Roadha Mihaaru
މުހްޔިއްދީން ޔާސީނަށް ކޮރަޕްޝަންގެ ދައުވާ ކުރަނީ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރަށް ކޮރަޕްޝަންގެ ދައުވާ ކުރަނީ

09 މާޗް 2023

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން މާދަމާ ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާ ކުރާނެ ކަމަށް، އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުހުޔިއްދީން ޔާސީން މާދަމާ ކޯޓަށް ހާޒިރުކޮށް އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުގައި ދައުވާ ކުރާނެ ކަމަށް، އެ ގައުމުގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަނީ، މަގާމުގެ ނާޖާއިޒު ބޭނުން ހިފައި ދައުލަތުގެ ފައިސާތަކެއް އޭނާގެ ޕާޓީ (މެލޭޝިޔަން ޔުނައިޓެޑް އިންޑިޖީނިއަސް ޕާޓީ) އަށް ހޭދަކުރި ކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ދައުވާ ކުރަން ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިފައި އޮތް ދުވަސްވަރު، ސަރުކާރުގެ ފަރާތުން ބިނާކުރަން އިއުލާން ކުރި އިމާރާތްތަކެއްގެ މަސައްކަތް ހޯދުމަށްޓަކައި، ކޮންސްޓްރަކްޝަން ކުންފުންޏަކުން މުހްޔިންދީންގެ ޕާޓީ އަށް ފައިސާތަކެއް ޖަމާކުރި މައްސަލަ ހިމެނެ އެވެ.

އެ މައްސަލައިގެ ތަހުމަތުގައި ސުވާލު ކުރުމަށް މިއަދު އޭނާ ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. ކޮމިޝަނަށް ހާޒިރުވާން އެންގުމާ އެކު، ރުހުމުގައި އެ އިދާރާ އަށް ވަޑައިގެންނެވި އިރު، އޭނާ އަށް ތާއީދު ކުރާ އެތައް ސަތޭކަ ބަޔަކު ކޮމިޝަން ކައިރިއަށް އެއްވެ އޭނާ އަށް ހެޔޮ ދުއާ ކުރަމުން ދިޔަ އެވެ.

މުހްޔިއްދީންގެ އިތުރުން އޭނާގެ ޕާޓީގެ އެހެން ބައެއް ވެރިން ވެސް މީގެ ކުރިން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. ނަމަވެސް މުހްޔިއްދީނާއި އޭނާގެ ޕާޓީން ބުނާ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އެ ކުރާ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތެވެ. އެއީ އޭނާގެ ސިޔާސީ މަގުބޫލުކަން ގެއްލުވައިލުމަށް ސަރުކާރުގެ ފަރާތުން ކުރަމުން ދާ ކަމެއް ކަމަށް ވެސް މުހްޔިއްދީން ވިދާޅުވި އެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް މުހްޔިއްދީން އިސް ކުރީ، އޭރު އޮތް ސަރުކާރާ މެދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ގެއްލުމާ ގުޅިގެން، އާ ސަރުކާރެއް އެކުލަވައިނުލެވި ދުވަސްތަކެއް ފާއިތުވެ އުފެދުނު ސިޔާސީ ހުސްކަމެއްގެ ތެރޭގައި މާޗް 2020ގަ އެވެ. ނަމަވެސް މާ ގިނަ ދުވަސްތަކެއް ނުވެ ސިޔާސީ ވާދަވެރިންނާ ދެމެދު އުފެދުނު ދެބަސްވުންތަކާއި، ކުރެވުނު ކޮރަޕަޝްންގެ ތުހުމަތުތަކާ އެކު، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން، މުހްޔިއްދީންގެ ސަރުކާރަށް ތާއީދުނުކުރަން ނިންމުމުން، ވެރިކަމުގައި ދޮޅު އަހަރު ހުންނެވުމަށް ފަހު، އޮގަސްޓް 16، 2021 ގައި އިސްތިއުފާ ދެއްވީ އެވެ.