Roadha Mihaaru
ކޯލިޝަނާ ގުޅޭ ގޮތުން ރައީސް ޖޭޕީއާ މަޝްވަރާކުރައްވާނެ

ކޯލިޝަންއާ ގުޅޭ ގޮތުން ރައީސް ޖޭޕީއާ މަޝްވަރާކުރައްވާނެ: ރައީސް އޮފީސް

15 މާޗް 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ކޯލިޝަންގައި ދެމިތިބެ އެމްޑީޕީއާ އެކު ކުރިއަށްދާން ޖުމްހޫރީ ޕާޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީއަށް މިހާތަނަށް ޖަވާބު ފޮނުވާފައި ނުވާ ކަމަށާއި ޖޭޕީން ގޮތެއް ނިންމައިފި ނަމަ ކޯލިޝަންއާ ގުޅޭ ގޮތުން އެ ޕާޓީއާ އެކު ރައީސް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް ކޯލިޝަންގައި ދެމިތިބެ އެމްޑީޕީއާ އެކު ކުރިއަށްދާން ޖުމްހޫރީ ޕާޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީއަށް މިހާތަނަށް ޖަވާބު ފޮނުވާފައި ނުވާ ކަމަށާއި ޖޭޕީން ގޮތެއް ނިންމައިފި ނަމަ ކޯލިޝަންއާ ގުޅޭ ގޮތުން އެ ޕާޓީއާ އެކު ރައީސް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސެކްރެޓަރީ މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) ވިދާޅުވީ 2023 ގެ ކޯލިޝަނަށް ރައީސް ދެއްވި ދައުވަތަށް ޖޭޕީގެ ޖަވާބު ނުލިބޭ ކަަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލުން ރޭ ވަނީ، އެ ޕާޓީން އިންތިހާބުގައި ވާދަކޮށް، އިސްވެ އޮވެ އެހެން ޕާޓީތަކާ އެކު ކޯލިޝަން ހަދަން ނިންމައިފަ އެވެ. އެ ޕާޓީގެ ކޮންގްރެސްގައި ވެސް ވަކިން ވާދަކުރަން ނިންމައި ގަރާރެއް އޮތީ ފާސްކޮށްފަ އެވެ.

"...2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ވާދަ ކުރަން ނުވަތަ ޖުމްހޫރީ ޕާޓީ އިސްވެ އުފައްދައި ކޯލިޝަނަކުން ވާދަ ކުރުމަށް،" އެ ގަރާރުގައި ވެ އެވެ.

އެއީ އަމަލުކުރުން ލާޒިމް ގަރާރެއް ނޫން ކަަމަށް ގާސިމް ވިދާޅުވެފައި ވަނިކޮށް ކައުންސިލްގެ ނިންމުން އިއްޔެ މިއައީ، ކޮންގްރެސްގެ ގަރާރަށް ބާރުދީ ހުށަހެޅި ހުށަހެޅުންތަކެއްގެ މައްޗަށެވެ. ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް، ޕްރައިމަރީއަށް ހުޅުވާލައި ކެންޑިޑޭޓަކު އަދި ނުހޮވަ އެވެ.

ގާސިމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ވެސް މިހާތަނަށް އިއުލާނެއް ނުކުރައްވަ އެވެ.

ހިސާން ވިދާޅުވީ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީން ނިންމުމެއް ނިންމައިފި ނަމަ ދެން ކުރިއަށްދާންވީ ގޮތަކާ މެދު ވެސް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު ރައީސް މަޝްވަރާކުރައްވާނެ އެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް ފަސް އަހަރުގެ ދައުރަކަށް ހެދި ކޯލިޝަންގައި ދެމިއޮތް ޖުމްހޫރީ ޕާޓީއާ ދޭތެރޭގައި ރައީސް ގޮތެއް ނިންމަވާނީ އޭގެ ފަހުން ކަމަށް ވެސް ވިދާޅުވި އެވެ.

"2023 އަށް ކޯލިޝަން ހަދަން ރައީސް ފޮނުއްވި ސިޓީއަށް ޖުމްހޫރީ ޕާޓީން ޖަވާބެއް އަދި ނުދޭ. އަދާލަތު ޕާޓީ އާއި އެމްޑީއޭ އިން ވަނީ ޖަވާބުދީ، އިންތިހާބުގައި ރައީސްއާ އެކު ކުރިއަށްދާން ނިންމާފައި،" ހިސާން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް، ކޯލިޝަން ހަދަން ދައުވަތު ދެއްވި ޕާޓީތަކުގެ ތެރެއިން އަދާލަތު ޕާޓީ އާއި އެމްޑީއޭގެ ނިންމުން އިއުލާންކޮށްފައި ވިޔަސް ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުން އަދި ގޮތެއް ނުނިންމަ އެވެ.

އެމްޑީޕީއަށް ދެ ވަނަ ދައުރެއް ކާމިޔާބުވާން އޮތީ ކޯލިޝަަނަކުން ކަމަށް ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅު ހުރީ ޕާޓީތަކާ އެކު އިއްތިހާދުވެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އިންތިހާބުވެވަޑައިގަތުމަށެވެ.