Roadha Mihaaru
އެކްޓިވިޓީ ޔުނީފޯމު ނުލިބޭތީ ބެލެނިވެރިންގެ ޝަކުވާ!

އެކްޓިވިޓީ ޔުނީފޯމެއް ނުލިބޭ، ބެލެނިވެރިންގެ ޝަކުވާ ބޮޑުވެފައި!

28 ޑިސެމްބަރ 2018

އާ އަހަރުގެ ކިޔެވުން ފެށެން ކައިރިވަމުން އަންނަ އިރު ބައެއް ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމު ލިބުމުގައި ދަތިތަކާ ކުރިމަތިވެ، ބެލެނިވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އާ އަހަރުގެ ކިޔެވުން ފެށެން ކައިރިވަމުން އަންނަ އިރު ބައެއް ސްކޫލްތަކުގެ އެކްޓިވިޓީ ޔުނީފޯމު ލިބުމުގައި ދަތިތަކާ ކުރިމަތިވެ، ބެލެނިވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

އެކްޓިވިޓީ ޔުނީފޯމުގެ އިތުރުން ބައެއް ސްކޫލުތަކުގެ ޔުނިފޯމް ފޮތި ވެސް ގަންނާކަށް ނުލިބެ އެވެ. އެކްޓިވީޓީ ޔުނީފޯމަކީ ސްކޫލުތަކުން ވަކި ބަޔަކާ ކޮންޓްރެކްޓް ހަދައިގެން އެކި ފިހާރަތަކުން ވިއްކަމުން އަންނަ އެއްޗެކެވެ. ގިނަ ސްކޫލުތަކުގެ އެކްޓިވިޓީ ޔުނިފޯމް ވިއްކަނީ އީވް ގާމެންޓްސް އިންނެވެ.

ބައެއް ސްކޫލުތަކުގެ އަންނަ އަހަރުގެ އެކްޓިވިޓީ ޔުނީފޯމް ވަނީ ބަދަލުވެފަ އެވެ. ބައެއް ބެލެނިވެރިން ބުނަނީ، ސްކޫލު ބަންދުވި އިރު ސްކޫލުތަކުން ދީފައިވާ ނޯޓްތަކުގައި ބުނެފައިވާ ފިހާރަތަކުން އެކްޓިވީޓީ ޔުނީފޯމް ލިބެން ނެތް އިރު، އެ ތަންތަނަށް ވެސް އެކްޓިވީޓީ ޔުނީފޯމްގެ އެންމެ ޝިޕްމަންޓެއް ވެސް އަދި ލިބިފައި ނުވާ ކަމަށެވެ. އެތަންތަނާ ހަވާލާދީ ބައެއް ބެލެނިވެރިން "މިހާރު" އަށް ބުނެފައިވާ ގޮތުގައި ބައެއް ސްކޫލުތަކުގެ އެކްޓިވިޓީ ޔުނީފޯމް ލިބޭނީ ވެސް ސްކޫލު ހުޅުވޭތާ އެތަކެއް ދުވަސް ފަހުންނެވެ. އެހެންވެ، އަންނަ އަހަރު ސްކޫލު ފެށިޔަސް ބައެއް ސްކޫލުތަކުގައި އެކްޓިވިޓީ ޔުނީފޯމް ލާން ހަމަޖެހިފައި ވަނީ ފަހުންނެވެ.

ބައެއް ބެލެނިވެރިން ބުނީ ބައެއް ސްކޫލުތަކުގެ އެކްޓިވިޓީ ޔުނީފޯމް ލިބެން ހުއްޓަސް، ގިނަ ސައިޒްތައް ލިބެން ނުހުންނަ ކަމަށެވެ.

"ޓީޝާޓް ލިބެންޏާ ހަރުވާޅެއް ސޯޓެއް ނުލިބޭ،" އެކަކު ބުންޏެވެ. "އަޅުގަނޑު ހިނގައްޖިން ސްކޫލުތައް ހަމަ ބަންދުވިތަނާ. އެކަމަކު އޭރު ވެސް މިހާރު ވެސް ސައިޒެއް ނުލިބޭ. ލިބޭނީ ކޮން ދުވަހަކުންހޭ އެހީމަ ބުނަނީ ނޭނގެއޭ. ކޮންމެ ދުވަހަކުހެން ގޮސް އެބަ ޗެކް ކުރަން."

މި މައްސަލާގައި ބައެއް ބެލެނިވެރިން ވަނީ އެ މީހުންގެ ޝުއޫރުތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބެލެނިވެރިޔަކު ބުނެފައިވަނީ އެޑިއުކޭޝަނާއި ސްކޫލުތަކުން މިއަށް ވުރެ ރަނގަޅު އިންތިޒާމެއް ހަމަޖައްސަން އެބަޖެހޭ ކަމަށެވެ.

"ސްކޫލު ހުޅުވެން ވާއިރަށް ޓެކްސްޓް ފޮތެއް ލިބެނީއެއް ނޫން. ޔުނީފޯމް ފަހާ ފޮތި ލިބެނީއެއް ނޫން. އެކްޓިވީޓީ ޔުނީފޯމެއް ލިބެނީއެއް ނޫން،" އެއް ބެލެނިވެރިޔަކު ބުނެފައިވެ އެވެ.

އެހެން ބެލެނިވެރިޔަކު ބުނެފައިވާ ގޮތުގައި މިއީ ކޮންމެ އަހަރަކު ވެސް މިކަން ދާ ގޮތެވެ. އަދި ކޮންމެ ދިރާސީ އަހަރަކު ވެސް ބެލެނިވެރިންގެ މި ޝަކުވާ އޮންނަ ކަމަށް ބުނެ އޭނާ ބުނެފައި ވަނީ ސަރުކާރު ބަދަލުވިޔަސް "ކަން ބަދަލެއް ނުވޭ" ކަމަށެވެ.

"ކޮންމެ އަހަރަކު ސްކޫލުތައް ހުޅުވޭއިރަށް އާ ޔުނީފޯމް ގަންނާނެކަން އެއީ މާ ކުރިން ވެސް އެނގެން ޖެހޭ އެއްޗެއް. އެއަކަށް ސްކޫލުތަކުން ދުވަހަކު ވެސް ތައްޔާރެއް ނުވޭ،" ބެލެނިވެރިޔަކު ބުނެފައި ވެ އެވެ.

ދިރާސީ އަހަރު ފެށޭ އިރު އެކްޓިވިޓީ ޔުނީފޯމު އެއްގޮތަކަށް ވެސް ނުލިބޭ ކުދިންގެ ތެރޭގައި ޖަމާލުއްދީން ސްކޫލު ހިމެނެ އެވެ. އެހެންވެ، އެ ސްކޫލުން ބެލެނިވެރިންނަށް މިހާރު އަންގާފައި ވަނީ އެކްޓިވީޓީ ޔުނީފޯމް ލިބި، ޔުނީފޯމް ބޭނުން ކުރަން ފަށާނީ ސްކޫލު ހުޅުވޭތާ 10 ދުވަސް ފަހުން ކަމަށެވެ. ހަމައެގޮތަށް އިސްކަންދަރު ސްކޫލާއި ގިޔާސުއްދީން ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ނުލިބޭއިރު، އިސްކަންދަރު ސްކޫލުގެ ޔުނީފޯމް ފޮތި ވެސް، އެ ސްކޫލުން ބުނާ ފިހާރައަކުން ގަންނާކަށް ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި އިސްކަންދަރު ސްކޫލާއި ގިޔާސުއްދީން ސްކޫލުން ބެލެނިވެރިންނަށް އަންގާފައި ވަނީ އެކްޓިވިޓީ ޔުނީފޯމް ލިބޭނީ ޖެނުއަރީ މަހުން ފެށިގެން ކަމަށެވެ.

"މި އަންނަ ހަފްތާގައި [ސްކޫލަށް] ދާން ބުނެފައި އޮތީ އެކްޓިވިޓީ ޔުނީފޯމުގެ ސައިޒުތައް ބަލަން. އެ ލިބޭނީ ކޮން ދުވަހަކުން ކަމެއް އަދި ނޭނގޭ. އޮންލައިންކޮށް ރިކުއެސްޓް ކޮށްލަން ޖެހޭނެ ކަމަށް ސްކޫލުން ބުނީ،" ގިޔާސުއްދީން ސްކޫލުގެ ބެލެނިވެރިޔަކު ކިޔައިދިނެވެ.

މީގެ އިތުރުން އެހެން ސްކޫލުތަކުގެ އެކްޓިވިޓީ ޔުނީފޯމު ލިބެން ހުރި ނަމަވެސް، ބޭނުންވާ ސައިޒު ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ބެލެނިވެރިން ބުނެ އެވެ.

ތާޖުއްދީން ދަރިވަރުންގެ ބެލެނިވެރިންގެ ޝަކުވާ ވެސް ހުރީ ހަމަ ދާދި އެއްގޮތަކަށެވެ.

"އަހަރެންގެ ދަރިފުޅުގެ ސައިޒެއް ނެތް ލިބޭކަށެއް. ޖަނަވަރީގައި ލިބޭނެ ކަމަށް އެކަމަކު ބުނި،" ތާޖުއްދީނަށް ދާ ކުއްޖެއްގެ ބެލެނިވެރިޔަކު ބުންޏެވެ.

ހިރިޔާ އާއި ތާޖުއްދީން ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމު ވިއްކާ އީވް ގާމެންޓްސްގެ ޑިރެކްޓަރު މުހައްމަދު މުސާއިދް ވިދާޅުވީ އެ ތަނުން ޑިމާންޑު އޮތް ވަރަށް ޔުނީފޯމު ވިއްކަމުން އަންނަ ކަމަށެވެ.

"އެކަމަކު އެކި ސައިޒުތަކުގެ އެކްޓިވިޓީ ޔުނީފޯމު އެބަހުރި ހުސްވެފައި. އެހެން ނަމަވެސް އަޅުގަނޑުމެން އެ ސައިޒުތަކުގެ ޔުނީފޯމުތައް ފަހައި، ސްކޫލް ހުޅުވެން ވާއިރަށް ފޯރުކޮށްދޭނަން،" މުސާއިދު ވިދާޅުވި އެވެ.