Roadha Mihaaru
ހަތް އަހަރަށް ފަހު ޝަމްހާ ގައުމީ ޓީމުގެ އިވެންޓަކަށް

ހަތް އަހަރަށް ފަހު ގައުމީ ޓީމު އިވެންޓެއްގައި ޝަމްހާ ބަންގްލަދޭޝް އަށް

19 ޖެނުއަރީ 2023

ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު، ހަތް އަހަރަށް ފަހު ގައުމީ ޓީމު ތަމްސީލު ކުރަން ބަންގްލަދޭޝް އަށް ހިނގައްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ އެންމެ ކާމިޔާބު އަންހެން ދުވުންތެރިޔާ ޝަމްހާ އަހުމަދު، ހަތް އަހަރަށް ފަހު ގައުމީ ޓީމު ތަމްސީލު ކުރަން ބަންގްލަދޭޝް އަށް ހިނގައްޖެ އެވެ.

ބަންގްލަދޭޝްގައި ބާއްވާ އެންމެ ތާރީހީ މެރަތަންގައި މާދަމާ ޝަމްހާ ވާދަ ކުރާނެ އެވެ. އެއީ ރީޔޫނިއަންގައި 2015 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހާފް މެރަތަން ވާދަކޮށް މެޑަލް ހޯދި ފަހުން އޭނާ ގައުމީ ޓީމު އިވެންޓެއްގައި ވާދަކުރާ ފުރަތަމަ ރޭހެވެ. މާދަމާގެ މެރަތަންގައި ވެސް އޭނާ ވާދަކުރާނީ ހާފް މެރަތަން ކެޓަގަރީގަ އެވެ.

ބަންގްލަދޭޝްގެ ބާނީ، ބަންގުބަންދު ޝައިހް މުޖިބުއް ރަހްމާންގެ ނަމުގައި ބާއްވާ މެރަތަންގައި ޝަމްހާގެ އިތުރުން ދެން ހިމެނެނީ ގައުމީ މެރަތަން ރެކޯޑް ކުރިން ދެމެހެއްޓި މަރްޔަމް އަބްދުލް ކަރީމް (މަރީ) އާއި ލޯންގް ޑިސެޓެންސް ރޭސްތަކުގައި ކުރިއެރުން ހޯދަމުން އަންނަ ޔޫސުފް އިބްރާހިމް އާއި ފަވާޒު މުހައްމަދެވެ.

އިއްޔެ ބަންގްލަދޭޝް އަށް ފުރި ޓީމުގެ ކޯޗަކީ ތަޖުރިިބާކާރު މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދެވެ. މި ޓީމުގައި ހިމެނޭ ދުވުންތެރިންގެ ތެރެއިން މަރީ ފިޔަވައި އަނެއް ތިން ދުވުންތެރިންނަކީ ނަސްރުގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ ދުވުންތެރިންނެވެ.

ބަންގްލަދޭޝްގެ ވެރިރަށް، ޑާކާގައި ބާއްވާ މެރަތަންގައި މަރީ އާއި ފަވާޒު ވާދަ ކުރާނީ ފުލް މެރަތަންގަ އެވެ. ޝަމްހާ އާއި ޔޫސުފް ވާދަކުރާނީ ހާފް މެރަތަންގަ އެވެ.

ނަސްރު މިއަދު ބުނީ، މެރަތަންގައި ކުރިން ދުވަން ހަމަޖެހިފައިވާ ރޫޓަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

"ކުރިން ހިއްސާކޮށްފައި އޮތް ރޫޓާއި މިއަދު ގެންދިޔަ ރޫޓާ ތަފާތު. މިއަދު ހުރިހާ އެތުލީޓުން ބަހުގައި ގެންގޮސް އެ ރޫޓް ދައްކާލި. މިހާރު މިއޮތީ ވަރަށް އުނދަގޫ ރޫޓެއް،" ނަސްރު ބުންޏެވެ.

"އިންޓަނޭޝަނަލް އެެތުލީޓުންނާ ހަވާލުވެގެން ހުރި މިކޮޅުގެ އޮފިޝަލް ވެސް އެ ކޮންސާ ފާހަގަ ކުރި."

މިދިޔަ މަހު ނަސްރު ބުނީ، ބަންގުބަންދު މެރަތަންގައި އޭނާގެ ޓާގެޓަކީ ޝަމްހާ ލައްވައި މެޑައްޔެއް ނުވަތަ އަލުން ހާފް މެރަތަންގެ ގައުމީ ރެކޯޑް މުގުރާލުން ކަމަށެވެ. ކުރިން އޮތް ރޫޓަށް ބަދަލު ގެނައުމުން ޓާގެޓަށް ބަދަލު އަންނާނެތޯ ސުވާލު ކުރުމުން ނަސްރު ބުނީ ގޮންޖެހުންތައް އެބަހުރި ކަމަށާއި ނަމަވެސް ޓާގެޓް ބަދަލު ނުވާނެ ކަމަށެވެ.

"އެ ޓާގެޓް ހާސިލު ކުރަން މިހާރު ވާނީ ވަރަށް އުނދަގޫ ކަމަކަށް. ވަރަށް މަސައްކަތުން އެ ޓާގެޓް ހާސިލު ކުރެވިދާނެ،" ގައުމީ މެރަތަން ރެކޯޑް ދަމަހައްޓަމުން އަންނަ ޝަމްހާގެ ޓާގެޓާ ބެހޭގޮތުން ނަސްރު ބުންޏެވެ.

ޖަރުމަންގައި ދިރިއުޅެމުން އަންނަ ޝަމްހާ މެރަތަން ރެކޯޑް ހެދީ ސެޕްޓެމްބަރު މަހު އެ ގައުމުގައި ބޭއްވި ބާލިން މެރަތަންގަ އެވެ. ބާލިން މެރަތަން އޭނާ ނިންމީ 3:02:41 (3 ގަޑިއިރާއި 2 މިނެޓް 41 ސިކުންތު) އިންނެވެ. ކުރިން އެ ރެކޯޑް އޮންނަނީ މަރީ އަތުގަ އެވެ. އޭނާ އެ ރެކޯޑް ހެދީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި 3:21:54 އިން ރޭސް ނިންމައިގެންނެވެ.

ބާލިން މެރަތަންގައި ވެސް މަރީ ވާދަކުރި އެވެ. ސައުތު އޭޝިއަން ގޭމްސްގައި އޭނާ ނިންމި ވަރަށް ވުރެ އަވަހަށް ބާލިންގައި ރޭސް ނިންމި އެވެ. އޭނާގެ ޓައިމިން އަކީ 3:15:18 އިންނެވެ.

މެރަތަން ރެކޯޑް މގުރާލުމުގެ ހަފުތާއެއް ކުރިން ޝަމްހާ ވަނީ ސެޕްޓެމްބަރު މަހު ނޯވޭގެ އޮސްލޯގައި ބޭއްވި ހާފް މެރަތަންގައި ވާދަކޮށް ޝަމްހާ 1:27:51 އިން ނިންމައި ހާފް މެރަތަންގެ ގައުމީ ރެކޯޑް ވެސް މުގުރާލައިފަ އެވެ. ކުރިން އެ ރެކޯޑް ވެސް އޮންނަނީ މަރީ އަތުގަ އެވެ. ފެބްރުއަރީ މަހު ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ރަކް އަލް ހައިމާ ހާފް މެރަތަންގައި މަރީ އޭރު ރެކޯޑް ހެދީ 1:30:46 ންނެވެ.