Roadha Mihaaru
ޓެރަރިޒަމަށް އެހީވާ ލިސްޓުގެ މައްސަލަ މަޖިލީހަށް

ޓެރަރިޒަމް ލިސްޓުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވާނެ ގެއްލުން ބެލުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

02 އޯގަސްޓް 2023

ރާއްޖޭގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދުކުރާ އަދި ޓެރަރިޒަމަށް ފައިނޭންސްކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކާއި ކުންފުނިތަކެއް ކަނޑައަޅައި އެމެރިކާއިން ނެރުނު ލިސްޓުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ލިބޭނެ ގެއްލުން ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި އައިސިސް އާއި އަލްގައިދާ އަށް ތާއީދުކުރާ އަދި ޓެރަރިޒަމަށް ފައިނޭންސްކުރާ ކަމަށް ތުހުމަތު ކުރެވޭ އެތައް ބަޔަކާއި ކުންފުނިތަކެއް ކަނޑައަޅައި އެމެރިކާއިން ނެރުނު ލިސްޓުގެ ސަބަބުން ގައުމުގެ އިގުތިސާދަށް ލިބޭނެ ގެއްލުން ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހަށް އެ ގަރާރު ހުށަހެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

އެ ގަރާރުގައި ބުނީ ޓެރަރިޒަމަށް އެހީވާ މީހުންނާއި ކުންފުނިތަކުގެ ލިސްޓު އެމެރިކާއިން ނެރުމުގެ ކުރިން، މެއި 6، 2021 ގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގި އިންކުއަރީ އިން ވެސް ޓެރަރިޒަމްގެ ބިރުވެރިކަން ރާއްޖޭގައި އޮތް މިންވަރު ވަޒަންކުރެވުނު ކަމަށެވެ. އެ އިންކުއަރީގެ ތެރެއިން ފާހަގަވި ކަންކަމުގެ މައްޗަށް ސަރުކާރަށް ރެކޮމެންޑޭޝަންތަކެއް ހުށަހަޅާފައިވާއިރު، އެ ކަންކަމަށް އަމަލު ކުރެވިފައިވާ މިންވަރާ ބެހޭ މައުލޫމާތު ސަރުކާރުން ހާމަކޮށްފައި ނުވާ ކަމަށް ގަރާރުގައި ބުންޏެވެ.

އެމެރިކާ ސަރުކާރު ނެރުނު އެ ލިސްޓަކީ ރާއްޖޭގެ ނަމަށާއި އިގުތިސާދަށާއި ދިވެހިންނަށް އޭގެ ނޭދެވޭ އަސަރުކުރާނެ ނިންމުމެއް ކަމަށް ބެލޭވެތީ ޓެރަރިޒަމްގެ ނުރައްކަލާއި ބިރުވެރިކަން އޮތް މިންވަރު ދިރާސާކުރުމަށް ފަހު އޭގެ އަސަރު ވީހާ ވެސް ކުޑަވާނެ ގޮތަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބުންޏެވެ.

މި ގަރާރު ހުށަހެޅީ އެކަންކަން މަޖިލީހުން ބަލައި ސަރުކާރު ޒިންމާދާރު ކުރުވުމަށް ކަމަށް ވެސް ބުންޏެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީން އިއްޔެ ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އަލްގައިދާ އާއި އައިސިސް އަށް ތާއީދުކޮށް ޓެރަރިޒަމަށް ފަންޑުކުރާ 20 ދިވެއްސަކާއި 29 ކުންފުންޏެއް ކަނޑައަޅައި އެ ފަރާތްތަކުގެ ނަން ހާމަކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފަ އެވެ.

އެކަމާ ގުޅިގެން އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު "މިހާރު" އަށް ވިދާޅުވީ އެމެރިކާގެ ޓްރެޝަރީން ނެރުނު ލިސްޓުގައި ވަކިވަކި ފަރުދުންނާއި ކުންފުނިތައް ހިމެނޭއިރު، އެ ފަރާތްތަކާ މެދު ރާއްޖޭން ފިޔަވަޅެއް އެޅުމުގެ ކުރިން ވަރަށް ފުރިހަމައަށް ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ، އެކަމުގެ އެސެސްމަންޓެއް ފުލުހުން އިސްވެ ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.