Roadha Mihaaru
އަވޭ މެޗަކަށް އެކަނިމާއެކަނި 1000 މޭލަށްވުރެ ދުރަށް

އަވޭ މެޗެއް ބަލަން ސަޕޯޓަރަކު އެކަނިމާއެކަނި 1،000 މޭލަށް ވުރެ ދުރަށް

06 މާޗް 2023

ބެނެވެންޓޯ، އިޓަލީ (މާޗު 6) - އިޓަލީގެ ދެވަނަ ޑިވިޝަނުގައި ކުޅޭ ޓީމެއްގެ ސަޕޯޓަރަކު އޭނާގެ ޓީމު ރަށުން ބޭރުގައި ކުޅުނު މެޗެއްގައި ޓީމަށް ތަރުހީބުދޭން އެކަނިމާއެކަނި 1،000 މޭލަށް ވުރެ ދިގު ދަތުރެއް ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބެނެވެންޓޯ، އިޓަލީ (މާޗު 6) - އިޓަލީގެ ދެވަނަ ޑިވިޝަނުގައި ކުޅޭ ޓީމެއްގެ ސަޕޯޓަރަކު އޭނާގެ ޓީމު ރަށުން ބޭރުގައި ކުޅުނު މެޗެއްގައި ޓީމަށް ތަރުހީބުދޭން އެކަނިމާއެކަނި 1،000 މޭލަށް ވުރެ ދިގު ދަތުރެއް ކޮށްފި އެވެ.

އިޓަލިއަން ލީގަށް ޕްރޮމޯޓް ވާން މަސައްކަތް ކުރާ ކްލަބް، ސޫޑްޓިރޯލުން މިދިޔަ ހަފްތާގައި އިޓަލީގެ ބެނެވެންޓޯގައި ކުޅުނު މެޗަށް އެ ސިޓީ އަށް ދަތުރު ކުރި ސޫޑްޓިރޯލްގެ ހަމައެކަނި ސަޕޯޓަރަކީ ޑެމިއަން ގްރޫބާ ނަމަކަށް ކިޔާ މީހެކެވެ. ބެނެވެންޓޯ ކަލްސިއޯގެ ސްޓޭޑިއަމްގައި އަވޭ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ބައިގައި އިނީ ވެސް އޭނާ އެކަންޏެވެ. އެކަމަކު އޭނާގެ މޫނު މައްޗަށް ހިނިތުންވުން ގެނައީ ސޫޑްޓިރޯލުން 2-0 ން ކާމިޔާބު ކުރުމުންނެވެ.

އުމުރުން 25 އަހަރުގެ ޑެމިއަން ގްރޫބާ އެ މެޗު ބަލަން ބެނެވެންޓޯ އަށް ދަތުރު ކުރީ ވަޒީފާ އިން ދެ ދުވަހުގެ ޗުއްޓީއެއް ނަގައިގެނެވެ. އޭނާ ވަނީ އިޓަލީގެ އިރު އުތުރު ސަރަހައްދުން ގައުމުގެ އެންމެ ދެކުނަށް 1،056 މޭލު ނުވަތަ 1،700 ކިލޯމީޓަރު ކަޑައްތު ކޮށްފަ އެވެ.

ބެނެވެންޓޯ ބަލިވި ނަމަވެސް، އެ ޓީމުގެ ސަޕޯޓަރުން ވަނީ އެ މެޗު ބަލައިލާން ދަނޑަށް އައި ސޫޑްޓިރޯލްގެ ހަމައެކަނި ސަޕޯޓަރު ދެއްކި ހިތްވަރަށް ތައުރީފް ބަންޑުން ކޮށްލައިފަ އެވެ. އޭނާ އަށް ތައުރީފު ކުރުމުގެ ގޮތުން ބެނެވެންޓޯގެ ސަޕޯޓަރުން ވަނީ ސްޓޭޑިއަމްގައި ބެނާ އެއް ވެސް ދައްކާލައިފަ އެވެ.

"ކިލޯމީޓަރުތަކެއް ކަޑައްތު ކުރި ބަޔަކަށް ޝަރަފްވެރިކަން ހައްގު،" ބެނެވެންޓޯގެ ސަޕޯޓަރުން ދައްކާލި ބެނާގައި އިޓަލީ ބަހުން ލިޔެފައި ވެއެވެ.

މެޗަށް ފަހު ސޫޑްޓިރޯލްގެ ކުޅުންތެރިން ވެސް ވަނީ ޑެމިއަން ގްރޫބާ އަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އަދި ޓީމުގެ ކުޅުންތެރިއެއް މެޗުގައި ބޭނުން ކުރި ޖޯޒީ ވެސް ގްރޫބާ އަށް ހަދިޔާ ކުރި އެވެ.

"މި ދަތުރު އަންނަ އަހަރެން ނިސްބަތްވާ ބޮލްޒާނޯ ސިޓީން ބާގަމޯ ސިޓީ އަށް ދަތުރު ކުރީ ކާރެއް ކުއްޔަށް ނަގައިގެން. ދެން ބާގަމޯ އިން ނޭޕްލްސް ސިޓީ އަށް ދަތުރުކުރީ މަތިންދާ ބޯޓުގައި. އެއަށް ފަހު ނޭޕްލްސް އިން ބެނެވެންޓޯ އަށް އައީ ކާރުގައި،" ޑެމިއަން ގްރޫބާ ކިޔައި ދިނެވެ.

"ރެޖިއޯ ކަލާބްރިއާ ސިޓީ ފިޔަވައި ސޫޑްޓިރޯލް މެޗުތައް ކުޅުނު ހުރިހާ ޕްރޮވިންސަކަށް އަހަރެން ދިޔައިން. އެ ސިޓީ [ރެޖިއޯ ކަލާބްރިއާ] އަށް ނުދެވުނީ އަހަރެން އަތުގައި އެވަރަށް ފައިސާ ނެތުމުން. ނަސީބަކުން އަހަރެން މަސައްކަތް ކުރަނީ ޖަރުމަނުގެ ކްރާފްޓްސްމަނަކަށް. އަހަރެންގެ ދަތުރުތަކަށް އެމީހުން ވަރަށް ބޮޑު އެހީއެއް ވޭ. އަހަރެންގެ ބޮސް އެއީ އަދި އެއްވަނައިގެ މީހެއް."

ސޫޑްޓިރޯލްގެ ދަނޑަކީ ގާތްގަނޑަކަށް 5،500 އެއްހާ ސަޕޯޓަރުންގެ ޖާގައިގެ ދަނޑެކެވެ. މި ސީޒަންގައި އެ ޓީމު ކުޅޭ ހޯމް މެޗުތައް ބަލަން އެވްރެޖް ކޮށް 4،000 އެއްހާ ސަޕޯޓަރުން ދަނޑަށް ވަންނަކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް ކްލަބް ނިސްބަތް ވަނީ ބޮލްޒާނޯ ސިޓީގެ ދެކުނުގައި އޮންނަ ޓީރޯލް ޕްރޮވިންސްގެ ފަރުބަދަމަތީ ސަރަހައްދަކަށް ވުމުން ރަށުން ބޭރުގައި ކުޅޭ މެޗުތަކަށް ދާ އެ ޓީމުގެ ސަޕޯޓަރުންގެ އަދަދު ވަރަށް ބޮޑަށް މަދެވެ.

މިއީ ފަންސާހަކަށް އަހަރުވީ ސޫޑްޓިރޯލްގެ ތާރީހުގައި ދެވަނަ ޑިވިޝަނުގައި ކުޅޭ ފުރަތަމަ ސީޒަނެވެ. ދެވަނަ ޑިވިޝަން ނުވަތަ ސެރީ ބީ ގައި އެ ޓީމަށް ބާކީ 10 މެޗު އެބައޮތެވެ. މުޅިން އަލަށް ދެވަނަ ޑިވިޝަނަށް ކޮލިފައިވި ޓީމު މިހާރު އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ. އެއްވަނަ އަދި ދެވަނަ ޓީމަށް ސެރީ އޭ ގެ ސީދާ ޖާގައެއް ލިބޭނެ އެވެ. ތިންވަނަ އަދި ހަތަރުވަނަ ޓީމަށް ޖެހޭނީ ޕްރޮމޯޝަން ޕްލޭއޮފްގެ ސެމީ ފައިނަލް ކުޅޭށެވެ. އޭގެއިން މޮޅުވާ ޓީމެއް ޕްލޭއޮފް ފައިނަލަށް ދާނެ އެވެ. އިޓާލިއަން ލީގަށް ދެން ކޮލިފައި ވަނީ ޕްލޭއޮފް ކާމިޔާބު ކުރާ ޓީމެވެ.