Roadha Mihaaru
ވޯޓުލެވޭ އާބާދީގައި ގިނައީ ޕާޓީތަކުގައި އުޅޭ މީހުން

ވޯޓުލެވޭ އާބާދީގައި ގިނައީ ޕާޓީތަކުގައި އުޅޭ މީހުން: އިލެކްޝަންސް

06 މާޗް 2023

އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އާބާދީގައި ގިނައީ ޕާޓީތަކުގައި ރަޖިސްޓްރީ ވެފައި ތިބި މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަންނަ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އާބާދީގައި ގިނައީ ޕާޓީތަކުގައި ރަޖިސްޓްރީ ވެފައި ތިބި މީހުން ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މިއަދު ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވަނީ 283،272 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން 58 ޕަސެންޓް މީހުން ނިސްބަތްވަނީ ސިޔާސީ އެކި ޕާޓީތަކަށް ކަމަށް ވިދާޅުވި އެވެ.

އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ނުވެ ތިބި މީހުންގެ ނިސްބަތަކީ 42 ޕަސެންޓެވެ.

އިލެކްޝަން ކޮމިޝަނުން އެންމެފަހުން އާންމުކުރި ސިޔާސީ ޕާޓީތަކުގެ ލިސްޓުގައި ވާގޮތުން މިވަގުތު 11 ސިޔާސީ ޕާޓީއެއް ރާއްޖޭގައި އެބަ އޮތެވެ. އެއީ 57،660 މެމްބަރުންނާ އެކު ރާއްޖޭގައި އެންމެ ގިނަ ބަޔަކު ތިބި އެމްޑީޕީ އާއި 38،704 މެމްބަރުން ތިބި ޕީޕީއެމާއި 22،607 މެމްބަރުން ތިބި ޖުމްހޫރީ ޕާޓީ އެވެ.

ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެފައިވާ އަދަދު

- އެމްޑީޕީ 57،660

- ޕީޕީއެމް 38،704

- ޖުމްހޫރީ ޕާޓީ 22،607

- އެމްޑީއޭ: 10،386

- އަދާލަތު ޕާޓީ: 9،786

- އެމްއެންޕީ: 9،838

- ޕީއެންސީ: 3،159

- އެމްޓީޑީ: 3،016

- އެމްއާރްއެމް: 2،981

- އެމްއެމްއެސްޑީޕީ: 2،556

- ޑީއާރްޕީ: 2،242

ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ ސެޕްޓެމްބަރު ނުވައެއްގަ އެވެ. އިންތިހާބާ ގުޅޭ މުހިއްމު ތަފާސްހިސާބުތަކެއް އީސީން އާއްމުކުރިއިރު، ރިޔާސީ އިންތިހާބު މިހާތަނަށް ކާމިޔާބުކޮށްފައި ވަނީ ސިޔާސީ ޕާޓީތައް ގުޅިގެން ހަދާ ކޯލިޝަނަށެވެ. އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން މިހާތަނަށް ބޭއްވި ރިޔާސީ އިންތިހާބު ފުރަތަމަ ބުރުގައި ރައީސަކު ހޮވީ 2018 ގަ އެވެ. އެއީ ވެސް ސިޔާސީ ޕާޓީތައް ގުޅިގެން ހެދި އިއްތިހާދަކުންނެވެ. އެއް ޕާޓީއަކަށް ނުވަތަ އެއް ކެންޑިޑޭޓަކު އެކަނި ވާދަކޮށްގެން އިންތިހާބު ކާމިޔާބު ކުރެވޭ ވަރަށް މިހާތަނަށް ވޯޓު ލިބިފައެއް ނުވެ އެވެ. ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކަނޑައަޅައި ޕާޓީތަކުން އަންނަނީ ކެމްޕޭނަށް ތައްޔާރުވަމުންނެވެ.