Roadha Mihaaru
އިމްރާން ޚާން ހައްޔަރު ކުރުމުގެ އަމުރު ބާތިލުކޮށްފި

އިމްރާން ޚާން ހައްޔަރު ކުރުމުގެ އަމުރު ބާތިލުކޮށްފި

19 މާޗް 2023

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ އަމުރުތައް އިސްލާމް އާބާދުގެ ކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ނެރެފައިވާ އަމުރުތައް އިސްލާމް އާބާދުގެ ކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.

އިމްރާން ޚާންގެ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނޭ ފައިސަލް ފަރީދު ޗައުދަރީ ވިދާޅުވި ގޮތުގައި އިމްރާން ހައްޔަރުކުރުމަށް ލާހޯރްގެ ކޯޓުން ނެރުނު އަމުރުތައް، އިސްލާމް އާބާދުގެ ކޯޓުން ބާތިލުކުރީ، މި މަހުގެ 30 ވަނަ ދުވަހު އޮންނަ އަޑުއެހުންތަކަށް ކޯޓަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވުމުންނެވެ. އެ އަމުރުތައް ބާތިލުކުރި އިރު، އިމްރާން ޚާން އިއްޔެ ވަނީ އިސްލާމް އާބާދުގެ ކޯޓަށް ހާޒިރުވެވަޑައިގެން ފަނޑިޔާރުންގެ ސުވާލުތަކަށް ވެސް ޖަވާބު ދެއްވައިފަ އެވެ.

އިމްރާން ޚާން ކޯޓަށް ވަޑައިގަތުމަށް، ލާހޯރްގައި ހުންނަ އޭނާގެ ގެ، ޒަމާން ޕާކް އިން ނުކުމެވަޑައިގެން ދަތުރު ފެއްޓެވިތާ މާ ގިނައިރުތަކެއް ނުވަނީސް ޕާކިސްތާން ފުލުހުން ޒަމާން ޕާކްގެ ތެރެއަށް ވަދެގަތެވެ. އިމްރާން ޚާންގެ، ޕާކިސްތާން ތަހްރީކޭ އިންސާފް ޕާޓީން ބުނި ގޮތުގައި އެ ޕާޓީގެ ޗެއާމަން އިމްރާންގެ ގެއަށް ފުލުހުން ބާރާއެކު ވަދެގަތީ، އެ ގެ ބަލައި ފާސްކުރުމުގެ ކޯޓު އަމުރެއް ނެތި އެވެ.

ފުލުހުން، އިމްރާންގެ ގެކޮޅަށް ވަދެގަތީ، އެކްސްކަވޭޓަރުތައް ބޭނުންކޮށް، އެ ގޭގެ ބޭރުގައި ހުރި ބައެއް ތަންތަން ހަލާކުކޮށްލައި، މައި ދޮރޯށި ވެސް ވައްޓާލައިގެންނެވެ. އެއަށް ފަހު، ގެކޮޅުގެ ތެރޭގައި ތިބި ޚާދިމުންނާއި މަސައްކަތު މީހުންނަށް ގޯނާކޮށް، އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.

އިއްޔެ ހިނގި ކަންތައްތަކާ ބެހޭ ގޮތުން ޕާކިސްތާން ފުލުހުން ބުނީ، އިމްރާންގެ ގެކޮޅު ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި 60 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި ކަމަށެވެ. ޕަންޖާބު ފުލުހުންގެ ވެރިޔާ އުސްމާން އަންވަރު ވިދާޅުވި ގޮތުގައި އިމްރާންގެ ގެކޮޅު ބަލައި ފާސްކުރިއިރު، އެ ގޭގެ ތެރެއިން ފެނުނު ކްލަޝްނިކޯވް ރައިފަލަކާއި އޭގައި ބޭނުންކުރާ ގިނަ އަދަދެއްގެ ވަޒަންތަކެއް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އިމްރާން އަމިއްލަފުޅަށް ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނުކުމެވަޑައިގަތުމުން ވެސް ފުލުހުން، ޒަމާން ޕާކް އަށް ވަންނަން އުޅުމުން އިމްރާންގެ ސަޕޯޓަރުން ވަނީ އެކަމަށް ހުރަސްއަޅައި ހަމަނުޖެހުންތައް ހިންގައިފަ އެވެ. އިމްރާންގެ ސަޕޯޓަރުން ދުރަށް ޖެއްސުމަށް ޕްރެޝަރުގައި ފެން ޖަހައި، މުގުރާއި ކަރުނަގޭސް ބޭނުންކުރަން ޖެހުނު ކަމަށް ފުލުހުން ބުންޏެވެ.

ގެކޮޅަށް ފުލުހުން ވަދެ ހިންގި އަމަލުތައް ކުށްވެރިކުރައްވައި އިމްރާން ޚާން ވިދާޅުވީ އޭނާގެ އަނބިކަނބަލުން އެކަނި ގޭގައި އުޅުއްވަނިކޮށް ފުލުހުން ވަދެގަތީ އެއްވެސް ގާނޫނީ ބާރެއްގެ ދަށުން ނޫން ކަމަށެވެ.