Roadha Mihaaru

ވަރަށް ނުފެންނަ ބައްޔެއްގައި ހަޔާތް ހުއްޓި މާޔޫސްކަން!

29 މާޗް 2023

ބަލަބަލާ ހުއްޓާ ގައިން ބާރު ދަނީ އެވެ. އުމުރުން ހޭދަވާ ކޮންމެ ދުވަހެއް ވެސް އޭނާގެ އޮތީ އެ ހާސްކަމެވެ. މާދަމާ ވެސް ވާނީ ކިހިނެއް ކަމެއް، ހަސަން ސޯލިހަކަށް ނޭނގެ އެވެ. އަދި މުޅި ގައިން ބާރު ދޫވެ ބިންމައްޗަށް ދޫވާނީ މިއަދު ނުވަތަ މާދަމާ ނޫން ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

އިސްމާއިލް ނަސީރު ފ. މަގޫދޫން އިސްމާއިލް ނަސީރު

ބަލަބަލާ ހުއްޓާ ގައިން ބާރު ދަނީ އެވެ. އުމުރުން ހޭދަވާ ކޮންމެ ދުވަހެއް ވެސް އޭނާގެ އޮތީ އެ ހާސްކަމެވެ. މާދަމާ ވެސް ވާނީ ކިހިނެއް ކަމެއް، ހަސަން ސޯލިހަކަށް ނޭނގެ އެވެ. އަދި މުޅި ގައިން ބާރު ދޫވެ ބިންމައްޗަށް ދޫވާނީ މިއަދު ނުވަތަ މާދަމާ ނޫން ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

އެކަމަކު، ފ. މަގޫދު އަށް އުފަން ހަސަނަށް އެނގޭހާ ވެސް ކަމަކީ ދުވަހަކަށް ވުރެ ދުވަހެއް އޭނާގެ ގައިން ބާރު ދޫވަމުން ދާ ކަމެވެ؛ އިއްޔެ އަށް ވުރެ މިއަދު ބާރު ދަށް ކަމެވެ؛ މާދަމާ އެއަށް ވުރެ ބާރު ދަށްވާނެ ކަމެވެ. ރީތިކޮށް، ދުވެ ސަކަރާތް ޖަހަން އުޅުނު ޅަފުރައިގެ ޒުވާނާ ވޭތުވެދިޔަ ފަންސަވީހަކަށް އަހަރުގެ ތެރޭގައި މިހާރު އިނީ އަމިއްލަ އަށް ނުތެދުވެވޭ ހާލު، ގޮނޑިއެއްގަ އެވެ. އަތްފައިގެ ބާރު ގޮސްފަ އެވެ. ގައިގައި ވެސް ވަރެއް ނުހުރެ އެވެ.

މިއީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ބައްޔެކެވެ. އަދި، މި ވަނީ ކީއްކަން ޑޮކްޓަރުންނަށް ދެނެގަނެވުނަސް މިއީ ބޭހުން ރަނގަޅުވާން އޮތް ބައެއް ނޫނެވެ.

"ޑޮކްޓަރުން ބުނަނީ ނާރުން މަސްގަނޑަށް ލޭ ފޮނުވައިނުދެނީއޭ ފޮނުވައިދޭން ވަރަށް،" ހަސަން، 45، ބުންޏެވެ.

ހަސަން "މިހާރު" އަށް އިންޓަވިއު ދެނީ

ހަސަން "މިހާރު" އަށް އިންޓަވިއު ދެނީ

މިކަމަށް ފަރުވާ އޮތަސް، އެއީ ކައިރި ސަރަހައްދަކުން ކުރެވެން ނެތް، އަދި އަގަށް ބަލާއިރު އަތްލެވޭ ވަރުގެ ފަރުވާއެއް ވެސް ނޫނެވެ. އެހެންވެ، ވަރަށް ނިކަމެތިކޮށް ދިރިއުޅޭ އާއިލާއަކަށް އުފަން ހަސަންގެ މުޅި އުމުރު ދެން އިންނަން ޖެހޭނީ ގޮނޑިއެއްގައި ކަމަށް އޭނާ އަށް އޮތީ ގަބޫލު ކުރެވިފަ އެވެ. ފަރުވާގެ އެއްވެސް އުންމީދެއް ނެތެވެ.

ކުރިން ހަމަ ބަރާބަރު، ގައިން ބާރު ދޫވާން ފެށީ ބަލަބަލަ ހުއްޓާ

އޭނާގެ އުމުރުން 14-15 އަހަރަށް އެޅި އިރު ވެސް، ހަސަން ބުނި ގޮތުގައި އޭނާގެ ހަށިގަނޑުން ބައްޔެއްގެ އެއްވެސް އަލާމާތެއް ނުފެނެ އެވެ.

"ހަމަ ސިއްހަތު ރަނގަޅަށް ހުރީ. ރަށުގައި ހުރެފައި އުމުރުން 15 އަހަރުގައި ކިޔަވަން ދިޔައީ މާލެ އަށް. ގޮސް އަހުމަދިއްޔާ ސްކޫލަށް ވަނީ. އަހުމަދިއްޔާގައި ހޭދަވި ފުރަތަމަ އަހަރުގެ ތެރޭގައި އަޅުގަނޑަށް ފާހަގަވި ކަމަކީ އެ ސްކޫލުގެ ދެވަނަ ފްލޯ އަށް އަރަން ހުންނާނެ ވަރަށް އުނދަގޫކޮށް ހުންނަ ސިޑިއެއް،" ހަސަން ކިޔައިދޭން ފެށި އެވެ.

"އެ ސިޑި އަށް އަރަން ދުވަސްކޮޅެއްގެ ތެރޭގައި އުނދަގޫވާހެން ހީވާން ފަށައިފި. ދެން އަޅުގަނޑު ޑޮކްޓަރަށް ދައްކައިފިން. އޭނާ ބުނީ ގައިގެ މަސްތަކުގެ ބާރު ދަށް ވަނީއޭ. ނާރުން މަސްގަނޑަށް ލޭ ފޮނުވައިނުދެނީއޭ. އެހެން ގޮސް ދެ އަހަރުގެ ތެރޭގައި ހަމަ އެއްގޮތަކަށް ވެސް އެތަނަށް މައްޗަށް އެރޭ ގޮތެއް ނުވި."

ހަސަން "މިހާރު" އަށް އިންޓަވިއު ދެނީ

ހަސަން "މިހާރު" އަށް އިންޓަވިއު ދެނީ

ހަސަން މާލޭގައި ހުރީ ކުދިން ބަހައްޓާ ގެއެއްގަ އެވެ. އެ ގޭގެ މަސައްކަތްތައް އޭނާ އަށް ކުރަން ޖެހެ އެވެ. އެކަމަކު އެއްވެސް މަސައްކަތެއް ކުރެވޭ ގޮތް ނުވެގެން އޭނާ އަށް ޖެހުނީ ކިޔެވުން ދޫކޮށްލައިފައި އެނބުރި ރަށަށް އަންނާށެވެ.

"ދެން ރަށަށް އައިސް ހަމަ ހުރީ. އައިސް މި ރަށުގައި ހިންގި ކަރަންޓް ވައިރު ކުރަން ދަސްކޮށްދޭ ކޯހެއް ވެސް ހެދިން. އެއިން ކުޑަ އާމްދަނީއެއް އޭރު ލިބުނު."

އެ ލިބޭ އާމްދަނީ އަކީ ހަސަންގެ ބަލި ދެނެގަނެ، އެއަށް ފަރުވާ ކުރަން އެކަށީގެންވާ ވަރުގެ އާމްދަނީއަކަށް ނުވި އެވެ. އިންޑިއާ އަށް ބޭސްފަރުވާ އަށް ދާން ފައިސާ އެއްކުރަން އޭނާ ދިހަވަރަކަށް އަހަރު ހޭދަކުރަން ޖެހުނެވެ.

އަމްރިތާ ހޮސްޕިޓަލަށް ގޮސް އެތަނުން ދިން ބޭސް ކައިގެން މާ ބޮޑަށް ގޯސްވީ. ދެން ޑޮކްޓަރު ބުނީ ބޭސް ކެއުން ހުއްޓާލާށޭ، ބޭހަކުން ރަނގަޅެއް ނުވާނެއޭ.

"10 ވަރަކަށް އަހަރު ފަހުން ބޭރަށް ދެވުނީ އިންޑިއާ އަށް. އޭރު ގައިން ވަރަށް ބޮޑަށް ބާރު ގޮސްފައި ހުރީ. އިންޑިއާގެ ޑޮކްޓަރު ދިން އެއް އަހަރަށް ބޭހެއް. އެކަމަކު ހަށިގަނޑަކަށް ކުރިއެރުމެއް ނުލިބުނު.

"އޭގެ ފަހުން އަނެއްކާ ވެސް ލާރި އެއްކޮށްގެން ދިޔައީ އިންޑިއާ އަށް ދެ އަހަރެއްހާ ދުވަސްކޮށްލައިފައި ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށް. އެތަނުން ދިން ބޭސް ކައިގެން މާ ބޮޑަށް ގޯސްވީ. ދެން ޑޮކްޓަރު ބުނީ ބޭސް ކެއުން ހުއްޓާލާށޭ، ބޭހަކުން ރަނގަޅެއް ނުވާނެއޭ.

"ދެން އަޅުގަނޑު ދިޔައީ ބ. ކެންދު އަށް. އާމިރާ ކިޔާ އަންހެނެއް އެއީ ވަރަށް މޮޅަށް ދިވެހި ބޭސްވެރިކަން ކުރާ. އޭނަ ބުނީ ތަންކޮޅެއް ކުރިން އައި ނަމަ އެ ހުރި ވަރެއްގައި ހިފަހައްޓާލެވުނީހޭ. އޭރު ބަލި އެނގުނުތާ 25 އަހަރުވެއްޖެ. އާމިރާ ބުނީ އުމުރުން ވެސް ދުވަސްވާތީ ގައިން ދުވާ ބާރާ އެކު ބާރު ދެން ނުހިފާއްޓާނެއޭ. އޭގެ ފަހުން ލަންކާ އަށް ވެސް ދިޔައިން ބޭހަށް. އެކަމަކު ރަނގަޅެއް ނުވި."

ޒަރޫރީ ބޭނުންތައް ވެސް ނުފުއްދޭ

ހަސަން އުޅެނީ އޭނާގެ މަންމަ އާއި ބައްޕަ އާ އެކު އެވެ. ހަސަނަށް ކާންދީ ހަދަނީ އޭނާގެ ދައްތައެކެވެ. ގައިން ތާހިރުވެ އަދި އުޅެވުނަސް، އެނދުމައްޗަށް ވެސް ލައިދޭން ޖެހެނީ ކޮންމެވެސް މީހެކެވެ.

"މިހާރު ހިނގެނީ ވެސް ވަރަށް ކުޑަކޮށް. އެންމެ ފަސް މިނެޓް ކޮޅަށް ހުރެވޭނީ. ކަކުލު ހުޅުގައި ބާރެއް ނުހުރޭ. ވަރަށް ހިތްވަރު ކޮށްލައިފައި ވެސް ދެވޭނީ ވަރަށް ކުޑަ ތަންކޮޅަކަށް ހިނގާލައިފައި. އިރުކޮޅަކުން ވެއްޓޭނެ. ދެން ނުވެސް ތެދުވެވޭނެ،" ހަސަން ބުންޏެވެ.

"އަތް ވެސް ވަކި ވަރަކަށް އަމިއްލަ ޒާތުގައި ނުވެއް ހިއްލޭނެ. މި ގޮނޑި އަށް ވެސް އަމިއްލަ އަކަށް ނުވެއް އެރޭނެ."

ވީލްޗެއާގައި އޭނާ އިންނަތާ މިހާރު ހައެއްކަ އަހަރުވީ އެވެ. އޭނާ އަކީ ހާއްސަ އެހީގެ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ލިބޭ މީހެކެވެ.

ހަސަން ގެއަށް ވަންނަނީ -- ފޮޓޯ: މިހާރު

ހަސަން ގެއަށް ވަންނަނީ -- ފޮޓޯ: މިހާރު

"އެކަމަކު އެއަކުން ބާކީކޮށްގެން ފަރުވާއެއް ނުކުރެވޭ. މިހާރު ވެސް މިހިރީ ބޭރަށް ދާން ވެފައި. ޔޫރިންގެ މައްސަލަ ކުރިމަތިވެގެން އުޅޭތާ މިހާރު ދެ އަހަރު މިވީ. އަނެއްކާ މިހާރު ފިނިވެއްޖިއްޔާ ހަމަ ތުރުތުރު އަޅާވަރުން ސަލާމަތް ނުވޭ،" އޭނާ ބުންޏެވެ.

"އަޅުގަނޑު ބޭނުން މިކަމަށް [ވަރު ދެރަވާ މައްސަލަ އަށް] އިތުރު ފަރުވާއެއް އޮތްތޯ ބަލައި ފަރުވާ ވެސް ހޯދަން. އެއީ އަޅުގަނޑު އެންމެ ބޭނުންވާ ކަމަކީ."

ދިރިއުޅުމަށް ވަރަށް ފޮނި ހުވަފެންތަކެއް ދެކެމުން އައި ހަސަންގެ ހަޔާތަށް ބިންދާލި ރާޅާ އެކު، އޭނާގެ ހުރިހާ އުންމީދެއް ފުނޑުފުނޑުވީ އެވެ. މީހަކާ އިނދެ ދަރިން ހޯދައިގެން އުފާވެރި ހަޔާތަކަށް ކުރި އިންތިޒާރު ވެސް ނިމުމަކަށް އައީ އެވެ.

"މީހަކާ މިހާތަނަށް އަދި ރައްޓެއްސެއް ވެސް ނުވަން. ކައިވެންޏެއް ކުރުމުގެ ވިސްނުމެއް ވެސް ނެތް. އަޅުގަނޑަށް އެނގޭ ގައިގައި ވަރު ނެތްކަން. މީހަކާ އިނދެގެން ނޫޅެވޭނެ ކަން."

އޭނާ ވެސް ވިސްނަނީ މާދަމާ މިކަން ބަދަލުވެދާނެ ގޮތަކާ ދޭތެރޭ އެވެ. ނިދަން އޮތަސް، ތަނަކަށް ދިޔަޔަސް އެ ނޫން ކަމެއް ބޮލަކު ނޯވެ އެވެ. ގައިން މުޅިން ބާރު ގޮސް ދެން އުޅެން ޖެހޭނީ ކޮން ހާލެއްގައިތޯ އެ ވިސްނުމަކުން ދުރަކަށް ނުދެވެ އެވެ.

ނޯޓް: ހަސަން ސޯލިހުގެ ބޭސްފަރުވާ އަށް އެހީތެރިކަން ދޭން ބޭނުންވާ ނަމަ އޭނާގެ ނަންބަރު 9451113 އަށް ގުޅައިގެން އެކަން ހަމަޖައްސަން އޭނާ އެދެ އެވެ.