Roadha Mihaaru
އެއާޕޯޓު ކެމެރާތަކުގެ ފުޓޭޖް ފުލުހުންނަކަށް ނުލިބޭ!

އެއާޕޯޓު ކެމެރާތަކުގެ ފުޓޭޖް ފުލުހުންނަކަށް ނުލިބޭ: ސިޕީ

07 މާޗް 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކެމެރާތައް ވަގުތުން ބެލުމުގެ ހުއްދަ ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކެމެރާތައް ވަގުތުން ބެލުމުގެ ހުއްދަ ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގެއްލިގެން ހޯދަމުން އަންނަ މީހުންގެ މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް މިއަދު ވަނީ ފުލުހުން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ކޮމެޓީގެ ބައްދަލުވުމުގައި ބޮޑަށް މަޝްވަރާކޮށްފައި ވަނީ މިދިޔަ މަހު ފަސްވަނަ ދުވަހު މާލެއިން ގެއްލުނު އަހްމަދު އާސިރު، 31، ހޯދުމަށް ހިންގި ތަހުގީގުގައި ކަން ހިންގާފައިވާ ގޮތާ ގުޅޭގޮތުންނެވެ.

ކޮމެޓީގައި، ފުލުހުންނަށް އެއާޕޯޓުގެ ކެމެރާތަކުގެ ފުޓޭޖް ލިބޭތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ވިދާޅުވީ ވީޑިއޯ ފުޓޭޖްތައް ހޯދުމަށް ފުލުހުންނަށް ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

"އެއާޕޯޓު ކެމެރާތަކުގެ ފުޓޭޖަކީ ތަހުގީގަކާ ގުޅުވައިގެން ހޯދޭނެ ފުޓޭޖް. ނަމަވެސް އެ ތަނުގައި ގާއިމްވެ ތިބޭ ފުލުހުންނަށް ރިއަލް ޓައިމްކޮށް ސީސީޓީވީ ފުޓޭޖްތަކަށް އެކްސެސްއެއް ނޯވޭ."

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ސީޕީ ވިދާޅުވީ އެއާޕޯޓް ކެމެރާތަައް ފުލުހުންނަށް ނުލިބޭކަމުގެ ކަންބޮޑުވުން، މަޖިލީހުގައި މީގެ ކުރިން ވެސް ފާޅުކުރައްވާފައި ވާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއާޕޯޓެއް ނޫނީ އެއާސައިޓެއް ކަމަށްވިޔަސް އެ ތަނެއްގައި ޖިނާއީ އަދި އާންމު ރައްކާތެރިކަމާ ގުޅުމެއް ހުރި ތަނެއް ކަމަށް ވަންޏާ އެއީ ފުލުހުންގެ އިހުތިސާސް ހިނގާ ކަންކަން،" އޭނާ ވިދާޅުވި އެވެ.

އެ ތަންތަނުގެ ފުޓޭޖް ފުލުހުންނަށް ވެސް ބެލެން ޖެހޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

މިއަދުގެ ކޮމެޓީގައި ފުލުހުން ވަނީ މީހަކު ގެއްލިގެން ރިޕޯޓު ކުރުމުން ފުލުހުން ތަހުގީގު ކުރިއަށް ގެންދާ ގޮތް ކިޔައިދީފަ އެވެ. އެގޮތުން އާސިރު ގެއްލިގެން ރިޕޯޓު ކުރި ދުވަހުން ފެށިގެން އޭނާ ފެނުމާ ހަމައަށް ކަންތައްވީގޮތް ފުލުހުން ހިއްސާކުރި އެވެ.

އާސިރު ހޯދުމަށް ފުލުހުން ކުރި މަސައްކަތާއި ދިމާވި ގޮންޖެހުންތައް

މި މަހުގެ ފަސް ދުވަހު ޑިއުޓީ އަށް ދާން ގެއިން ނުކުތް ފަހުން ވީނުވީއެއް ނޭނގި ގެއްލުނުތާ 13 ދުވަސް ފަހުން ވެލާނާ އެއާޕޯޓުގައި އިންދައި ފެނުނު އަހުމަދު އާސިރު އެ ދުވަސްތަކުގައި އުޅުނު ތަނެއްގެ ވާހަކަ މިއަދާ ހަމައަށް ވެސް ނޭނގެ އެވެ.

އާސިރު ފެނުނީ މިދިޔަ މަހު 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި، ވެލާނާ އެއާޕޯޓްގެ އިންޓަނޭޝަނަލް ޓާމިނަލްގެ ވެއިޓިން އޭރިއާގެ ގޮނޑިއެއްގައި އިށީނދެގެން އިންދަ އެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، އާސިރު ހޯދުމަށް މާލޭގެ ކެމެރާތައް ބެލުމަށްފަހު ފުލުހުންގެ ތަހުގީގަށް ލިބުނު މައުލޫމާތުން އެއާޕޯޓު ވެސް ބެލި ކަމަށެވެ. ނަމަވެސް އެކަމުން ކުރިއެރުމެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތް ކުރަމުންދިޔައިރު އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ (އާސިރު) އެއާޕޯޓަށް ގޮސްފައިވާކަން. އެއާޕޯޓުން އަޅުގަނޑުމެން އެތަނުގައި ހުރި ސީސީޓީވީ ފުޓޭޖަކުން، ޓެކްސީއަކުން އާސިރު އެއާޕޯޓަށް ފައިބާތަން ފެނޭ. ޓެކްސީ ވެސް ހޯދުމަށްފަހު އެ ޓެކްސީ ޑްރައިވަރު އަޅުގަނޑުމެން ގެންގުޅުނީ މިކަމުގައި. އެއީ މި މައްސަލަ ނިމިގެންދާއިރު ޑްރައިވަރަށް އެއްވެސް ގޮތަކުން އިތުރު މައުލޫމާތެއް ލިބި، ނުވަތަ އަޅުގަނޑުމެންނަށް ހާމަ ނުުކުރާ މައުލޫމާތެއް އެ ޑްރައިވަރުގެ ފަރާތުން އެނގިދާނެ ކަމަށް ބަލާފައި،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސިރު ހޯދުމަށް ތަހުގީގުކޮށް ތަންތަން ބަލަމުންދިޔައިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއާޕޯޓުގެ ކެމެރާތައް ހަރުކޮށްފައި ހުރި ގޮތުން "ބްލައިންޑް ސްޕޮޓްތައް" ގިނަކަމުން ކަމަށެވެ.

އެއާޕޯޓުން އާސިރު ފެނިފައިވަނީ ވެސް އެއާޕޯޓުގެ ކެމެރާތަކަށް ނުފެންނަ 'ބްލައިންޑް ސްޕޮޓަކުން' ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކެމެރާއިން އެންމެ ފަހުން ފެނުނު ފަހުން ދެން އާސިރު ދިޔަ ތަނެއް އަޅުގަނޑުމެންނަކަށް ފެނިފައެއް ނެތް."

ފުލުހުން ވަނީ އާސިރު ހޯދުމަށް ވެލާނާ އެއާޕޯޓާއި ޑޮމެސްޓިކް ޓާމިނަލް ވެސް ބަލައިފަ އެވެ. އަދި މާލެއާ ކައިރި ރަށަކަށް ލޯންޗެއްގައި ދިޔަތޯ ބެލުމަށް މާލެއާ ކައިރި ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ވެސް މަސައްކަތް ކުރި ކަމަށް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބެލިން އާސިރު އެއާޕޯޓުން ބަހަކުން، މާލެ އަށް ނޫނީ ހުޅުމާލެ އަަށް ދިއުމުގެ ފުރުސަތު އޮތުމުން އެގޮތަށް ވެސް ދިޔަތޯ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ގެސްޓްހައުސްތައް ވެސް ބެލުނު،" އޭނާ ވިދާޅުވި އެވެ.

"އެއިން އެއްވެސް ތަނަކުން ނުފެނުމުން އަނެއްކާ ވެސް އަޅުގަނޑުމެން ބެލީ އެއާޕޯޓު ތެރޭގައި އޭނަ އުޅެފާނޭ. އެއާޕޯޓަށް އަންނަ ފަރާތްތަކަށް އާސިރުގެ ފޮޓޯ ދައްކައި، ފެނުނުތޯ އަހައި މަސައްކަތްތަކެއް ކުރެވިގެން ދިޔަ، އޭނާ ފެނުނު އެއްވެސް މީހަކު ހުރިތޯ. އެއާޕޯޓުގައި ހުސް ސަރަހައްދުތައް ހުރުމާއެކު އެއާޕޯޓުގައި މަސައްކަތްކުރާ ފުލުހުންގެ އޮފިސަރުން ލައްވައި މުޅި އެއާޕޯޓު އެއްކޮށް ސާޗް ކުރިން އެއް ދުވަސް އެއްކޮށް."

އާސިރު ފެނުނުމުން ވިކްޓިމް ސަޕޯޓާއި އާއިލާއާ ގުޅިގެން އެދިޔަ ދުވަސްތަކުގައި އޭނާ އުޅުނީ ކޮން ތަނެއްގައިތޯ ހޯދުމަށް މަސައްކަތް ކުރެވުނު ނަމަވެސް އެއްވެސް ވާހަކައެއް ނުދައްކާތީ މިހާތަނަށް އިތުރު ކަމެއް ފުލުހުންނަށް ވެސް ހޯދިފައެއް ނުވެ އެވެ.

އާއިލާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އާސިރަކީ ނަފްސާނީ ބައްޔަކަށް ފަރުވާހޯދާ މީހެކެވެ.