Roadha Mihaaru
މާލޭގައި ގެތަކާ ކައިރީގައި މައުދަން ގުދަންކުރާތީ ޝަކުވާ

މީހުން ދިރިއުޅޭ ގެތައް ކައިރީގައި މައުދަން ގުދަންކުރާތީ ޝަކުވާ ބޮޑުވެއްޖެ

07 މާޗް 2023

މާލޭގައި މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުން ފަދަ މަސައްކަތް ކުރުން އިތުރުވެފައި ވާތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭގައި މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުން ފަދަ މަސައްކަތް ކުރުން އިތުރުވެފައި ވާތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އީޕީއޭގެ އިއުލާނެއްގައި ބުނީ މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި މިކަހަލަ މަސައްކަތް ކުރުން އިތުރުވެ، މީހުންނަށް ތަފާތު އެކި އުދަނގޫތައް ވަމުންދާ ކަމަށާއި ސިއްހީ ގޮތުން އެ މީހުން ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމުގެ ޝަކުވާ ވެސް އެ އެޖެންސީ އަށް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ.

ރާއްޖޭގައި ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދުގެ ދަށުން، ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަތަ ރީސައިކަލް ކުރުމުގެ މަސައްކަތްތައް ކުރަންވާނީ ހުއްދަ ހޯދައިގެން ކަމަށް އީޕީއޭއިން ހަނދާންކޮށްދިނެވެ. ހުއްދަ ނެތި އެކަހަލަ މަސައްކަތްތައް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއް ކަމަށް ވެސް އީޕީއޭގެ އިއުލާނުގައި ބުންޏެވެ.

އެ އެޖެންސީން ބުނި ގޮތުގައި، އެއްވެސް ރައްކާތެރިކަމެއް ނެތި މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ހިނގާވެބިގާވެ އުޅޭ މީހުންގެ ސިއްހަތަށް ވެސް ބޮޑެތި ގެއްލުންތައް ލިބުމުގެ ފުރުސަތު އެބައޮތެވެ. އެކަހަލަ މަސައްކަތްތަކަކީ ކުނީގެ އަދަދު މަދުކުރުމަށް ކުރެވޭ ކަމަކަށް ވިޔަސް، އެ މަސައްކަތްތައް ކުރަން ވާނީ އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއެކު، ނަގަން ޖެހޭ ހުއްދަތައް ނަގައިގެންނެވެ.

"އެހެންކަމުން، އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭ އެފަދަ މަސައްކަތް ކުރުމުގެ ހުއްދައަކަށް އެދި މި އެޖެންސީ އަށް ހުށަހެޅުމަށް ދަންނަވަމެވެ،" އެ އިއުލާނުގައިވެ އެވެ.

އިންސާނުންގެ ސިއްހަތާއި އިންސާނާ ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރެވޭނީ އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށް ވާތީ، އެކަހަލަ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން އެ އެޖެންސީއަށް މިކަމުގައި އެއްބާރުލުން ދިނުމަށް ވެސް އީޕީއޭއިން އިލްތިމާސްކުރި އެވެ.

މާލޭގައި މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި ނުރައްކާތެރި ބާވަތްތަކުގެ އެއްޗެހި ގުދަންކުރުމުގެ މައްސަލަ އަބަދުވެސް ބޮޑެވެ. އެގޮތަށް ގުދަން ކޮށްފައި ހުންނަ އެއްޗެހީގެ ސަބަބުން މީގެ ކުރިން ނުރައްކާތެރި ވަރަށް ގިނަ ހާދިސާތައް ވެސް ހިންގާފައިވެ އެވެ.