Roadha Mihaaru
10،000 މެމްބަރުން ހަމަވެ، ފައިސާ ލިބޭ ލިސްޓަށް ޕީއެންސީ

10،000 މެމްބަރުން ހަމަވެ، ފައިސާ ލިބޭ ލިސްޓަށް ޕީއެންސީ

14 ޑިސެމްބަރ 2023

ވެރިކަން ކުރާ ޕީއެންސީ އަށް 10،000 މެމްބަރުން ހަމަވެ، ދައުލަތުގެ ފައިސާ ލިބޭ ލިސްޓަށް އެ ޕާޓީ އަރައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވެރިކަން ކުރާ ޕީއެންސީ އަށް 10،000 މެމްބަރުން ހަމަވެ، ދައުލަތުގެ ފައިސާ ލިބޭ ލިސްޓަށް އެ ޕާޓީ އަރައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު އިއްޔެ ފާސްކުރި ދުވަހާ ހަމައަށް، 10،000 މެމްބަރުން ހަމަވަނީ ހަ ޕާޓީއެއްގައި ކަމަށެވެ.

އެ ޕާޓީތަކަކީ؛

- އެމްޑީޕީ

- ޕީޕީއެމް

- ޖުމްހޫރީ ޕާޓީ

- އަދާލަތު ޕާޓީ

- އެމްޑީއޭ

- ކޮންގްރެސް ޕާޓީ (ޕީއެންސީ)

އެ ލިސްޓުގައި މި ފަހަރު ނުހިމެނެނީ، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފެއްދެވި އެމްއެންޕީ އެވެ.

ވެރިކަން ކުރާ ޕާޓީ އަށް 10،000 މެމްބަރުން ހަމަކުރިއިރު، އެ ޕާޓީގައި މިދިޔަ ފެބްރުއަރީ 21 ގެ ނިޔަލަށް ތިބީ 3،159 މެމްބަރުންނެވެ. އެކަމަކު، އެންމެ ބޮޑު ޕާޓީއަށް ހެދުމުގެ އަޒުމުގައި ޕީއެންސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ހިންގަން ފަށައިފަ އެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް ކުރިން ވިދާޅުވީ އުއްމީދަކީ މި އަހަރުގެ ނިޔަލަށް ޕީއެންސީގެ މެމްބަރުންގެ އަދަދު 25،000-30،000 އަށް އިތުރުކުރުން ކަމަށެވެ. އެކަމުގެ ތެރެއިން، 12،000 ފޯމު ހުށަހަޅާފައިވާ ކަމަށް، މިދިޔަ މަހުގެ ފަހުކޮޅު އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެ ޕާޓީގައި މި ވަގުތު ތިބި މެމްބަރުންގެ އަދަދެއް ސާފެއް ނުވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ. އަދި އެ ފައިސާ ބަހާނީ، 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެދުގައި، އެ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދަށް ބަލައިގެންނެވެ.