Roadha Mihaaru
5000 މީޓަރު ރެކޯޑް މިފަހަރުވެސް ޝަމްހާ މުގުރާލައިފި

ދެ ހަފުތާ ފަހުން ޝަމްހާ އަނެއްކާ ވެސް 5000 މީޓަރުގެ ރެކޯޑް މުގުރާލައިފި

05 މެއި 2024

ޖަރުމަނުގެ ވަސެންބާގް އިއްޔެ ބޭއްވި ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ޝަމްހާ އަހްމަދު 5000 މީޓަރުގެ ރެކޯޑް އަނެއްކާ ވެސް މުގުރާލައިފި އެވެ.

ޖަރުމަނުގެ ވަސެންބާގް އިއްޔެ ބޭއްވި ލޯންގް ޑިސްޓެންސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ ޝަމްހާ އަހްމަދު 5000 މީޓަރުގެ ރެކޯޑް އަނެއްކާ ވެސް މުގުރާލައިފި އެވެ.

ޖަރުމަނުގައި ދިރިއުޅެމުންދާ ޝަމްހާ ވަނީ، މީގެ ދެ ހަފުތާ ކުރިން ވެސް މި އިވެންޓްގެ ރެކޯޑް މުގުރާލައިފަ އެވެ.

ޖަރުމަނުގެ ފްރެފްރަތު ރެއިލްވޭ އޯޕަން 5000 މީޓަރުގެ ރޭސް، 19 މިނެޓާއި 42.45 ސިކުންތުން މިދިޔަ މަހު 17 ވަނަ ދުވަހު ހެދި ރެކޯޑް ޝަމްހާ އިއްޔެ މުގުރާލީ 19 މިނެޓާގައި 41.86 ސިކުންތުންނެވެ.

ޝަމްހާ، އެ އިވެންޓްގެ ރެކޯޑް އަލަށް ހެދީ އޭޕްރީލް 17 ގަ އެވެ. އޭގެ ކުރިން އެ ރެކޯޑް އޮންނަނީ އާމިނަތު ޖައިޝާ ޖުނީޒް އަތުގަ އެވެ. ސެޕްޓެމްބަރު 2022 ގައި ބޭއްވި ގައުމީ މުބާރާތުގައި ދުވެ، ޖައިޝާ އެ ރެކޯޑް ހެދީ 19 މިނެޓާއި 43.09 ސިކުންތުންނެވެ.

އިއްޔެގެ ރޭހުގައި ޝަމްހާ ވަނީ ވާދަ ކުރި އުމުރުފުރާއިން ތިންވަނަ ހޯދައިފަ އެވެ. މިދިޔަ މަހު 17 ވަނަ ދުވަހު ވާދަ ކުރި ރޭހުގެ އުމުރުފުރާއިން ދެވަނަ ހޯދި އެވެ.

މިދިޔަ މަހުގެ 21 ގައި ޝަމްހާ ވަނީ 10،000 މީޓަރުގެ މިކްސްޑް އިވެންޓް ރޭހެއްގައި ވާދަކޮށް، ރާއްޖޭގެ ރެކޯޑަށް ވުރެ ބާރަށް ދުވެފަ އެވެ. އެކަމަކު މިކްސްޑް އިވެންޓަކަށް ވުމުން، ގައުމީ ރެކޯޑެއްކަމުގައި ބަލައިގަނެފައެއް ނުވެ އެވެ.

ރާއްޖޭގެ އަންހެނުންގެ 10،000 މީޓަރުގެ ރެކޯޑް އޮންނަނީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އެވެ. އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރަތަންގައި ވާދަކޮށް، 10،000 މީޓަރު މަރީ ނިންމީ 44 މިނެޓާއި ހަތް ސިކުންތުންނެވެ.

ޖަރުމަނުގެ ސީގްބާގްގައި މިދިޔަ މަހު 21 ގައި ރޭސް ޝަމްހާ ނިންމީ 40 މިނެޓާއި 18.49 ސިކުންތުންނެވެ.