Roadha Mihaaru
ޝަމްހާގެ ރެކޯޑަށް 20 އަހަރު!

ޝަމްހާގެ ރެކޯޑަށް 20 އަހަރު!

05 އޯގަސްޓް 2018

ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ޝަމްހާ އަހުމަދު އެންމެ ފުރަތަމަ މުގުރާލިތާ 20 އަހަރު މިދިޔަ ހަފުތާގައި ފުރިއްޖެ އެވެ. ޖުމްލަ ތިން ފަހަރެއްގެ މަތިން އޭނާ އެ ރެކޯޑް ހެދިއިރު، އެންމެ ފަހުން ރެކޯޑް ހެދިތާ މިއަދަށް ބަރާބަރު 17 އަހަރު ފުރޭނެ އެވެ. އޭގެ ފަހުން އޭނާ ދުވުން ހުއްޓާލައި، އަލުން ފަށައި މެދު ރާސްތާ އާއި ދިގު ރާސްތާ ދުވުމުގެ ރެކޯޑްތަކެއް ވެސް ހަދައިފި އެވެ. އުމުރުން 35 އަހަރުގައި މިއަދު ވެސް އޭނާގެ މަސައްކަތަށް ހުއްޓުމެއް ނެތެވެ. އެކަމަކު އަދިވެސް އޭނާގެ 100 މީޓަރު ރެކޯޑް އަތުލެވޭނެ ދުވުންތެރިއެއް ނެތެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ޝަމްހާ އަހުމަދު އެންމެ ފުރަތަމަ މުގުރާލިތާ 20 އަހަރު މިދިޔަ ހަފުތާގައި ފުރިއްޖެ އެވެ. ޖުމްލަ ތިން ފަހަރެއްގެ މަތިން އޭނާ އެ ރެކޯޑް ހެދިއިރު، އެންމެ ފަހުން ރެކޯޑް ހެދިތާ މިއަދަށް ބަރާބަރު 17 އަހަރު ފުރޭނެ އެވެ. އޭގެ ފަހުން އޭނާ ދުވުން ހުއްޓާލައި، އަލުން ފަށައި މެދު ރާސްތާ އާއި ދިގު ރާސްތާ ދުވުމުގެ ރެކޯޑްތަކެއް ވެސް ހަދައިފި އެވެ. އުމުރުން 35 އަހަރުގައި މިއަދު ވެސް އޭނާގެ މަސައްކަތަށް ހުއްޓުމެއް ނެތެވެ. އެކަމަކު އަދިވެސް އޭނާގެ 100 މީޓަރު ރެކޯޑް އަތުލެވޭނެ ދުވުންތެރިއެއް ނެތެވެ.

އަމީނިއްޔާ ސްކޫލުގައި ކިޔަވަމުން ދިޔައިރު 1998 ވަނަ އަހަރު އެ ސްކޫލުގެ ސްޕޯޓްސްމީޓުގައި ހުސްފައި އޭނާ ވަނީ، ގައުމީ ރެކޯޑް ޓައިމިންއަކަށް ދުވެފަ އެވެ. އެހިސާބުން އެސޯސިއޭޝަނުން އުމުރުން 16 އަހަރުގެ ދުވުންތެރިއާ އެ އަހަރުގެ ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕަށް ފޮނުވި އެވެ. އެންމެ ފުރަތަމަ ގައުމީ ރެކޯޑް ހެދީ 13.58 ސިކުންތުން ދުވެ އެ މުބާރާތުގަ އެވެ.

ޝަމްހާ ބުނި އިޝްރަތު ހަމީދުގެ ރެކޯޑް އޭނާ އަށް މުގުރާލައި އަދި ކުރިއެރުންތައް ލިބުމުގެ އެންމެ ބޮޑު ސިއްރަކީ އޭރުގެ ކޯޗު އިންޑިއާގެ ނަޔަރާއި، މިކަމަށް ލޯބި ހުރެގެން ކުރި މަސައްކަތެވެ. ޔޫރޯ ސްޓޯރުގެ ސްޕޮންސަޝިޕެއްގެ ދަށުން ކެއުމަށް މަހަކު 500 ރުފިޔާ ލިބުމުގެ ކުރިން ވެސް ކޯޗު އަމިއްލަ އަށް ބައެއް ފަހަރަށް އޭނާ އަށް ކެއުން ތައްޔާރުކޮށްދެ އެވެ. ބޭނުމަކީ ދެ އިރު ހަދާ ބުރަ ތަމްރީންތަކަށް ބޭނުންވާ އެކަށީގެންވާ ހަކަތަ ހޯދައިދިނުމެވެ.

"ކޯޗު މެންދުރު ކައްކާފައި އަޅުގަނޑަށް ކާން ގޮވާނެ،" ޝަމްހާ ބުންޏެވެ. "އަނެއްކާ އޭރު އެއީ ވަރަށް ރަނގަޅު ތަމްރީންތަކެއް. ކޮންމެ ދުވަހަކު ދެއިރު އެގޮތަށް ތަމްރީން ހެދުނީ މިކަމަށް ލޯބި ހުރީމާ."

އެކަން އޭނާ ސާބިތުކޮށްދިނެވެ. ނޭޕާލުގައި 1999 ވަނަ އަހަރު ބޭއްވި ސާފް ގޭމްސް އާއި 2001 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި 100 މީޓަރުގެ ރެކޯޑް އާކުރި އެވެ. އަދި ރާއްޖޭގެ 200 މީޓަރު ދުވުމުގެ ރެކޯޑް ހެދި އެވެ.

ޝަމްހާ (ވ) އޭނާގެ މަންމައާ އެކު.

ޝަމްހާ (ވ) އޭނާގެ މަންމައާ އެކު.

އެކަމަކު 2003 ވަނަ އަހަރު ޖަރުމަން މީހަކާ ކައިވެނިކޮށް އެ ގައުމަށް ދިރިއުޅުން ބަދަލުކުރި ހިސާބުން ޝަމްހާ އަށް ދުވުމާ ދުރަށް ދާން ޖެހުނެވެ. ކުދިން ބަލަން ޖެހޭތީ އޭނާ އަށް ދުވަން ދެވޭނެ ގޮތެއް ނެތެވެ. ދުވުމުގެ ފުރުސަތަކަށް ބަލަބަލާ ހުރި ޝަމްހާގެ ނަސީބު އަތުގައި ދުވާ ގްރޫޕަކާ ދިމާވުމުންނެވެ. އަދި ދަރިން ސްކޫލަށް ދިއުމުން، އެ ގްރޫޕާ އެކު ދުވަން ފެށި އެވެ. ޖަރުމަނުގެ އަރާމު މާހައުލުގައި އަލުން ދުވުމުގެ ތެރެއަށް ނުކުތުން ވެގެން ދިޔައި ޝަމްހާގެ ތަރި ދެ ވަނަ ފަހަރަށް އަރަން މެދުވެރިވި ސަބަބަށެވެ.

އޭނާ ފަހަތަށް ޖައްސާލެވޭނެ އަންހެން ދުވުންތެރިއަކު އަދިވެސް ނެތްކަން ޝަމްހާ ސާބިތުކޮށްދިނީ އަލުން ފަށައިގެން އިތުރު ރެކޯޑްތަކެއް ހަދައިގެންނެވެ. އެގޮތުން 2014 ވަނަ އަހަރުގެ ދުނިޔޭގެ ހާފް މެރެތަން ޗެމްޕިއަންޝިޕުގައި ދުވެ ރާއްޖޭގެ އަންހެނުންގެ ހާފް މެރެތަން ރެކޯޑް މުގުރާލި އެވެ. އަދި 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 10000 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައި އެ އިވެންޓުން ގައުމީ ރެކޯޑް ހެދި އެވެ. މިދިޔަ އަހަރު ފަސް ކިލޯމީޓަރު ރެކޯޑް ވެސް މުގުރާލި އެވެ.

މީގެ ތެރެއިން ހާފް މެރެތަން އާއި ފަސް ކިލޯމީޓަރުގެ ރެކޯޑް މަރިޔަމް އަބްދުލްކަރީމް (މަރީ) ވަނީ ފަހުން މުގުރާލައިފަ އެވެ. ޝަމްހާ މިހާރު މަސައްކަތްކުރަމުން އަންނަނީ އެ ރެކޯޑް އަލުން އޭނާ ހެދުމަށެވެ. އަދި 10000 މީޓަރު ދުވުމުގެ ރެކޯޑް އާކުރުމަކީ ވެސް އަމާޒެވެ.

"މިހާރު މި ތައްޔާރުވަނީ ކޮލޯން މެރެތަން އަށް. އަންނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފުރުސަތު ލިބިއްޖެއްޔާ ދާނަން،" ޝަމްހާ ބުންޏެވެ.

އެކަމަށްޓަކައި އޭނާ އަންނަނީ ކޯޗެއްގެ ބެލުމުގެ ދަށުން ތަމްރީން ހަދަމުންނެވެ. އުމުރުން 14 އަހަރާއި 13 އަހަރުގެ ފިރިހެން ދެ ކުދިންގެ ބަލަމުން ޝަމްހާ ހަފުތާއަކު 60 ކިލޯމީޓަރުގެ ތަމްރީން ހަދަނީ ދުވުމަށް އޮތް ލޯތްބެއްގެ ސަބަބުން އެކަންޏެއް ނޫނެވެ.

"ޖަރުމަނުގައި ދިރިއުޅުނަސް ގައުމު ދެކެ ވަރަށް ލޯބިވޭ. އަދިވެސް ބޭނުންވަނީ ގައުމަށް ރީތިނަމެއް ހޯދައިދޭން،" ރާއްޖޭގެ އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ ނީލާ އަހުމަދުގެ ދައްތަ ޝަމްހާ ބުންޏެވެ.

2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޝަމްހާ މެޑަލް ހިފައިގެން. --ފޮޓޯ: އެމްއޯސީ

2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޝަމްހާ މެޑަލް ހިފައިގެން. --ފޮޓޯ: އެމްއޯސީ

އޭނާ ބުނީ އޭރު ވެސް މިހާރު ވެސް މިކަމުގައި އުޅެވެނީ އާއިލާގެ އެހީތެރިކަން ލިބޭތީ ކަމަށާއި ހާއްސަކޮށް ޖޫނިއާ ދުވަސްވަރު މަންމަގެ ފަރާތުން އެ ލިބުނު އެއްބާރުލުން އަބަދު ވެސް ފާހަގަކުރަނެ ކަމަށެވެ.

"މަންމަންގެ ހުންނަނީ މުޅިން އެހެން ކަހަލަ ރޫހެއް،" ޝަމްހާ ބުންޏެވެ. "މިހާރު ކުދިންގެ އެހީ ވަރަށް ލިބޭ. އަޅުގަނޑު ޓްރެއިނިންގައި އުޅޭއިރު އެ ކުދިން އަމިއްލައަށް ހޯމްވޯކް ހެދުން ކަހަލަ ކަންކަމަށް ބެލިޔަސް."

އޮލިމްޕިކް ގޭމްސް ގައި 2000 ވަނަ އަހަރު ދުނިޔޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ މެރިއަން ޖޯންސާ އެކު އެކު ދުވުމުގެ ޝަރަފު ހޯދާފައިވާ ޝަމްހާ އިތުރު ކާމިޔާބީތަކާ ދިމާލަށް ދަތުރުކުރަމުން އައި ނަމަވެސް ޒުވާން އެތުލީޓުންނާ މެދު ވިސްނަ އެވެ. އޭނާގެ ރެކޯޑް ވެސް މުގުރާލެވި އަދި އަންހެން ދުވުންތެރިންނަށް އިތުރު ފުރުސަތުތައް ލިބެން އެދެ އެވެ.

"ކުރާ ހިތުން، ހިތުގެ އަޑިން ކުރަންޏާ ކާމިޔާބުވާނެ. އަމިއްލަ ވަގުތު ވެސް ގުރުބާން ކުރަން ޖެހޭނެ،" އެ ކުދިންނަށް އޮތް ނަސޭހަތަކީ އެއީ އެވެ.