Roadha Mihaaru
ޑީއާރުޕީން 125000ރ. ހަމަހުން ދައްކަން މުހުލަތެއް

ޑީއާރުޕީން 125،000ރ. ހަ މަހުން ދައްކަން ފުރުސަތު ދީފި

23 ޑިސެމްބަރ 2020

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އިލެކްޝަންސް ކޮމިޝަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 125،000ރ. އަން މަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ދައްކަން ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމުން ކޯޓުން އެގޮތަށް ހުކުމްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އިލެކްޝަންސް ކޮމިޝަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 125،000ރ. އަން މަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ދައްކަން ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމުން ކޯޓުން އެގޮތަށް ހުކުމްކޮށްފި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ލީޑަރުކަމުގައި ހިންގާ ޑީއާރުޕީން ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ހޯދަން އީސީން ކުރި ދައުވާ ނިންމައި ސިވިލް ކޯޓުން ހުކުމްކުރީ މިދިޔަ ހަފުތާގަ އެވެ.

ޑީއާރުޕީން އީސީ އަށް 125،000.ރ ދައްކަން ޖެހުނީ މިދިޔަ ތިން އަހަރު ވެސް، އެ ޕާޓީން އޮޑިޓް ރިޕޯޓް ހުށަ ނޭޅުމުން ޖޫރިމަނާކުރުމުން ވެސް އެއިން އެ ފައިސާ ނުދައްކާ އޮތުމުންނެވެ. ޑީއާރްޕީން 2016 ވަނަ އަހަރު 50،000ރ. އިން ޖޫރިމަނާ ކުރި އިރު ޖެހިގެން އައި އަހަރު 25،000ރ. އިން އަދި މިދިޔަ އަހަރު 50،000ރ. އިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ފައިސާ ހޯދަން އީސީން ކޯޓަށް ދިޔައީ ފައިސާ ދައްކަން ތިން ފަހަރެއްގެ މަތިން މުހުލަތު ދިނުމުން ވެސް ފައިސާ ނުދެއްކުމުންނެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ޑީއާރުޕީން އެ ދައުވާއަކަށް އިންކާރެއް ނުކުރެ އެވެ.

ޑީއާރުޕީން އީސީ އަށް ދައްކަން ހުރި ފައިސާގެ އިތުރުން ބައެއް ކުންފުނިތަކަށް ވެސް އެ ޕާޓީން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުއްޓެވެ. އެ ދަރަނިތަކަށް ޕާޓީގެ ކުރީގެ ލީޑަޝިޕް ޒިންމާ ކުރުވަން އެ ބޭފުޅުންނާ ދެކޮޅަށް ދައުވާކުރާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެެރިކަމުގައި އެ މަނިކުފާނު އިސްކޮށް ހުންނަަވައިގެން އުފެއްދެވި ޕާޓީއެކެވެ. ރާއްޖޭގައި ބޭއްވި ފުރަތަމަ މަލްޓީޕާޓީ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރެއްވީ ޑީއާރްޕީގެ ޓިކެޓްގަ އެވެ. އެ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންތާ ކުޑަ ދުވަސްކޮޅެއް ފަހުން ޕާޓީ ބައިބައިވެ، މައުމޫނާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުން ޕާޓީން ވަކިވެ ޕީޕީއެމް އުފެއްދެވީ އެވެ.