Roadha Mihaaru
ލީގު ކާމިޔާބުކުމުގެ ރޭހުގައި ނަޕޯލީ އަށް ހުއްޓުމެއް ނެތް!

ލީގު ކާމިޔާބުކުމުގެ ރޭހުގައި ނަޕޯލީ އަށް ހުއްޓުމެއް ނެތް!

12 މާޗް 2023

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން 33 އަހަރަށް ފަހު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ނަޕޯލީން ރޭ އެޓަލާންޓާ އަތުން 2-0 އިން މޮޅުވެ، އެއް ވަނައިގައި 18 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން 33 އަހަރަށް ފަހު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ނަޕޯލީން ރޭ އެޓަލާންޓާ އަތުން 2-0 އިން މޮޅުވެ، އެއް ވަނައިގައި 18 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ތާވަލުގެ ދެ ވަނައިގައި އޮތް އިންޓަ މިލާން މި ހަފުތާގައި ބަންދުގައި ކުޅުނު މެޗުން ސްޕީޒިއާ އަތުން 2-1 އިން ބަލިވުމުގެ ފައިދާ ނަގައި، ނަޕޯލީ މިހާރު އެއް ވަނައިގައި އޮތީ 68 ޕޮއިންޓާ އެކު އެވެ. އިންޓަ ދެ ވަނައިގައި އޮތީ 50 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގެ ތަރިއަކަށްވީ، މި ސީޒަނުގައި ނަޕޯލީއާ ގުޅި އާދަޔާހިލާފު ކުޅުމެއް ދައްކަމުން އަންނަ ޖޯޖިއާގެ ވިޗާ ކްވަރަސްހޭލިއާ އެވެ. އޭނާ 60 ވަނަ މިނެޓުގައި ނަޕޯލީ އަށް ލީޑު ނަގައިދިނީ، އެޓަލާންޓާގެ މުޅި ޑިފެންސް ލައިން މަޅީގައި ޖައްސައިފަ އެވެ. ނަޕޯލީގެ ދެ ވަނަ ލަނޑު 77 ވަނަ މިނެޓުގައި ޖެހީ އާމިރު ރަހްމާނީ އެވެ.

ލީގުގައި ބާކީ ކޮންމެ ޓީމަކަށް 12 މެޗު އޮތްއިރު، ނަޕޯލީ އަށް ދެން ލީގު ގެއްލޭނީ ވަރަށް ނާދިރު ހާލަތެއް މެދުވެރިވެގެންނެވެ. ނަޕޯލީގެ ފޯމު ރަނގަޅު މި ސީޒަނުގައި އެ ޓީމަށް އިތުރަށް ނަސީބު އެހީވީ، ދެން ވާދަކުރި އިންޓަ އާއި އޭސީ މިލާން، ވޯލްޑް ކަޕަށް ފަހު ފޯމުން ކެޓުމުންނެވެ.

ނަޕޯލީ އަށް އެންމެ ފަހުން ލީގު ކާމިޔާބުކުރެވުނީ އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މަރަޑޯނާގެ މޮޅު ކުޅުމާ އެކު 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ ދެ ތިން ސީޒަނެއްގައި ލީގަށް ވާދަކުރި ނަމަވެސް ފަހު ވަގުތު ފުރުސަތު ގެއްލެނީ އެވެ.

ތާވަލުގެ ތިން ވަނައިގައި އޮތް ލާޒިއޯ ވަނީ ރޭ ބޮލޯނިއާއާ 0-0 އިން އެއްވަރު، ދެ ވަނަ އަށް އަރަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. އިންޓަ ބަލިވެފައިވާތީ ރޭ ލާޒިއޯ މޮޅުވި ނަމަ 51 ޕޮއިންޓާ އެކު އެ ޓީމަށް ދެ ވަނަ ލިބުނީހެވެ.

އަނެއްކޮޅުން ރޭ އެޓަލާންޓާ ބަލިވުމުން އެ ޓީމަށް ވަނީ ގަދަ ހަތަރެއްގެ އުއްމީދު ފަނޑުވެފަ އެވެ. އެ ޓީމު އޮތީ 42 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ތާވަލުގެ ފަސް ވަނައިގައި 47 ޕޮއިންޓާ އެކު އޮތް އޭސީ މިލާން މާދަމާރޭ ސަލެނެޓާނިއާ އަތުން މޮޅުވެއްޖެ ނަމަ ތަފާތު ބޮޑުކުރެވޭނެ އެވެ.