Roadha Mihaaru
ސާމީ އަގީލަށް ދައުވާ ކޮށްދޭން އޭސީސީން އެދިއްޖެ

ސާމީ އަގީލަށް، ބަސްތަކުގެ މައްސަލާގައި ދައުވާ ކޮށްދޭން އެދިއްޖެ

08 މާޗް 2023

އެއްބަސްވުމާ ހިލާފަށް، ޝަރުތު ހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމި މައްސަލާގައި ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ސާމީ އަގީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެއްބަސްވުމާ ހިލާފަށް، ޝަރުތު ހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމި މައްސަލާގައި ރީޖަނަލް އެއާޕޯޓްސްގެ ކުރީގެ ޑިރެކްޓަ ޖެނެރަލް ސާމީ އަގީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހަޅައިފި އެވެ.

އެ މަގާމުން އޭނާ ވަނީ 2021 ވަނަ އަހަރު ސަސްޕެންޑް ކޮށްފަ އެވެ.

އޭސީސީން މިއަދު ބުނީ، ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ބޭނުންވާ ބަސްތަކެއް ސަޕްލައި ކުރުމަށް 2019 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެކު، ވެފައިވާ އެއްބަސްވުމުގައި، ބަސްތަކުގައި ހުންނާނެ ކަމަށް ޝަރުތު ކޮށްފައިވާ ކަންކަން ފުރިހަމަ ނުވާ ކަމަަށެވެ.

އެއްބަސްވުމަށް ރިއާޔަތް ކުރުމެއް ނެތި، އެ ބަސްތައް ބަލައިގަންނަން ޓެންޑަ ބޯޑުގައި ވެސް އިސްކޮށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސާމީ އަގީލް އެންގެވިކަން އެނގިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް އުފުލަން އޭސީސީން ބޭނުންވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސާމީ އެކަށީގެން ނުވާ ކަމުގެ ގިނަ ސަބަބުތައް ދައްކައި ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން ވަނީ ސީއެސްސީ އަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އެކަމަކު، ސާމީއަކީ މިނިސްޓަރު އާއިޝަތު ނަހުލާއާ އަރިސް ބޭފުޅެއް ކަމަށް ބުނެ ސާމީ، ޕީއެސްއަކަށް ހަމަޖައްސަން އެދިވަޑައިގަތީ އެ ޕެޓިޝަންގެ ވެސް ފަހުންނެވެ.

ސާމީ އަށް ތާއީދުކޮށް ވެސް އޭރުގެ ޓްރާސްޕޯޓް އޮތޯރިޓީގެ 41 މުވައްޒަފަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު އަށް ފޮނުވި އެވެ. އޭގައި ބުނެފައި އޮތީ، ސާމީއާ ދެކޮޅު ޕެޓިޝަންގައި އެ މުވައްޒަފުން ސޮއިކޮށްފައި ނުވާނެ ކަމަށެވެ.