Roadha Mihaaru
ފުވައްމުލަކުގައި ރުއްގަސް ކަނޑާ މައްސަލަ ބޮޑުވެއްޖެ

ފުވައްމުލަކުގައި ގަވައިދާ ހިިލާފަށް ރުއްގަސް ކަނޑާތީ އިންޒާރު ދީފި

12 މާޗް 2023

ފުވައްމުލަކުގެ ހޭޅިފަށުންނާއި އެހެން ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ މައްސަލަ ބޮޑުވެ ކައުންސިލުން އިންޒާރު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ފުވައްމުލަކުގެ ހޭޅިފަށުންނާއި އެހެން ސަރަހައްދުތަކުން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ މައްސަލަ ބޮޑުވެ ކައުންސިލުން އިންޒާރު ދީފި އެވެ.

އެކަން ނުކުރުމަށް އަންގައި ފުވައްމުލަކު ސިޓީ ކައުންސިލުން ނެރުނު އިންޒާރުގެ ބަޔާނުގައި ބުނި ގޮތުގައި، ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާ ބެހޭ ގަވާއިދުގެ ދަށުން، ރަށުގެ ގޮނޑުދޮށުގައި، ރުކުން ނުވަތަ ގަހުން ފެށިގެން އެއްގަމަށް 20 މީޓަރު ފުޅާމިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައި ހުންނަ ހުރިހާ ބާވަތެއްގެ ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުން މަނާ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ އެއީ އެ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުތަކާ ވެސް ހިލާފު އަމަލެއް ކަމަށެވެ. ރުއްގަސް ކަނޑައި އުފުރުމާއި ކޮނެ، ނަގައި އެއްތަނުން އަނެއްތަނަށް ގެންދެވޭނީ، ގަވައިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އިޖުރާތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

"...އުސޫލުތަކާއި އިޖުރާތްތަކާ އެއްގޮތްވާ ގޮތުގެ މަތީން އަމަލުކުރުމަށް ހުރިހާ ރައްޔިތުންނަށް އަންގާ އިލްތިމާސްކުރަމެވެ. އަދި މި ގަވައިދާ ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެ ވާހަކަ ވެސް ދަންނަވަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ރަށްރަށުގައި ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ. އީޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު އެ އެޖެންސީއަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވެސް އެ ކަހަލަ މައްސަލަތަކެވެ.

މިދިޔަ އަހަރު އީޕީއޭއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 29 ޕަސެންޓަކީ ގަވާއިދާ ހިލާފަށް ރުއްގަސް ކެނޑުމުގެ މައްސަލަތަކެވެ. ރުއްގަސް ކެނޑުމުގެ 55 މައްސަލައެއް ރިޕޯޓްކޮށްފައިވެ އެވެ.