Roadha Mihaaru
ރޫހު ހުރީ ރިޔާސީ އިންތިހާބަށް ގާސިމް ނުކުންނެވުމަށް

ކައުންސިލްގެ ރޫހު ހުރީ ރިޔާސީ އިންތިހާބަށް ގާސިމް ނުކުންނެވުމަށް

14 ފެބުރުއަރީ 2023

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލްގެ ގިނަ މެމްބަރުންގެ ރޫހު ހުރީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވުމަށް ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކައުންސިލްގެ ގިނަ މެމްބަރުންގެ ރޫހު ހުރީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވުމަށް ކަމަށާއި އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުން ކަނޑައަޅާފައިވާތީ ސިޔާސީ މަސްރަހު ދެން ބަދަލުވާން އޮތީ ރިޔާސީ އިންތިހާބުތައް ކާމިޔާބު ކޮށްދިނުމުގައި އަބަދުވެސް މުހިންމު ރޯލެއް ކުޅެދޭ ޖުމްހޫރީ ޕާޓީގެ ނިންމުމުގެ މައްޗަށެވެ. އިންތިހާބުގައި ގާސިމް ވަކިން ވާދަކުރައްވާނީތޯ ނުވަތަ އަނެއްކާވެސް ކޯލިޝަން ވެރިކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތްޕުޅަށް އަރާވަޑައިގަންނަވާނީތޯ ސުވާލު އުފައްދަވަ އެވެ.

ޖަލު ހުކުމާ ހެދި އިންތިހާބުގައި ވާދަކުރެއްވުމުގައި ގާނޫނީ ހުރަހެއް މި ވަގުތަށް ކުރިމަތިވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސަކަށް ހުންނެވި އިދިކޮޅު ޕީޕީއެމާ އެކު ވެސް ގާސިމް ކޯލިޝަން ހެއްދެވުން ދުރު ނޫން ކަމަށް ބައެއް ބޭފުޅުން ލަފާކުރައްވަ އެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ބާއްވަން ތައްޔާރުވަމުން އަންނަ އިރު ރިޔާސީ އިންތިހާބާ މެދު ގޮތް ނިންމައި އިއުލާންކުރާނީ އެ ޖަލްސާގައި މެމްބަރުން އިއްތިފާގުވާ ގޮތަކަށެވެ.

މި މަހުގެ 24-25 އަށް ބާއްވަން ނިންމާފައިވާ އެ ޖަލްސާގެ ކުރިން، އިންތިހާބުގައި ވާދަކުރެއްވުމާ މެދު ގާސިމް ގޮތެއް ނިންމަވާނެ ކަމަށް ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

"ވަރަށް ގިނަ ސީނިއަ މެމްބަރުންގެ ރޫހް ހުރީ ލީޑަރު ގާސިމް އިބްރާހިމް އިންތިހާބުގައި ވާދަކުރައްވަން. އެ މަގަށް ބައްދަލުވުންތަކާއި މަޝްވަރާތައް ހިނގަމުން އެބަދޭ،" އެއް މެމްބަރަކު ވިދާޅުވި އެވެ.

އެ ރޫހު ކުރިއަށް ނެރެ ބައްދަލުވުންތައް ބާއްވަމުން އަންނަނީ ގާސިމް ދިރިއުޅުއްވަމުން އަންނަ ސަން އައިލެންޑް ރިސޯޓުގަ އެވެ. އެކި ގްރޫޕްތަކާ ބައްދަލުކުރައްވައި އިންތިހާބުގެ މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށް "މިހާރު" އަށް ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އަސާސީ ގަވައިދު އޮންނަ ގޮތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވުމުގެ ބާރު އޮތީ ޕާޓީގެ ލީޑަރަށެވެ. އެ މާއްދާ ބަދަލުކުރަން ޖޭޕީގެ ވިސްނުންތަކެއް ގެންގުޅެ ކައުންސިލަށް އިއްޔެ ހުށަހަޅައިގެން ފާސްކުރަން ނިންމި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު

ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު

އެ އިސްލާހުގައި އޮތީ ލީޑަރުގެ މަގާމު އުވާލައި ކޮންގްރެސްގައި ޖޭޕީ އަށް ރައީސަކު އައްޔަންކުރުމަށެވެ. އެކަމަކު އެގޮތަށް ބަދަލުނުކުރަން ލޮބީކޮށް ކައުންސިލް ބައްދަލުވުމާ ހަމައަށް އައިރު ގިނަ މީހުންނަށް އެއްބަސްވެވުނީ ގާސިމް ފުރުއްވަމުން ގެންދަވާ ލީޑަރުގެ މަގާމް އުވާނުލުމެވެ.

ރިޔާސީ އިންތިހާބާ ގުޅޭ މުހިންމު ނިންމުންތަކަކަށް ޖޭޕީން މަސައްކަތް ކުރަމުން އަޔަސް ގާސިމްގެ ނިންމުން މިހާތަނަށް އިއުލާނެއް ނުކުރައްވަ އެވެ. އެންމެ ފަހުން ވިދާޅުވެފައި ވަނީ އިންތިހާބަށް ކުރިމަތިލާކަށް ވެސް އަދި ނުލާކަށް ވެސް ނުނިންމަވާ ކަމަށެވެ.

އެ ޕާޓީން އިންތިހާބަށް ނެރޭނެ ކެންޑިޑޭޓު ނިންމާނީ ކޮންގްރެސްގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ފަހުން ބޭއްވި ބައްދަލުވުންތަކުގައި ނިންމާފައި އޮތީ ރިޔާސީ ކެނޑިޑޭޓަކު ޖޭޕީން ނެރެން. އެ ނިންމުމަށް ބަދަލެއް އަންނާނެތޯ ނުވަތަ ނާންނާނެތޯ އެނގޭނީ ކޮންގަރެސްގައި އާ ކައުންސިލް ހޮވީމަ. ހަމަގައިމުވެސް އަޅުގަނޑުމެން ބާކީ ވެގެން ނުދާނެ،" ގާސިމް ވިދާޅުވެފައިވެ އެވެ.

ގާސިމް މި ފަހުން ގެންދަވަނީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް މި ވެރިކަމުގައި ވެސް ކަންކަން ނުހިނގާ ކަމުގެ ހިތްހަމަނުޖެހުންތަކާ އެކު އިންތިހާބުގެ ފުރަތަމަ ބުރުގައި ކޯލިޝަން ހެދުމާ ދުރު ވިސްނުމެއް ނެރުއްވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ކެމްޕޭން "ތައްޔާރު" ޖަލްސާގައި ގާސިމް ވިދާޅުވެފައި ވަނީ އަބަދު "ދަލު ބޭރުގައި" ތިބޭ ވަރަށް ވުރެން އެ ޕާޓީގެ ސައިޒާއި މަގްބޫލުކަން ވެސް މާ ބޮޑު ކަމަށެވެ. ރައްޔިތުންނަށް އެ ޕާޓީން ބޭނުންވާ ގޮތަށް ހިދުމަތް ކޮށްދެވެން އޮތީ ޖޭޕީގެ ވެރިކަމެއްގައި ކަމަށް ވިދާޅުވި އެވެ.

ގާސިމް ވެސް ވިދާޅުވެފައިވާ ގޮތުގައި އެ ޕާޓީގެ ބައިވެރިވުން ނެތި މިހާތަނަށް އެއްވެސް ބަޔަކަށް ވެރިކަމަކަށް ނާދެވެ އެވެ. އެމްޑީޕީން 2008 ގައި ވެރިކަމަށް އަދި 2013 ގައި ޕީޕީއެމާއި 2018 ގައި މި ވެރިކަން އުފެދުނީ ވެސް ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދައިގެންނެވެ.

"ﷲ ސުބްހާނަހޫ ވަތައާލާ އެގޮތަށް އިރާދަކުރައްވައި މިންވަރު ކުރައްވާފައި އޮތް ގޮތް އެއީ. އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދުއާއަކީ އެގޮތަށް ބައެއްގެ ފަހަތަށް ނާރާއި ވެސް އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ދުވަހެއް ދެއްކެވުން. ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް އޮންނާނެ އަގީދާއެއް މަގްސަދެއް އެއީ،" ގާސިމް ވިދާޅުވެފައިވެ އެވެ.

ރާއްޖޭހެ ސިޔާސީ ޕާޓީތަކުގައި މެމްބަރުންގެ އަދަދު ކިތަންމެ ގިނަޔަސް ވޯޓުލާ އާބާދީގެ 50 ޕަސެންޓަށް ވުރެން މަތިން ހޯދައި އެއްބުރުން އިންތިހާބު ކާމިޔާބުކޮށްލޭވެނެ ޕާޓީއެއް ނެތެވެ. ގާސިމް ނިންމަވާ ގޮތެއް ސިޔާސީ މަސްރަހަށް މުހިއްމުވާ ސަބަބަކީ މި އެވެ.