Roadha Mihaaru
ނަފްރަތުގެ ހުޅުގަނޑުން ސުލްހަވެވިދާނެތޯ އުފެދޭ ސުވާލު!

ނަފުރަތުގެ ހުޅުގަނޑަކުން ސުލްހަ ވެވިދާނެތޯ އުފެދޭ ސުވާލު!

21 މާޗް 2022

ބޮޑުވަޒީރު ކަމުގައި އިބްރާހިމް ނާސިރު ހުންނަވައި، 1962 ގައި ގދ. ތިނަދޫން މީހުން ބާލުވައި އެ ދިން "ލާއިންސާނީ" އަނިޔާތަކަށް ތިނަދޫ މީހުންގެ ހިތުގައި އަދިވެސް މާފެއް ނެތެވެ. ސިފައިންގެ ބޮޑު ލަޝްކަރަކާ އެކު ތިނަދު އަށް އަރައި އަންހެނުންނާއި ކުޑަ ކުއްޖަކަށް ބެލުމެއް ނެތި އަނިޔާކޮށް، މުދާތައް ފޭރިގަނެ، ގެދޮރު ރޯކޮށްލައި އެ މީހުން މަގުމަތިކޮށްލި ކަމަށް ބުނެ، އެ ވާހަކަ އޭގެ 60 އަހަރު ފަހުން ވެސް އެ ދައްކަނީ ނަފްރަތާއި ރުޅިވެރިކަމާ އެކު އެވެ. އެ ދުވަހުގެ މަންޒަރު ނުފެނުނަސް، ތިނަދު އަށް އުފަން ގިނަ މީހުންގެ ހިތުގައި ކެކިކެކި އޮތީ ނާސިރަށް އޮތް އުދާސްތަކާއި ރުޅިވެރި ކަމެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބޮޑުވަޒީރު ކަމުގައި އިބްރާހިމް ނާސިރު ހުންނަވައި، 1962 ގައި ގދ. ތިނަދޫން މީހުން ބާލުވައި އެ ދިން "ލާއިންސާނީ" އަނިޔާތަކަށް ތިނަދޫ މީހުންގެ ހިތުގައި އަދިވެސް މާފެއް ނެތެވެ. ސިފައިންގެ ބޮޑު ލަޝްކަރަކާ އެކު ތިނަދު އަށް އަރައި އަންހެނުންނާއި ކުޑަ ކުއްޖަކަށް ބެލުމެއް ނެތި އަނިޔާކޮށް، މުދާތައް ފޭރިގަނެ، ގެދޮރު ރޯކޮށްލައި އެ މީހުން މަގުމަތިކޮށްލި ކަމަށް ބުނެ، އެ ވާހަކަ އޭގެ 60 އަހަރު ފަހުން ވެސް އެ ދައްކަނީ ނަފްރަތާއި ރުޅިވެރިކަމާ އެކު އެވެ. އެ ދުވަހުގެ މަންޒަރު ނުފެނުނަސް، ތިނަދު އަށް އުފަން ގިނަ މީހުންގެ ހިތުގައި ކެކިކެކި އޮތީ ނާސިރަށް އޮތް އުދާސްތަކާއި ރުޅިވެރި ކަމެވެ.

މި ހުރިހާ ކަމެއްގެ ފެށުމަކީ "ހުވަދޫ ބަޣާވާތެ"ވެ. ސަރުކާރާ ވަކިވެގަނެ، އިނގިރޭސީންނާ ގުޅިގެން އައްޑު އާއި ހުވަދޫ މީހުން ހިންގި ބަޣާވާތުގެ ސަބަބުން އެތައް ބަޔަކަށް އޭނާގެ ހިތްދަތިކަން ތަޖުރިބާކުރަން ޖެހުނީ އެވެ.

ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ތިނަދޫގެ ފުރަތަމަ ބަޣާވާތާ އެކު އެންމެ ފުރަތަމަ އިބްރާހިމް ނާސިރު އެ ރަށަށް ވަޑައިގެން ރައްޔިތުންނަށް ނަސޭހަތްތެރިވެވަޑައިގަތެވެ. އޭރު ތިނަދޫ ފާޑަކަށް ބަނޑަށް ޖެހިފައިވާތީ ކާޑުގެ ބާވަތްތަކާ އެކު ސަރުކާރުގެ އެހީދޭނެ ކަމަށް ބުނެ އަމާންދިނުމަށް އެދިވަޑައިގަތެވެ. ބިރު ދެއްކުމުގެ ގޮތުން ވައިގެ ތެރެއަށް ބަޑި ޖެހުމާ އެކު، ބަޣާވާތުގައި ތިނަދޫ މީހުން ފުރަތަމަ ދޫދިނެވެ. އެ ފަހަރު ނާސިރު ރަށުން ފައިބައިވަޑައިގަތީ މައްސަލަ ހައްލުކޮށް ތިނަދޫ ދައުލަތުގެ ބެލުމުގެ ދަށަށް ގެންނެވުމަށް ފަހު އެވެ.

އެކަމަކު ތިނަދޫ މީހުންގެ "ދުއްތުރާ" ބޮޑުވީ އެވެ. މައްސަލަ އިތުރަށް ގޯސްވުމުން ހަތިޔާރާ އެކު ފަތަހަކުރަން ދެވަނަ ފަހަރަށް ދިޔައީ އަނެއްކާ ވެސް ބަޣާވާތް ކުރުމުންނެވެ. ދެވަނަ ފަހަރަށް ދިވެހި ދައުލަތާ ވަކިވެގަތީ އެވެ. އެ ރަށުގެ ރައްޔިތުންނަށް ސިއްރުން ސިލްވާ ކްރަސްޓުގައި ނާސިރު ރަށަށް ވަޑައިގެން އެ ފަހަރު ވަނީ މެޝިން ގަން ބޭނުންކޮށްގެން ބަޑީގެ ހަމަލާތައް ދެއްވައިފަ އެވެ.

ގދ. ތިނަދޫގެ މަންޒަރެއް: ނާސިރާ އެކު ތިނަދުއަށް އެރި ސިފައިން އާއްމުންނަށް ވަރަށް އަނިޔާކުރި.

ގދ. ތިނަދޫގެ މަންޒަރެއް: ނާސިރާ އެކު ތިނަދުއަށް އެރި ސިފައިން އާއްމުންނަށް ވަރަށް އަނިޔާކުރި.

އެއީ ޖެނުއަރީ 30، 1962 ގެ ހަވީރެއް ހާއިރެވެ. އަމާން ނުދިނުމުން ސިފައިން ހަތިޔާރާ އެކު އެ ރަށަށް ބާލުއްވައި ރަށް ފަތަހަކުރައްވައި ސަރުކާރުގެ ބާރުގެ ދަށަށް ގެންދެވީ އެވެ.

އެ ހާދިސާ އަށް 60 އަހަރު ފަހުން އަނެއްކާ ވެސް އެ ވާހަކަތައް އާކުރަން މި ޖެހުނީ އިންތިގާލީ އިންސާފުގެ ނަމުގައި އުފެއްދި އޮފީހަށް ތިނަދޫގެ ކައުންސިލުން އެ މައްސަލަ ހުށަހަޅައި ތިނަދޫ ރައްޔިތުންނަށް އިންސާފު ހޯދަން މަސައްކަތްކުރާތީ އެވެ.

ތިނަދޫގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި މިދިޔަ ހޮނިހިރުދުވަހުން ފެށިގެން އެ މައްސަލައިގެ ބަޔާން ނަގަން ފަށާފައިވާއިރު ތިނަދޫގެ ދުވަސްވީ ބައެއް މީހުން ވަނީ އެ ދުވަހުގެ މަންޒަރުތައް ކިޔައިދީފަ އެވެ. އޭގެ ތެރޭގައި އޭރު އެ ހާދިސާ ހިނގިއިރު އުމުރުން އެންމެ ތިން އަހަރުގެ ކުދިން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ވާހަކަ ދެއްކީ ރަށުގެ ދުވަސްވީ މީހުން އެ ވާހަކަ ކިޔާ އުޅޭ ގޮތަށް ކަމަށް އެ މީހުން ބުނެ އެވެ.

60 އަހަރު ކުރީގެ ކަމަކަށް ޖަވާބުދާރީ ވާނީ ކިހިނެއް؟

ތިނަދޫ މީހުންގެ ވާހަކަތައް އަޑު އިވުނު ގިނަ ބަޔަކު އުފައްދާ ސުވާލުތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ، ތިނަދޫން މީހުން ބޭލުވިއިރު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހީމް ނާސިރު މީގެ 14 އަހަރު ކުރިން އަވަހާރަވެފައިވުމާއި އޭރު އުޅުއްވި ގިނަ ބަޔަކު ވެސް ނިޔާވެފައިވާތީ މި މައްސަލައިގައި ޖަވާބުދާރީ ކުރުވާނެ ގޮތަކާ މެދުގަ އެވެ.

އެކަމަކު އިންތިގާލީ އިންސާފުގެ އޮފީހުން މިކަމަށް ހައްލެއް ދައްކަ އެވެ. އެ ތަނުން ބުނީ ތިނަދޫ މައްސަލަ ދައުލަތަށް ރައްދުވާތީ، އެކަމުގައި ޖަވާބުދާރީ ވާނީ ދައުލަތުން ކަަމަށެވެ. މިކަން ބެލުމުގައި އޮތް މަގުސަދަކީ އެ އޮފީހުން ބުނާ ގޮތުގައި ހަގީގަތް ހާމަކުރުމެވެ.

އެކަމަކު ދައުލަތުގެ މީޑިއާ އިން ވެސް ލައިވްކުރަމުން އަންނަ މި މައްސަލައިގައި އަދި ބަޔާން ނަގަމުން އަންނަނީ އަނިޔާވި ކަމަށް ބުނާ މީހުންނާއި މައިންބަފައިންގެ ފަރާތުން އެ ވާހަކަތައް އަޑުއިވިފައި ތިބި މީހުންގެ އެކަންޏެވެ.

އެ މައްސަލައިގައި ނާސިރުގެ ފަރާތުން ޖަވާބުދާރީވުމަށް އާއިލާ އަށް ފުރުސަތު ދެއްވާނެތޯ "މިހާރު"ން ދެންނެވުމުން އެ އޮފީހުން ބުނީ މައްސަލައާ ގުޅިގެން ބަޔާން ދޭން ބޭނުންވާ މީހުންނަށް ނަން ނޯޓް ކުރުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވާ ކަމަށެވެ. އެކަމަކު ތަހުގީގުގެ ތެރެއިން މައުލޫމާތު އެއްކުރަން ޖެހިއްޖެ ނަމަ، އެ މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

ތިނަދޫން މީހުން ބޭލުވި މައްސަލައިގެ ހަގީގަތް ހާމަކުރުމަށް ކަމަށް ބުނެ މި މައްސަލަ ކުރިއަށްގެންދާއިރު ނާސިރުގެ ފަރާތްޕުޅުން ބޭފުޅަކަށް ޖަވާބުދާރީވާން ފުރުސަތު ނުލިބިއްޖެ ނަމަ، މިއީ ދެ ފަރާތް ހާމަވާނެ މައްސަަލައެއް ކަމާ މެދު ވަރަށް ގިނަ މީހުން ސުވާލު އުފައްދަ އެވެ. އަދި ނާސިރާ ދެކޮޅަށް، އަމިއްލަ މަސްލަހަތު އޮތް އެތައް ބަޔަކު ވާހަކަ ދައްކާއިރު، ދިފާއު ވެވޭނެ ފުރުސަތު ނާސިރަށް ނެތުމަކީ ވެސް ބޭއިންސާފެއް ކަމަށް ވަރަށް ގިނަ ބަޔަކު ބުނެ އެވެ. ސަބަބަކީ، ނާސިރު ކަންތައް ކުރެއްވީ، ރަނގަޅަށް ކަމަށް ގަބޫލުކުރާ އެތައް ބަޔަކު ވެސް ތިބުމެވެ.

ތިނަދޫން މީހުން ބޭލުވި މައްސަލައިގައި ބަޔާން ނަގަން ފެށި ހަބަރު "މިހާރު"ގައި ރިޕޯޓްކުރުމުން ވެސް ގިނަ ބަޔަކު ވަނީ ނާސިރުގެ ދިފާއުގައި ވެސް ވާހަކަ ދައްކައިފަ އެވެ. އެގޮތަށް ވާހަކަ ދެއްކި މީހުން ބުނެފައި ވަނީ ގައުމާ ހަވާލުވެ ހުންނެވި ބޭފުޅާގެ ހައިސިއްޔަތުން އެ ދުވަހު ނާސިރު ކަންތައް ކުރެއްވީ ރަނގަޅަށް ކަމަށެވެ.

"ތިނަދޫ ރައްޔިތުން ކުރީ ހަމަ ބޮޑު ބަޣާވަތެއް. ނާސިރު ގައުމުގެ ވެރިއެއްގެ ހައިސިއްޔަތުން ކަން ކުރީ ރަނގަޅަށް. ގައުމުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރީ. އަހަރުމެން ދެރައެއްނުވޭ. އަަހަރުން ދަރިންނަށް ވެސް ކިޔައިދޭނީ ހަމަ މިހެން"

ބައެއް މީހުން ތުހުމަތުކުރި ގޮތުގައި އެތައް ޒަމާނެއްވީ މައްސަލައިގައި ހިފައިގެން ތިނަދޫ މީހުން އެ ދުވަނީ "އެ މީހުންގެ ހިތުގައި ގައްދާރުކަން،" އޮތުމުން ކަމަށެވެ.

"މިއީ ގައްދާރުންގެ ރަހުމްކުޑަކަމުން އެ ގައްދާރުންގެ އަހުލުވެރިން ބުއި ބޮނޑިއެއް. މި ވާހަކަ މިއީ އިހާނެތި ކަމެއް ކަމަށް ބަދަލުކުރަން އުޅެނީ ގައްދާރުކަން ހިތުގައި އަދިވެސް ހުރި މީހުން. ތިމާގެ މައިންނާއި ބަފައިންގެ ކުށްގަބޫލްކޮށް ތިމާ އިސްލާހުވެ މުޖުތަމައުގެ މީހުންނާ އެއްކޮށް އެއް ގައުމެއްކަން ގަބޫލްކުރުން މާ ބުއްދިވެރި. އަދިވެސް މުދަލުގެ ދަހިވެތިކަމުގައި ބަދަލު ފައިސާއިން ލިބޭތޯ މި ނުކުންނަނީ،" އެހެން މީހަކު ބުންޏެވެ.

"ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ވަލިއްޔުލް އަމްރު އަޅަންޖެހޭ ފިޔަވަޅެއް ނާޅައިފިނަމަ ގައުމެއް ދެމިއެއް ނޯންނާނެ"

"އަމާން ދޭން ނާންގާތޯ؟ މި ސުވާލަށް ޖަވާބު ދޭން ކެރޭ ތިނަދޫ މީހުން މި ސުވާލަށް ޖަވާބު ދީ. އަމާން ނުދިނުން އެއީ ބަޣާވާތަށް ރުހިގެން ތިބި ކަމުގެ ހެއްކެއް،" ހަބަރަށް މީހަކު ފޮނުވި ކޮމެންޓެއްގައި ބުނެފައި ވެ އެވެ.

ނާސިރުގެ ދިފާއުގައި ގިނަ ބަޔަކު ވާހަކަ ދެއްކިޔަސް ތިނަދޫގައި ސިފައިންނާ އެކު ހުންނަވައިގެން އާއްމުންގެ ގިނަ ބަޔަކަށް ދިން އަނިޔާ ހައްގެއް ނޫނެވެ. މީހަކު ސަރުކާރާ ދެކޮޅު ހަރަކާތެއް ހިންގުމުން އެ މީހާގެ އަނބިމީހާ އާއި ޅަދަރިން ގެދޮރުން ނެރެ، ގެދޮރުގައި ހުޅުޖަހައި އަންދައި އަނބިދަރިން ރަށުން ބާލުވައި އެއްލާލުމަކީ ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫނެވެ. އެކަމަކު އެހާ ހިސާބަށް މައްސަލަ ދިޔައީ ކީއްވެތޯ ވެސް ބަލަން ޖެހެ އެވެ.

"އަހަރެންގެ މައިންބަފައިންނަށް ވަނީ ތިޔަ ހާދިސާގެ އަނިޔާ ލިބިފައި. ތި މައްސަލަ ބަލާ ކަމަށްވަންޏާ އިންސާފުވެރިވާން ޖެހޭނެ. ތިޔަ ހާދިސާ 60 އަހަރު ފަހުން އަނިޔާ ދިން ފަރާތެއް ދުނިޔެއަކު ނެތް. އަނިޔާލިބި އެކި ސިފައިގައި ވިކްޓިމައިޒްވި ގިނަ މީހުން ދުނިޔެއަކު ނެތް. ކޮން މަގްސަދެއް ހާސިލު ކުރަންތޯ ތިޔަ ކަންތައް ބަލަން ތިއުޅެނީ މިލިޔަނުން ބިލިޔަނުން ދިނަސް އެ ދުވަހުގެ އަނިޔާގެ އަގު ދިވެހި ދައުލަތަކަށް ނުދެވޭނެ،" ތިނަދޫ މީހަކު ބުންޏެވެ.

ބަދަލެއް ނުލިބޭ، ދެން މައްސަލަ ބަލަނީ ކީއްކުރަން؟

ތިނަދޫން މީހުން ބޭލުވި ހާދިސާއާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް މައްސަލަ ބެލި އެވެ. އަނެއްކާ ވެސް މައްސަލަ ބަލަމުން އަންނައިރު ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި ނާސިރު ތިނަދޫ "ފަތަހަ"ކުރައްވަން ވަޑައިގަތީ އަމިއްލަފުޅަށް ނިންމެވި ނިންމުމެއްގައެއް ނޫނެވެ.

ތިނަދޫ ދައުލަތުގެ ބާރުގެ ދަށަށް ގެނައުމަށް، ރަސްގެފާނު މުހައްމަދު ފަރީދުލްއައްވަލް އާއި އޭރުގެ ސަރުކާރުގެ ކެބިނެޓުން ވެސް އޮތީ ނިންމައިފަ އެވެ. ރަސްގެފާނު ނާސިރުގެ މައްޗަށް އަމުރުކުރައްވާފައި ވަނީ ދީނާއި ގައުމަށްޓަކައި "ބާރުގެ ބޭނުންކޮށްގެން" ދައުލަތުގެ ބެލުމުގެ ދަށަށް ތިނަދޫ ގެނައުމަށެވެ.

ގދ. ތިނަދޫގެ މަންޒަރެއް: އިންތިގާލީ އިންސާފުގެ އޮފީހަށް މި މައްސަލަ ހުށަހެޅީ ތިނަދޫ ކައުންސިލުން.

ގދ. ތިނަދޫގެ މަންޒަރެއް: އިންތިގާލީ އިންސާފުގެ އޮފީހަށް މި މައްސަލަ ހުށަހެޅީ ތިނަދޫ ކައުންސިލުން.

އިންތިގާލީ އިންސާފުގެ އޮފީހުން މި މައްސަލަ ބަލަން ފެށުމަކީ ތިނަދޫ ރައްޔިތުންގެ ހިތަށް ލިބުނު ފިނިކަމެކެވެ. އިންސާފުގެ އުއްމީދު އާވެއްޖެ ކަމަށް މި ވާހަކަ ކިޔައިދިން ބައެއް މީހުން ބުނެ އެވެ. މި އަނިޔާވެރި ހާދިސާ ކިޔައިދިން ބައެއް މީހުން ބޭނުންވަނީ ބަޑި ޖަހައި މަރާލާފައިވާ އާއިލާ މެމްބަރުންގެ މަރުގެ ދިޔަ އެވެ. އަނެއް ބަޔަކު އެދެނީ ފޭރިގަތް މުދާތަކާއި ހާލުގައި ޖެއްސުމުގެ ބަދަލު ނަގައި ދިނުމަށެވެ. އެކަމަކު މިއީ ބަދަލު ލިބޭ މައްސަލައެއް ނޫނެވެ.

އިންތިގާލީ އިންސާފުގެ އޮފީހުން ބުނި ގޮތުގައި މިއީ ހަގީގަތް ހޯދަން ހިންގާ ތަހުގީގެކެވެ. މިހާތަނަށް މި މައްސަލައިގައި އަނިޔާވި މީހުންނަށް ބަދަލެއް ދޭން ނިންމާފައި ނުވާއިރު އެހާ ދުވަސްވީ މައްސަލައެއް ހިފައިގެން ކުރަން އުޅެނީ ކޮން ކަމެއްތޯ ވެސް ސުވާލު އުފައްދަ އެވެ. އަދި މިއިން ހާސިލް ވާނީ ކޮން ކަމެއްތޯ ވެސް އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. ނާސިރަކީ މުސްލިމެއް ނޫން ކަމަށް ބުނެ ވެސް ތިނަދޫ މީހުން ރުޅިވެރިކަން ފާޅުކުރަމުންދާއިރު، މިއީ ރާއްޖޭގެ ރައީސްކަން ކުރެއްވި ވެރިއަކާ ދޭތެރޭގައި ދައުލަތަކުން އަމަލުކުރަން ވާނެ ގޮތެއްތޯ ވެސް ބައެއް މީހުން ސުވާލުކުރެ އެވެ.

ތިނަދޫގައި ހިންގި އަނިޔާތަކަށް ފަހު ބައެއް މީހުން މާލެ ގެނެސް ޖަލަށް ލި އެވެ. އެތަނުގައި ވެސް ބައެއް މީހުން މަރުވި ކަމަށް ބުނެ އެވެ. އެކަމަކު ޖަލުގައި މަރާލީ ކަމަށް ކުރާ ތުހުމަތު ސާބިތުކުރެވޭނެ ހެއްކެއް ނެތެވެ. އެ ރަށުގެ ފަޅުގައި އަޅާފައިވާ ދޯނިތަކާއި ފޭރުނު މުދާތަކަށް ބަދަލު ބޭނުންވިޔަސް އެކަން ކުރާނެ މަގެއް އިންތިގާލީ އިންސާފުގެ އޮފީހުން އަދި ނުދައްކަ އެވެ. މިކަމުގައި ހިމެނުނު ނުވަތަ އަނިޔާވި ވަރަށް ގިނަ ބަޔަކު ވަނީ މަރުވެފަ އެވެ.

އެހެންކަމުން، އިންތިގާލީ އިންސާފުގެ އޮފީހުން މި ނަގާ ބަޔާންތަކާއި ތަހުގީގުން ތިނަދޫ ރައްޔިތުންގެ ހިތްތަކުގައި ރޯވެފައިވާ ނަފްރަތުގެ ހުޅަށް ފިނިކަމެއް އަތުވެދާނެ ކަމަކަށް ނުބެލެވެ އެވެ. މުޅި މައްސަލައިގެ މަގްސަދާ މެދު އަދި ފެންނަން އޮތީ ނަފްރަތާއި ރުޅި އެވެ. މިކަމުގައި ސުލްހަވެރި ހައްލެއް ހޯދިދާނެ ކަމަކަށް ވެސް ނުބެލެވެ އެވެ.