Roadha Mihaaru
އައްޑު އަށް މިހާ ފަހި ސަރުކާރެއް ނެތް: އަސްލަމް

އައްޑޫގެ ތަރައްގީ އަށް މިހާ ފަހި ސަރުކާރެއް ނެތް: އަސްލަމް

01 މާޗް 2023

އައްޑޫގެ ތަރައްގީ އަށް މިހާ ފަހި އަދި ތައްޔާރުވެ، ރާވައިގެން ކަންކަން ކުރާ ސަރުކާރެއް މި ނޫނިއްޔާ ނެތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތަރައްގީ އަށް މިހާ ފަހި އަދި ތައްޔާރުވެ، ރާވައިގެން ކަންކަން ކުރާ ސަރުކާރެއް މި ނޫނިއްޔާ ނެތް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްއޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު އަންނަ އާދިއްތަ ދުވަހު ބާއްވާ ކަމަށާއި އޭގެ ދައުވަތު އޭނާ އަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެ ރަސްމިއްޔާތާ ހަމައަށް ދެވެނީ ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްގެން ކަމަށެވެ.

އަސްލަމް ވިދާޅުވީ، އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގަނީ 28.5 މިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އައްޑޫ އެއާޕޯޓް މިހާރު ވެސް ހިންގަނީ ޕްރައިވެޓައިޒް ކޮށްގެން ކަމަށާއި ސަރުކާރުގެ ހިއްސާއަކީ 70 ޕަސެންޓް ކަމަށެވެ. ދެން އޮތީ ކާސާ ހޯލްޑިންގްސްގެ 30 ޕަސެންޓް ހިއްސާ އެވެ. އެ ތަން ޕްރައިވެޓައިޒް ކުރީ އެމްޑީޕީގެ ކުރީގެ ސަރުކާރުންނެވެ.

"އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މުޅި މަސައްކަތަށް ބަލާލާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އައްޑޫ އެއާޕޯޓް ކުންފުނީގައި ކާސާ ހޯލްޑިންގްސް ހިމެނޭތީ ވެސް ވަރަށް ގިނަ ކަންތައްތަކެއް ފަހިވެގެންދެއޭ. ވަރަށް ބޮޑަށް ސަރުކާރަށް ލުއިވެގެންދާކަން ވެސް ދަންނަވާލަން ބޭނުންވޭ،" އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އައްޑޫ އެއާޕޯޓްގެ ޓާމިނަލް ތަރައްގީ ކުރަނީ އަހަރަކު 4.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރަށް ކަމަށެވެ.

"އޭގެ އިތުރަށް ވެސް މިހާރު ވެސް ވަރަށް ގިނަ ހިދުމަތްތަކެއް ގާއިމުވަމުން، ނިމެމުން އެ ދަނީ. އޭގެ ތެރޭގައި ބައެއް ބޭފުޅުން ފާހަގަކުރެއްވި އިންފްލައިޓް ކޭޓަރިން ސާވިސަސް. މިހާރު އެ ތަނުގެ ވެސް ހުރިހާ މަަސައްކަތެއް އެ ވަނީ ނިމިފައި،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގަމުގެ ދޫގަސްގައި 100 އެނދުގެ ކޮޓަރި އާއި އައްޑޫގައި 50 އެނދުގެ ސިޓީ ހޮޓަލެއް އެޅުމަށް 35 މިލިއަން ޑޮލަރުގެ މަޝްރޫއަށް ކުރިމަތިލީ މީހުންގެ ބީލަންތައް އިވެލުއޭޓް ކުރުން ވެސް ނިމެމުން އަންނަ ކަމަށެވެ.

"އަޅުގަނޑުގެ މައުލޫމާތުގައި ހަމަ މި މަސް ތެރޭގައި، ބިޑް ކާމިޔާބު ކުރެވޭ ފަރާތަކާ މި ތަން އެޅުމަށް ވެސް ހަވާލުވެގެން ދާނެ. އޭގެ އިތުރަށް ގަމުގައި ކާގޯ ފެސިލިޓީއެއް އެޅުމާއި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އިތުރު ކުރެވޭނެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ގަން އެއާޕޯޓް ތަރައްގީ ކުރާއިރު، ދޫގަސް ކުރިން ހިންގި ކުންފުންޏަށް ދައްކަންޖެހޭ 50 މިލިއަން ވެސް ގަން އެއާޕޯޓް ކުންފުނިން ދައްކައި ނިންމާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓް ފާސްކުރިއިރު ވެސް ދޫގަސް ތަރައްގީ ކުރަން 25 މިލިއަން ރުފިޔާ ހިމެނި ކަމަށް ވިދާޅުވި އެވެ.

"މީގެ އިތުރުން 44 މިލިއަން ރުފިޔާ، ކުރީގެ ލޯނު ދައްކަން ވެސް ސަރުކާރުން، ސަރުކާރުގެ ކޮމްޕޯނަންޓް ވެސް ކޮންމެ އަހަރަކު ބަރާބަރަށް ދައްކަމުންދާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލިން،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އެހެން ސަރަހައްދުތަކާ ބަލާއިރު އައްޑޫގައި ޓޫރިޒަމް ތަރައްގީ ކުރަން އުނދަގޫ ކަމަށެވެ. އެހެންވެ، ކޮންމެ ފަހަރަކު ވެސް ސަރުކާރުން ޓޫރިޒަމްގެ ބޭނުންތަކަށް އައްޑޫން ތަންތަން ދޫކުރަނީ ވަރަށް ހާއްސަ އަގުތަކަކަށް ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުގެ މައުލޫމާތުގައި ހަމަ މި މަސް ތެރޭގައި، ބިޑް ކާމިޔާބު ކުރެވޭ ފަރާތަކާ މި ތަން އެޅުމަށް ވެސް ހަވާލުވެގެން ދާނެ. އޭގެ އިތުރަށް ގަމުގައި ކާގޯ ފެސިލިޓީއެއް އެޅުމާއި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް އިތުރު ކުރެވޭނެ،"--- އަސްލަމް

"... ރައީސް މައުމޫންގެ ސަރުކާރުން ވަރަށް ހާއްސަ އަގުތަކެއްގައި، ޝަންގްރިއްލާ އަށް ވިލިނގިލި ދޫކުރީ ވެސް. ހަމަ އެހެންމެ ހެރަތެރަ އެމްޓީޑީސީ އަށް ދޫކުރީ ވެސް ވަރަށް ހާއްސަ އަގެއްގައި. އަޅުގަނޑުގެ މައުލޫމާތުގައި 720 ޑޮލަރަށް އެނދަކަށް އަހަރަށް ދޭ އަގުން މި ދިނީ. ހަމަ އެހެންމެ ޝަންގްރިއްލާ އަށް ވެސް ވަރަށް ހާއްސަ އަގެއްގައި. އެންމެ މަތީ އަގަށް ވާއިރު ވެސް 1،200 ޑޮލަރަށް،" އަސްލަމް ވިދާޅުވި އެވެ.

"10،000 ޑޮލަރުން 15،000 ޑޮލަރުން 20،000 ޑޮލަރުން އެނދަކަށް އަގު ނަގައިގެން ޓޫރިޒަމަށް ރިސޯޓް ނަގަމުން ދިޔަ ދުވަސްވަރެއްގައި ވަރަށް ހާއްސަ ކުޑަ އަގެއްގައި [އައްޑޫން ރިސޯޓްތައް ދިނީ]."

އަސްލަމް ވިދާޅުވީ، 2010 ގައި ޓޫރިޒަމް ގާނޫނާއި ޓެކްސް އަށް ގެނައި ބަދަލުގެ ސަބަބުން ކޮންމެ އަކަ މީޓަރަކަށް 8 ޑޮލަރު ނަގަން ފެށުމުން ކޮންމެ ރިސޯޓަކުން ދެ މިލިއަން ޑޮލަރު ދައްކަން ޖެހުނު ކަމަށެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމުގައި އެ ފައިސާ ނުދެއްކި ރިސޯޓުތައް ބަންދުކުރާ ހިސާބަށް ދިއުމުން މި ސަރުކާރުން އެ 8 ޑޮލަރު 2 ޑޮލަރަށް ބަދަލުކޮށްދިން ކަމަށް ވިދާޅުވި އެވެ.

ޕޯޓް ސަރަހައްދަށް ބޯޓުފަހަރު ގާތް ކުރުމަށް ބޭނުންވާ ފަޅު ފުންކުރުމާއި އިތުރަށް ބޭނުންވާ ޖެޓީ އެޅިގެންދާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ވާހަކަ ދަންނަވަން،"--- އަސްލަމް

"މި ފަދަ އެތަކެއް ކަމެއް މި ސަރުކާރުން އައްޑޫގެ ޓޫރިޒަމަށް ހާއްސަ ވެގެން ކޮށްދެއްވަމުން އެ ގެންދަވަނީ އައްޑޫގެ ތަރައްގީ އަށް،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އައްޑޫ ޕޯޓް ތަރައްގީ ކުރަން ބޭނުންވަނީ 170 މިލިއަން ރުފިޔާގެ ތެރެއިން މި އަހަރު 40 މިލިއަން ހަމަޖެހޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފަ އެވެ. އެ ފައިސާ ހަމަޖެހުމާއެކު، އައްޑޫ ޕޯޓް ތަރައްގީ ކުރުން އެމްޓީސީސީއާ ހަވާލުކޮށް، މަސައްކަތް ފަށައިގަނެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ޕޯޓް ސަރަހައްދަށް ބޯޓުފަހަރު ގާތް ކުރުމަށް ބޭނުންވާ ފަޅު ފުންކުރުމާއި އިތުރަށް ބޭނުންވާ ޖެޓީ އެޅިގެންދާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ވާހަކަ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.