Roadha Mihaaru
އައްޑޫ މީހުންގެ ގިނަ ޝަކުވާތަކެއް މަޖިލިހަށް!

އައްޑޫ މީހުންގެ ގިނަ ޝަކުވާތަކެއް އެމްއެންޕީން މަޖިލިސް ކޮމިޓީ އަށް

08 މާޗް 2023

އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް އެމްއެންޕީން މިއަދު ހުށަހަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ވަރު ބަލާ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ އަށް އެމްއެންޕީން މިއަދު ހުށަހަޅައިފި އެވެ.

އެ މައްސަލަތައް އެ ކޮމިޓީ އަށް ހުށަހެޅުއްވީ އެމްއެންޕީގެ ނައިބު ރައީސް އަދި އައްޑޫ ހުޅުދު އަށް އުފަން އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) އެވެ.

ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްވެ އުފައްދާފައިވާ އެމްއެންޕީން ބުނީ، އެ ޕާޓީން ވަރަށް ފަހުން އައްޑު އަށް ކުރި ދަތުރުގައި އެ ސިޓީގެ ތަރައްގީއާ ގުޅޭ މަޝްރޫއުތަކާ މެދު އައްޑޫ މީހުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމާއި މި ސަރުކާރުގެ ބައެއް މަޝްރޫއުތަކާއި ސަރުކާރުން ޝާމިލްވާ ތަފާތު އެކި ވިޔަފާރިތައް ހިމެނޭ ކަމުގެ ޝަކުވާ ކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

"އައްޑޫ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ ހުރީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދަވައި ނުދެއްވުމާއި މަޝްރޫއުތައް ހުއްޓިފައި ވުމާއި ނުވަތަ މަޝްރޫއުތައް ރޭވިފައިވާ ގޮތް ސާފުނުވުން ފަދަ ކަންކަމާ މެދުގައި،" އެމްއެންޕީން ބުންޏެވެ.

އައްޑުއާ ގުޅޭ ގޮތުން އެމްއެންޕީން ފާހަގަކުރި ކަންކަން:

- ޝަންގްރިއްލާ ރިސޯޓް ބަންދުކޮށް، ގިނަ ދުވަސްތަކެއް ވެ، އެ ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތް ނުހިނގާ މައްސަލަ.

- އައްޑޫގައި 8،000 ޓޫރިސްޓު އެނދު ތަރައްގީ ކުރާނެ ކަމަށް މި ސަރުކާރުން ވެފައިވާ ވައުދު ނުފުއްދާ މައްސަލަ.

- ދޫގަސް ނުހުޅުވި ލަސްވާ މައްސަލަ.

- އެފްކޮން ކުންފުނިން ހިންގާ މަޝްރޫއުތަކާ ގުޅޭ ކަންކަން.

- އައްޑޫން އިތުރަށް ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުދާ މައްސަލަ.

އެ ކަންކަމުގެ ސަބަބުން، އައްޑޫގެ ތަރައްގީ އާއި އިގްތިސޯދުގެ ދުވެލި މަޑުޖެހި، އެ ސިޓީގެ މީހުންނަށް ލިބެން ޖެހޭ ވަޒީފާގެ ގިނަ ފުރުސަތުތަކެއް ނުލިބި އެތައް ގެއްލުންތަކެއް ވަމުންދާ ކަމުގެ ޝަކުވާ އެމްއެންޕީން މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީގައި ކުރި އެވެ.

އެ ޕާޓީން އެދުނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ވަރު ބަލާ ކޮމިޓީން އެ މައްސަލަތައް ބަލައި، ސަރުކާރު ޖަވާބުދާރީ ކުރުވައި، އެ މައްސަލަތައް ހައްލުކޮށް، މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެ ކޮމިޓީން މަސައްކަތް ކޮށްދިނުމަށެވެ.

މި ސަރުކާރުން ބުނަމުން އަންނަނީ އައްޑޫ ތަރައްގީ ކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ކަމަށެވެ. މި ނޫނީ އައްޑޫގެ ތަރައްގީ އަށް ޖުމުލަ ހައްލެއް ހޯދައިދޭން މަސައްކަތް ކުރާ ސަރުކާރެއް ނެތް ކަމަށް ވެސް އެކިއެކި ހަރަކާތްތަކުގައި މި ސަރުކާރުގެ ވެރިން ވިދާޅުވެފައި ވެ އެވެ.