Roadha Mihaaru
4.7 މިލިއަން ނުލިބިގެން ތިނަދޫ ކައުންސިލުން ކޯޓަށް

ކުލީގެ ގޮތުގައި ތިނަދޫ ކައުންސިލަށް ލިބެންޖެހޭ 4.7 މިލިއަން ރުފިޔާ ނުލިބިގެން ގާނޫނީ ފިޔަވަޅު އަޅަނީ

09 މާޗް 2023

ބިމު ކުލީގެ ގޮތުގައި ގދ. ތިނަދޫ ކައުންސިލަށް ލިބެން ޖެހޭ 4.7 މިލިއަން ރުފިޔާ ނުލިބިގެން އެފަދަ ބިންތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން މިހާރު ފައްޓާފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބިމު ކުލީގެ ގޮތުގައި ގދ. ތިނަދޫ ކައުންސިލަށް ލިބެން ޖެހޭ 4.7 މިލިއަން ރުފިޔާ ނުލިބިގެން އެފަދަ ބިންތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅު އަޅަން މިހާރު ފައްޓާފައިވާ ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

ތިނަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ތިނަދޫގެ އިހުތިސާސް ހިނގާ ސަރަހައްދުން ހަރުގެ އެޅުމަށާއި މަސްވެރިކަމާއި ދަނޑުވެރިކަމަށް އަދި ސިނާއީ އެކިއެކި މަސައްކަތްތަކަށް ދޫކޮށްފައިވާ ކުލީ ބިންތަކުގެ ތެރެއިން ބައެއް ބިންތަކަށް ގިނަ އަދަދެއްގެ ކުއްޔާއި ޖޫރިމަނާ ނުދައްކާ އެބަހުރި ކަމަށެވެ. އެހެންވުމުގެ ސަބަބުން، ތިނަދޫ ރައްޔިތުންގެ މާލިއްޔާއަށް، މިދިޔަ މަހު މަހުގެ ނިޔަލަށް އަދިވެސް ޖުމްލަ 4.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުވަދެ އެބަހުރި ކަމަށް ތަފާހިސާބުތަކުން ދައްކާ ކަމަށް ކައުންސިލުން ބުންޏެވެ.

ކުލި ނުލިބޭ ބިންތަކުގެ ތެރޭގައި، ވަކި ފަރާތަކަށް ނިސްބަތްވާ ގިނަ ބިންތަކުގެ ކުލީގެ ޖުމްލަ މިލިއަނަކަށް ވުރެ މަތި ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"މި ހުރިހާ ބިންތަކުގެ ތެރެއިން ބައެއް ބިންތަކުގެ މުއްދަތުގައި ކުލި ދައްކައި ހަލާސްނުކޮށް، ބިންތަކުގެ މުއްދަތު އާކުރުމަށް ވެސް މި އިދާރާއަށް ހުށައަޅަމުން ދާތީ، މިއީ ވަރަށް ހިތާމަހުރި އަދި ގޯސްކޮށް ހިނގަމުން އަންނަ ކަމެއް ކަން ފާހަގަކޮށް، މި އިދާރާއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ،" އެ އިއުލާނުގައި ބުންޏެވެ.

ތިނަދޫ ކައުންސިލުން ބުނި ގޮތުގައި، ތަފާތު އެކި ސަބަބުތަކާ ހުރެ ކުލި ނުދައްކާ ބިންތަކަށް މިދިޔަ އަހަރުގެ މެއި މަހު ނުވަޔަކުން ފެށިގެން ބައިބަޔަށް ބަހާލައިގެން ކުލި ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީ މުއްދަތެއް ކަނޑައަޅިޔަސް، ކުލި ދައްކަން ޖެހޭ ފަރާތްތަކުގެ އެއްބާރުލުމެއް ނުލިބުނެވެ.

އެހެންވެ، ކައުންސިލުން އަމަލުކުރަމުން އަންނަ އުސޫލުތަކާ އެއްގޮތަށް ބިމު ކުލި ނުދައްކާ ނަމަ، ކުލީގެ ފައިސާ ހޯދުމަށް ޝަރުއީ މަރުހަލާތަކަށް ފޮނުވައި އެފަދަ ބިންތަކާ މެދު ގާނޫނީ ގޮތުން ފިޔަވަޅުތައް އަޅަން ފައްޓާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.