Roadha Mihaaru
ހާޓްއެޓޭކެއްޖެހި އިޓަލީގެ ކުޅުންތެރިޔަކު މަރުވެއްޖެ

މެޗުގެ ތެރެއިން ހާޓްއެޓޭކެއް ޖެހި އިޓަލީގެ 26 އަހަރުގެ ކުޅުންތެރިޔަކު މަރުވެއްޖެ

17 އެޕްރީލް 2024

ފްލޮރެންސް (އޭޕްރީލް 17) – އިޓަލީގެ ދަށް ޑިވިޝަނުގެ މެޗެއްގެ ތެރެއިން ހާޓްއެޓޭކެއް ޖެހި ކުޅުންތެރިޔަކު މަރުވެއްޖެ އެވެ.

ފްލޮރެންސް (އޭޕްރީލް 17) – އިޓަލީގެ ދަށް ޑިވިޝަނުގެ މެޗެއްގެ ތެރެއިން ހާޓްއެޓޭކެއް ޖެހި ކުޅުންތެރިޔަކު މަރުވެއްޖެ އެވެ.

އިޓަލީގެ ފަސްވަނަ ޑިވިޝަންގެ ކްލަބް ކާސްޓަލްފިއޮރެންޓިނާ ޔުނައިޓެޑަށް ކުޅެމުން އަންނަ އުމުރުން 26 އަހަރުގެ މަޓިއާ ޖިއާނީ އަށް ހާޓްއެޓޭކެއް ޖުހުނީ މިދިޔަ އާދިއްތަ ދުވަހު ކުޅުނު މެޗުގެ ތެރެއިންނެވެ.

ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭނާ މަރުވީ ހޯމަ ދުވަހު އެވެ. މަޓިއާގެ މަރާ ގުޅިގެން، އޭނާގެ ބައްޕަ ސެންޑްރޯ ޖިއާނީ ވަނީ، ފުރަތަމަ ފަރުވާއާ ހަމައިން ފެށިގެން އޭނާގެ ދަރިފުޅާ މެދު މުއައްސަސާތަކުން އިހުމާލުވި ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާ ބުނީ ދަނޑުގައި އެމްބިއުލައިންސެއް ވެސް ނެތް ކަމަށެވެ.

"ހާޓް އެޓޭކް ޖެހުނުތާ 15 މިނެޓް ފަހުން އައި އެމްބިއުލައިންސްގައި އަވަސް ފަރުވާދޭނެ ޑޮކްޓަރެއް ނެތް. ދެން އައީ ދެވަނަ އެމްބިއުލައިންސެއް. އޭގައި ޑޮކްޓަރަކު ހުރި. އޭނާ ޑިފިބްރިލޭޓަރު (ހިތަށް ކަރަންޓު ޝޮކެއް ގެނެސް ހިތުގެ ހިނގުން ހުއްޓުނަ ނުދޭން ބޭނުންކުރާ އާލަތެއް) ބޭނުން ކުރި. އެކަމަކު ކީއްކުރާނީ މާ ބޮޑަށް ލަސްވެއްޖެ،" ސެންޑްރޯ ބުންޏެވެ.

އޭނާގެ ތުހުމަތުތަކާ ގުޅިގެން އިޓަލީގެ އިދާރާތަކުން ވަނީ، އެ މައްސަލަ ތަހުގީގުކުރަން ފަށާފަ އެވެ.

އޭނާ އަށް ހާޓް އެޓޭކް ޖެހުނު ފަހުން އިޓަލީގެ އެއްވަނަ ޑިވިޝަނުގައި ރޯމާ އާއި އުދިނޭޒީ ކުޅުނު މެޗުގައި ރޯމާގެ ޑިފެންޑަރު އީވާން އެންޑިކާ ދަނޑުމައްޗަށް ކުއްލިއަކަށް ވެއްޓުނެވެ. ނަސީބަކުން އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ސަލާމަތް ވި އެވެ. އެ ހާދިސާއާ ގުޅިގެން އެ މެޗު މެދުކަނޑާލި އެވެ.