Roadha Mihaaru

ޑީއާރްޕީގެ ދަރަންޏަށް ޒިންމާވާނެ މީހެއް ނެތް، ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަ ނުބެލުނު

އުވާލާފައިވާ ޑީއާރްޕީގެ ދަރަންޏަށް ޒިންމާވާނެ މީހަކު ނެތުމުން، އެ ޕާޓީން ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ހޯދުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ޑީއާރްޕީން ދައުލަތަށް ދޭންޖެހޭ ފައިސާގެމައްސަލަ ނުބެލުނު

އުވާލާފައިވާ ޑީއާރްޕީގެ ދަރަންޏަށް ޒިންމާވާނެ މީހަކު ނެތުމުން، އެ ޕާޓީން ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ހޯދުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ޑީއާރްޕީއަށް ދަރުބާރުގެ ކުއްޔަށް ދޫކުރި މުއްދަތަށްވާ ކުލީގެ ގޮތުގައި ދައްކަން ޖެހޭ 83،000ރ. އެއް މަސް ތެރޭ ދައްކަން ޖެހޭ ކަމަށް 2018 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރި ނަމަވެސް، އެ ހުކުމަށް ޑީއާރްޕީ އަމަލު ކޮށްފައިނުވާތީ އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކޯޓުން އިސްވެ ކުރިއަށް ގެންދަން ނިންމި އެވެ.

އެ މައްސަލަ ކުރިއަށް ދަނިކޮށް 2023 ވަނަ އަހަރު ޑީއާރްޕީ އުވާލާފައިވާތީ، އެ ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކަނޑައަޅައިދޭން ވެސް މިނިސްޓްރީ ތަމްސީލުކުރާ ދައުލަތުން އެދިފައިވެ އެވެ. ނަމަވެސް ސިވިލް ކޯޓުން ބުނީ އެއީ ހުކުމް ތަންފީޒުކުރާ މައްސަލައެއްގެ ތެރެއިން ގޮތެއް ކަނޑައެޅޭނެ ކަމެއް ނޫން ކަމަށެވެ.

އެހެންވެ، ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ ޑީއާރްޕީގެ މައްޗަށް ސާބިތުވި ދަރަނީގެ މައްޗަށް ޒިންމާވާން ޖެހޭ ފަރާތެއް ކަނޑައެޅުމުގެ ކުރިން، އެ މައްސަލާގެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ޑީއާރްޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޯޓަށް ހާޒިރުކޮށް، އޭނާގެ އެކައުންޓުން 5،000ރ. ކޯޓަށް ޖަމާކުރުވި އެވެ. ނަމަވެސް، އޭނާގެ ނުރުހުމުގައި އެކަން ކުރާނެ ހަމައެއް ނެތް ކަމަށް ފަހުން ކަނޑައަޅައި، އެ ފައިސާ ކޯޓުން އަނބުރާ ނަޝީދަށް ވަނީ ދީފަ އެވެ.

ޑީއާރްޕީގެ ދަރަންޏާ ގުޅޭ މައްސަލައެއް މިހާރު އޮތީ ސުޕްރީމް ކޯޓާ ހަމައިގަ އެވެ. އެއީ އެ ޕާޓީން އެމްޓީސީސީއަށް ދައްކަން ޖެހޭ މިލިއަނަކަށް ގިނަ ރުފިޔާއަށް އެ ޕާޓީގެ ކުރީގެ ރައީސް މަައުމޫން އަބްދުއްގައްޔޫމް ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެމްޓީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ނިންމައިދޭން އެދި މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅުއްވައިފަ އެވެ.