Roadha Mihaaru
ޖޭޕީގެ ސްލޮޓްތަކުން މީހުން ވަކިކުރުމުގެ ނިންމުމެއް ނެތް

ޖޭޕީގެ ސްލޮޓްގައި ތިއްބަސް ސަރުކާރާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ: މިއުވާން

14 ޖޫން 2023

ސަރުކާރު ކޯލިޝަންގައި އޮވެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ސަރުކާރުގެ ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައި ތިބި މީހުން ސަރުކާރާ އެކު މަސައްކަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު ކޯލިޝަންގައި އޮވެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ސަރުކާރުގެ ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައި ތިބި މީހުން ސަރުކާރާ އެކު މަސައްކަތް ކުރަން ބޭނުންވާ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ޖޭޕީން އިންތިހާބަށް ނުކުންނާނެ ކަން އެ ޕާޓީގެ ކައުންސިލްގެ ގަރާރަކުން ފާސްކޮށް އިއުލާންކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ވާދަކުރާ ދެ ކެންޑިޑޭޓަކު ކޯލިޝަންގައި ތިބުމަކީ ކެމްޕޭން ހިންގާއިރު ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

ޕްރައިމަރީ ކާމިޔާބު ކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމައި ކެންޑިޑޭޓަކަށް ކަނޑައަޅާފައިވާ މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ލީޑަރު، ގާސިމެވެ. އޭނާއަށް ރިޔާސީ ޓިކެޓް ހަވާލުކޮށް, ކެމްޕޭންގެ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.

ވެރިކަމުގެ ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ދިން ދައުވަތު ގަބޫލުނުކުރާ ކަން ޖޭޕީން ރަސްމީކޮށް ވަނީ ރިޔާސީ ޓިކެޓާ ގާސިމް ހަވާލުވެވަޑައިގަތުމުގެ އެއް ދުވަސް ކުރިން އަންގައިފަ އެވެ. އެހެންވިޔަސް ޖޭޕީން ސިޔާސީ މަގާމްތަކުގައި ތިބި މީހުން ވަކިކުރުމުގެ ވިސްނުމެއް ސަރުކާރުގައި އަދި ނެތެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓަކަށް ކެމްޕޭން ފަށާ ހިސާބުން ކޯލިޝަންގައި ތިބެން ދަތިވާނެ ކަމަށް ރައީސް ވިދާޅުވެފައި ވިޔަސް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. ޖެޕީ އަދިވެސް އޮތީ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު މިއޮތް ކޯލިޝަނުން ވަކިވި ކަމެއް ވެސް އެ ބޭފުޅުން އަދި އަންގާފައެއް ނެތް. ސަރުކާރާ އެއްކޮށް މަސައްކަތްކުރަން އެ ބޭފުޅުން ތިއްބެވިއްޔާ ޖޭޕީ ސްލޮޓްގައި ވިޔަސް ފުރުސަތު އެ ބޭފުޅުންނަށް އޮންނާނެ," މިއުވާން ވިދާޅުވި އެވެ.

"ސިޔާސީ މަގާމްތަކުގައި ތިބި އެއްވެސް ބޭފުޅެއްގެ ފަރާތުން ހިދުމަތެއް ފޯރުކޮށްދިނުމަށް ނޫނީ ސިޔާސަތު ތަންފީޒުކުރަން ހުރަސްއެޅޭ ނަމަ އޭރަކު އެކަމަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް އަޅަމުންދާނެ. މިވަގުތަކަށް ސަރުކާރުގެ ނިންމުމެއް ނެތް."

ގާސިމަށް ޓިކެޓް ހަވާލުކުރަން ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ | މިހާރު

ގާސިމަށް ޓިކެޓް ހަވާލުކުރަން ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ މެމްބަރުން ބައިވެރިވަނީ. -- ފޮޓޯ | މިހާރު

އެމްޑީޕީ އިސްވެ ޖުމްހޫރީ ޕާޓީ އާއި އަދާލަތާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް ހިމެނޭ ގޮތުން އެކުވާލި ކޯލިޝަންގައި ޖޭޕީއަށް ކަނޑައެޅީ ކެބިނެޓާ އެކު ސިޔާސީ މަގާމްތަކުގެ 25 ޕަސެންޓެވެ. އެކަމަކު މިއާ ގާތަށް ވެސް މަގާމްތައް ނުދޭ ކަމަށް ޖޭޕީން ކަންބޮޑުވުންފާޅުކުރި އެވެ.

ޖޭޕީން ސިޔާސީ މަގާމްތަކަށް ފޮނުވާފައި ތިބި މީހުން ސަރުކާރަށް ފާޑުކިޔައި ދަތިކޮށް ހަދާ ނަމަ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ގާސިމް ވިދާޅުވެފައި ވިޔަސް މި ފަހުން ސްޓޭންޑް ބަދަލުކުރައްވައި ވިދާޅުވެފައި ވަނީ ދައުރު ނިމެންދެން ކޯލިޝަން ދެމިއޮންނަން ޖެހޭ ކަމަށެވެ. މަގާމްތަކުން ވެސް އެއްވެސް މީހަކު ވަކިނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.