Roadha Mihaaru
ސިޓީ ބަލިކޮށް، ޗެލްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

ސިޓީ ބަލިކޮށް، ޗެލްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި

30 މެއި 2021

ޕޯޓޯ (30 މެއި) - ޖަރުމަންގެ މިޑްފީލްޑަރު ކައި ހަވާޓްޒް ޖެހި ލަނޑާއެކު، ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ މެންޗެސްޓާ ސިޓީ އަތުން 1-0 އިން މޮޅުވެ، ޗެލްސީން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފި އެވެ. މިއީ ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ދެވަނަ ފަހަރެވެ.

ޕޯޗުގަލްގައި ކުޅުނު ފައިނަލް މެޗުގައި ސިޓީގެ މައްޗަށް ޗެލްސީ އަށް ކުރި ލިބުނީ މެޗުގެ 42 ވަނަ މިނިޓުގައި ކައި ޖެހި ލަނޑުންނެވެ. މޭސަން މައުންޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސިޓީގެ ގޯލްކީޕަރު އެޑަސަން ކައިރިން ސަލާމަތްވުމަށް ފަހު، ކައި އަށް ޖެހުނީ ހުސް ގޯލަކަށް ބޯޅަ އަމާޒުކޮށްލާށެވެ.

މި ސީޒަންގައި އިނގިރޭސި ޕްރިމިއާ ލީގާއި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދި ސިޓީ އަށް މުޅި މެޗުގައި ވެސް ޗެލްސީގެ ޑިފެންސް ފޫއަޅުވާލުމަށް އުނދަގޫވި އެވެ.

ޗެލްސީގެ ކުޅުންތެރިން މެޗަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

ޗެލްސީގެ ކުޅުންތެރިން މެޗަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ / އޭއެފްޕީ

މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފިލް ފޯޑަން އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ފޯޑަން އަށް ހުރަސްއެޅީ ޗެލްސީގެ ޑިފެންޑަރު އެންޓޯނިއޯ ރޫޑިގާ އެވެ.

ދެވަނަ ހާފުގައި ސިޓީން ޗެލްސީގެ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ނުރައްކާތެރި ބޯޅަ ޗެލްސީގެ ސެޒާ އަޒްޕިކުއެލްޓާ ސާފުކޮށްލިއިރު، މެޗު ނިމެނިކޮށް ސިޓީގެ ރިޔާދު މަހްރޭޒް ފޮނުވާލި ހަމަލާއެއް ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

މިއީ މި ސީޒަންގައި ސިޓީގެ މައްޗަށް ޗެލްސީން ކުރި ހޯދި ތިން ވަނަ ފަހަރެވެ.

މި ނަތީޖާއާއެކު، މި ސީޒަންގައި ތިން ތަށި ހޯދުމަށް ސިޓީން ކުރަމުންދިޔަ އުންމީދުތައް ފެނަށް ގޮސްފަ އެވެ. އަދި ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބު މުބާރާތް ކާމިޔާބުކުރުމަށް ސިޓީން ކުރަމުންދާ އިންތިޒާރު ވަނީ ދިގުވެފަ އެވެ. -- އޭއެފްޕީ