ހާއްސަ ޓްރޭނިންތަކާ ނުލައި ވެސް އޭނާ އަށް މިއަދު ވެސް 18 މިނެޓުން ދުވެވޭނެ. އެކަމަކު ޖަރުމަނަށް ފިނި މޫސުން ވީމަ ސްޕީޑް ދަށް ވެފަ އެ ވަނީ."