Roadha Mihaaru
ކެފޭއަށް ގެއްލުންދިން މައްސަލާގައި އިތުރު މީހަކު ބަންދު

ކެފޭއަށް ގެއްލުން ދިން މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

06 މާޗް 2023

ހުޅުމާލެ "ޖޫސް ޓައިމް" ކެފޭއަށް ގެއްލުންދިން މައްސަލައިގައި އިތުރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލެ "ޖޫސް ޓައިމް" ކެފޭއަށް ގެއްލުންދިން މައްސަލައިގައި އިތުރު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

މީޑިއާއަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިދިޔަ މަހުގެ 17 ގައި ޖޫސް ޓައިމް އަށް، ހެލްމެޓް އަޅައިގެން ވަދެ، މަރުތޭލުން އެ ތަނަށް ގެެއްލުން ދިން މައްސަލައިގެ ތުހުމަތަށް ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިއްޔެ ވަނީ 19 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، އެ ޒުވާނަކީ ކެފޭއަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.

ކެފޭ އަށް ގެއްލުން ދިން މައްސަލައިގެ ތަހުގީގަށް ގެއެއް ފާސްކޮށް، މާރާމާރީ ހިންގަން ބޭނުންކުރާ ތަކެއްޗާއި މަސްތުވާތަކެއްޗާ އެކު ހަތް މީހަކު މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި އެވެ. ނަމަވެސް، ހައްޔަރުކުރި މީހުންނަކީ ސީދާ މާރާމާރީއާ ގުޅުން އޮތް ބައެއް ނޫނެވެ.

އެ މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދަށް ހަތަރު ދުވަސް ޖެހިއިރު ދެން ހުރި މީހާ ކޯޓުން ދޫކޮށްލީ ޝަރުރުތަކާއެކުގަ އެވެ. ކޯޓަށް ނުގެންގޮސް އަންހެން މީހާ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ހެލްމެޓް އަޅައި، މޫނު ނިވާކޮށްގެން ތިބި ދެ ފިރިހެނަކު ކެފޭއާ ދިމާލަށް ހިނގައިގަނެގެން ދާ ތަން ފެނުމުން އެ ތަނުގެ ކައުންޓަރުގައި އިން ފިރިހެނަކު އެތެރެއަށް ވަންނަ ތަނެވެ. އޭރު އެ ސަރަހައްދު ބޭރުގައި މިހުން ވެސް ތިއްބެވެ. ދެ މީހުން އެތެރެއަށް ވަނުމަށް ފަހު، އެ މޭޒު މަތީގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް ބިން މައްޗަށް އުކާލައި މަރުތޭލުން އެކި ތަންތަނުގައި ތަޅަ އެވެ. އެ ވަގުތު މީހަކު ހަޅޭއްލަވާ އަޑު ވެސް އިވެ އެވެ.

އެ މީހުން ކެފޭ އިން ނުކުމެގެން ދިއުމުގެ ކުރިން، އެ ތަނުން އެކަކު އެކައުންޓަރުގެ ވަތްގަނޑުން އެއްޗެހިތަކެއް ނަގައިގެން ޖީބަށް ލަ އެވެ. އަދި ސައިކަލުގައި ދެ މީހުން ދިއުމުން އެ ސަރަހައްދާ ދިމާލަށް ބަޔަކު ދުވެފައި ދާތަން ވީޑިއޯ އިން ފެނެ އެވެ.