Roadha Mihaaru
ޕެލޭ ވަސިއްޔަތްކުރީ މުދަލުން 30 ޕަސެންޓް ހުވަފަތް އަންހެނުންނަށް ދޭން

ޕެލޭ ވަސިއްޔަތްކުރީ މުދަލުން 30 ޕަސެންޓް ހުވަފަތް އަންހެނުންނަށް ދޭން

12 މާޗް 2023

ދާދި ފަހުން މަރުވި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވަސިއްޔަތްކޮށްފައިވަނީ މުދަލުން 30 ޕަސެންޓް ހުވަފަތް އަންހެނުންނަށް ދޭންކަމަށާއި، ކުދިންނަށް ހާއްސަކޮށްފައިވާ 70 ޕަސެންޓުގެ ތެރޭގައި، އޭނާގެ ދަރިއަކަށް ވެދާނެ ކަމަށް ބެލެވޭ އަންހެނަކު ހިމަނާފައިވާ ކަމަށް ވަކީލުން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދާދި ފަހުން މަރުވި ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ވަސިއްޔަތްކޮށްފައިވަނީ މުދަލުން 30 ޕަސެންޓް ހުވަފަތް އަންހެނުންނަށް ދޭންކަމަށާއި، ކުދިންނަށް ހާއްސަކޮށްފައިވާ 70 ޕަސެންޓުގެ ތެރޭގައި، އޭނާގެ ދަރިއަކަށް ވެދާނެ ކަމަށް ބެލެވޭ އަންހެނަކު ހިމަނާފައިވާ ކަމަށް ވަކީލުން ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހުގެރޭ، އުމުރުން 82 އަހަރުގައި ކެންސަރު ބަލީގައި ޕެލޭ މަރުވިއިރު އަންހެން މާސިއާ އައޯކީއާ އެކު ދިރިއުޅެމުން ދިޔަ، ހޮލިޑޭ ހޯމް، އެ 30 ޕަސެންޓުގެ ތެރެއިން ލިބޭނީ އޭނާ އަށެވެ.

ޕެލޭގެ މިލްކިއްޔާތުގައި އިތުރު ގެތަކާއި އެޕާޓްމަންޓްތަކާއި އޭނާގެ އަމިއްލަ ބްރޭންޑުގެ ހިއްސާ ވެސް ހިމެނެ އެވެ. ފުރިހަމަ އިންވެންޓަރީއެއް ހަދާ ނިމުމުން، މި ލިސްޓު ދިގުވެދާނެ އެވެ.

މާސިއާގެ ވަކީލު ލުއިޒް ކިގްނެލް ބުނީ، ވަސިއްޔަތުގައި ދަރިންނަށް ހާއްސަކުރި ބާކީ 70 ޕަސެންޓުގެ ތެރެއިން ބައެއް، ބްރެޒިލްގެ އަންހެނަކަށް ލިބޭ ކަމަށެވެ. ޕެލޭ ވަނީ އޭނާގެ ކުއްޖެއް ހުރެދާނެ ކަމަށް ވަކީލުން ގާތު ކުރިން ބުނެފަ އެވެ. އެކަމަކު ކޮވިޑުގެ ސަބަބުންނައި ޕެލޭގެ ބަލި ހާލަތު ހުރި ގޮތުން ޑީއެންއޭ ޓެސްޓް ނުހެދި އޮތީ އެވެ.

އެ އަންހެން މީހާ ވެސް ވަނީ، އޭނާ އަކީ ޕެލޭގެ ދަރިއެއްކަން ސާބިތުކުރަން ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. ކޯޓުން ވެސް މިދިޔަ އަހަރު ޕެލޭގެ ޑީއެންއޭ ސާމްޕަލެއް ދޭން އެދުނެވެ. ބެލެވޭ ގޮތުގައި ޕެލޭގެ ކުއްޖެއްގެ ޑީއެންއޭ ޓެސްޓް ހަދައި، ކޯޓުން ވަރަށް އަވަހަށް އެކަމާ ގޮތެއް ނިންމާނެ އެވެ.

މީގެ ކުރިން ދެ ކައިވެންޏެއް ކުރި ޕެލޭގެ މިލްކިއްޔާތުން 30 ޕަސެންޓް ލިބުނު މާސިއާ، 57، އާ ޕެލޭ ކައިވެނިކުރީ އޭނާގެ އުމުރުން 76 އަހަރުގައި 2016 ގަ އެވެ. ޖަޕާން ދަރިކޮޅަކަށް ވެސް ނިސްބަތްވާ ބްރެޒިލްގެ މާސިއާއާ ޕެލޭ އެންމެ ފުރަތަމަ ބައްދަލުވީ 1980ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން އަލުން ބައްދަލުވެ ލޯބީގެ ގޮތުން ގުޅުނީ 2010 ގަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ޕެލޭ ވަނީ ބްރެޒިލާ އެކު ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާ އަކީ އެ މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ.