Roadha Mihaaru
ނަޒްމާގެ ހަޔާތް: ދިރިއުޅުން ކަރުނައިގެ ތެރޭގައި!

ނަޒްމާގެ ހަޔާތް: ދިރިއުޅުން ކަރުނައިގެ ތެރޭގައި!

11 އެޕްރީލް 2023

ހިތްދަތި މާޒީއެކެވެ؛ ހިތްދަތި ހަޔާތެކެވެ؛ ކަޅު ސަފުހާތަކެކެވެ؛ ކަރުނަ އެވެ؛ އެ ހާލަތު އަދިވެސް ބަދަލެއް ނުވެ އެވެ؛

އާސިމާ ނިޒާރު ފ. އަތޮޅުން އާސިމާ ނިޒާރު

ހިތްދަތި މާޒީއެކެވެ؛ ހިތްދަތި ހަޔާތެކެވެ؛ ކަޅު ސަފުހާތަކެކެވެ؛ ކަރުނަ އެވެ؛ އެ ހާލަތު އަދިވެސް ބަދަލެއް ނުވެ އެވެ؛

އުފާވެރިކަމަކީ އޭނާގެ ހައްގެއް ނޫނޭ ވެސް، އައިޝަތު ނަޒްމާ [އަސްލު ނަމެއް ނޫން] ބައެއް ފަހަރު ހިތަށް އަރަ އެވެ. އޭނާ ބުނާ ގޮތުން ކޮންމެވެސް ކަމަކާ ދެރަވެ ރޯން ނުޖެހޭ ދުވަހެއް އޭނާ އަކަށް އިރެއް ނާރަ އެވެ.

"އަޅުގަނޑު ހަނދާނަށް އަންނަން ފެށީއްސުރެ ކޮންމެ ވެސް ކަމަކާ ހިތްދަތިވެގެން ރޯން ނުޖެހޭ އެންމެ ދުވަހެއް ވެސް ނާދޭ،" ފ. އަތޮޅަށް އުފަން ނަޒްމާ، 42، ބުންޏެވެ. [މި ރިޕޯޓްގައި އަންހެން މީހާގެ ނަމާއި ރަށް ނުޖެހީ، އޭނާގެ ބެލުމުގެ ދަށުގައި ކުޑަކުދިންތަކެއް ތިބީތީ އެ ކުދިންގެ ހިމާޔަތުގަ އެވެ.]

ބައްޕަ ފެނުނީ ވެސް އުމުރުން 17 އަހަރުގައި

ވަރަށް ހާލުގައި އުޅޭ މީހަކު އެބަހުރި ހެއްޔޭ އެހުމުން މި ރަށު އެންމެންނަށް ވެސް ދެވެނީ ނަޒްމާގެ ނަމެވެ. އެކަމަކު، އެ އެންމެން ސިފަކުރި ގޮތުގައި، އޭނާ އަކީ ހިތްނިޔަތް ރަނގަޅު، އަދި އިހުސާންތެރި އަންހެނެކެވެ. ބައެއް މީހުން ބުނާ ގޮތުގައި، އަތުގައި އެކައްޗެއް ވެސް ނެތިމެ، އޭނާގެ ދެއަތް ތަންމިނަށް އެހެން މީހުންނަށް ހުޅުވާލައިފައި އޮތީ އޭނާގެ ކަޅު މާޒީގެ ސަބަބުންނެވެ.

ނަޒްމާ އުޅެބޮޑުވީ މި ރަށުގަ އެވެ. އެންމެ ނިކަމެތި ހާލުގަ އެވެ. ރަނގަޅު ތައުލީމެއް ނުލިބެ އެވެ. ހަމައެކަނި ފަގީރު މަންމައެއްގެ އެހީތެރި ކަމުގަ އެވެ. ދުނިޔޭގައި ބައްޕަ ހުރެމެ، އުފަންވި އިރު ވެސް ބައްޕައެއްގެ އޯގާތެރިކަމެއް ނެތެވެ. އެ އެހީތެރިކަން ނުލިބުނުތާނގައި، ބައްޕަ ހަމަލޮލުން ވެސް ނުދެކެ އެވެ.

"އަޅުގަނޑަށް އަޅުގަނޑުގެ ބައްޕަ ފުރަތަމަ ހަމަލޮލަށް ފެނުނީ ވެސް އުމުރުން 17 އަހަރުގައި،" ނަޒްމާ ބުންޏެވެ.

އެކަމަކު އޭގެ ކުރިން ވެސް، އަދި އޭގެ ފަހުން ވެސް ބައްޕަގެ ހިތުގައި އޯގާތެރިކަމެއް ނެތެވެ. އެއްވެސް އެހީތެރިކަމެއް ނުލިބެ އެވެ. ބައްޕަ އަކީ އެހެން ރަށެއްގެ މީހެކެވެ. އޭނާ ދިރިއުޅެނީ ވެސް އެހެން ރަށެއްގަ އެވެ. އެއީ މި ރަށާ މާ ދުރު ރަށެކެވެ. އެއީ، ނުލިބޭނެ ލޯތްބެއް ކަމަށް ބަލައި، ނަޒްމާ މިސްރާބު ޖެހީ އޭނާގެ ދިރިއުޅުމަށެވެ.

އެހެން މީހުންހެން ވަރަށް ބޮޑު އުންމީދަކާއި ފޮނި ހުވަފެންތަކާ އެކު އުމުރުން 21 އަހަރުގައި ނަޒްމާ ކައިވެނި ކުރި އެވެ.

"އެކަމަކު އެހެނެއް ނޫން ކައިވެނި ދިޔައީ،" 15 އަހަރުގެ ކައިވެނި އޭނާ އެއް ޖުމްލަ އިން ސިފަކުރި އެވެ.

އެއީ ލިޔެވެން ނެތް ކަހަލަ ވާހަކަތަކެކެވެ. އަދި އެއީ ފަހަރެއްގައި، އަންހެނަކު ތަޖުރިބާކުރަން ޖެހިދާނެ އެންމެ ހިތްދަތި ކަންތައްތައް ކަމަށް ވެސް ވެދާނެ އެވެ. އޭނާގެ ހަޔާތުގެ ބައިވެރިއަކަށް އައީ ހީކުރި ކަހަލަ "ފިރިހެނެއް" ނޫނެވެ.

ނަޒްމާ "މިހާރު"އާ ވާހަކަ ދައްކަނީ

ނަޒްމާ "މިހާރު"އާ ވާހަކަ ދައްކަނީ

އެހެންވެ، ހަމަ ކުއްލިއަކަށް މައްސަލަތައް އޮހުނީ އެވެ؛ ފުނިޖެހުނީ އެވެ. ހައްލު އެއީ ނެތް އެއްޗަކަށް ވީ އެވެ. ފިރިމީހާ އަތް އިސްކުރަން ވެސް ފެށީ އެވެ. އޭގެ ތަދު، ލަކުނުތަކާ އެކު ނަޒްމާގެ ހަށިގަނޑުގައި ގިނަވާން ފެށީ އެވެ.

ފަނަރަ ވަރަކަށް އަހަރުގެ ކައިވެނި ނިމުނު އިރު، އެ ކައިވެންޏަށް ތިން ދަރިން ތިއްބެވެ. އެއީ، އޭރު އުމުރުން 15 އަހަރާއި 14 އަހަރުގެ ފިރިހެން ދެ ކުދިންނާއި އަށް އަހަރުގެ އަންހެން ކުއްޖެކެވެ.

ކައިވެންޏާ އެކު ނަޒްމާ ބަދަލުވީ ފިރިމީހާގެ ގެއަށެވެ. އެކަމަކު ވަރި އަށް ފަހު، ތިން ކުދިންނާ އެކު، އެ ހިޔާވަހިކަމުން އޭނާ ޖެހުނީ ބޭރަށް ދާށެވެ. ފިރިމީހާ، އަދި ކުދިންގެ ބައްޕަ އެހެން ކައިވެންޏެއް ކުރި އެވެ. ދާއިމީ ބޯހިޔާވަހިކަމުން އޭނާ ހަމަ ކުއްލިއަކަށް މަހުރޫމްވި އެވެ. ވަންނާނެ ތަނެއް ނެތެވެ. އެހެންވެ، އެއް ގެއިން އަނެއް ގެއަށް ކުދިން ގޮވައިގެން އޭނާ އުޅެމުން ދިޔަ އެވެ.

ރަށުގައި މަންމަގެ ގޯއްޗެއް އޮތަސް، މަންމަ އެހެން މީހުންނާ އިނދެގެން އެކި ބަނޑަށް ދަރިން ތިބެ އެވެ. އެ ގޭގައި ޖާގައެއް ނެތެވެ. އެހީއަކަށް އެދޭނެ އެއްބަނޑު އެއްބަފާ މީހަކު ވެސް ނެތެވެ!

އެއް ގެއިން އަނެއް ގެއަށް ޖެހުނީ ގުލާނު ކުރަން

ފިރިމީހާ އާ ވަރިވިތާ މިހާރު ފަސް އަހަރުވީ އެވެ. އެކަމަކު، ދަރިންގެ ހާލެއް އޭނާ ނުބަލަ އެވެ. ނުވިތާކަށް ބަރާބަރަށް ހަރަދެއް ވެސް ނުދެ އެވެ.

"ލޯ ލާރިއެއް ނުދޭތާ މިހާރު ވެސް އަށެއްކަ މަސް ވެއްޖެ،" ނަޒްމާ އޭނާގެ ދެ ދަރިއެއްގެ ކައިރީގައި އިނދެ ދިން އިންޓަވިއުގައި ބުންޏެވެ.

"ބޮޑު ކުއްޖާ އަށް 18 އަހަރުވީ. [ކުދިންގެ ބައްޕަ] އެއްވެސް އެއްޗެއް ދިނީއެއް ނޫން. އެހެން މީހަކާ އޭނަ އިންނަން ބެލިއިރު ކޯޓަށް 47،000ރ. ދައްކަން ޖެހޭ [ދަރިންގެ ހަރަދަށް]. އަޅުގަނޑުގެ ދެ ކުދިން ބުނެގެން އެ ފައިސާ ވެސް މައާފުކޮށްދިނީ."

ހިތްދަތި ކަމާއި ކޮންމެވެސް ކަމެއްގައި ގޮތެއް ހޯދުމަކީ އޭނާގެ އުމުރުން ވީހާ ދުވަހަކު ކޮންމެ ދުވަހަކު ވެސް ކުރަން ޖެހޭ ކަމެކެވެ. އޭނާ އަށް އެކަން އޮތީ އާދައަކަށް ވެފަ އެވެ. ހެނދުނު ހޭލާ ގޮތަށް، އަބަދުހެން ވެސް އެންމެ ފުރަތަމަ ވިސްނަން ޖެހޭ ކަމަށް އޮންނަނީ ވެސް އެކަމެވެ. ދަރިންނަށް ކާން ދޭނެ ގޮތެކެވެ. ބޯހިޔާވަހިކަން ހޯދާނެ ގޮތެވެ. އެހެންވެ، ކައިވެނި ރޫޅުން ވީ، ނަޒްމާގެ މުޅި ހަޔާތަށް އައި ތޫފާނެއް ކަހަލަ ކަމަކަށެވެ.

"ކާނެ ގޮތެއް ބޯނެ ގޮތެއް ނެތް. އެކި ގޭގެއަށް ގޮސް ކޮންމެ ދުވަހަކު ގުލާނު މަސައްކަތްކޮށްގެން އުޅެން ޖެހުނީ،" ނަޒްމާ ބުންޏެވެ.

އެ ނިކަމެތިކަން އެއީ ނަޒްމާގެ ބަދުނަސީބު ކަމަކަށް ނަޒްމާ އަށް ފަހަރެއްގައި ވެސް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު އެ ދިރިއުޅުން އަދިވެސް އޮތީ އޭނާގެ ހިތުގައި ބިންވަޅު ކަނޑައިނެގިފަ އެވެ.

"ވަރަށް ހަނދާން ހުރޭ ފިރިމީހާ ވަރިކުރީމަ ކާނެ އެއްޗެއް ނުލިބިގެން މީސްމީހުންގެ ގޯތި ކުނި ކަހައިގެން ލާރި ހޯދައިގެން ކެއި ހަނދާން ވެސް،" މި އިންޓަވިއުގެ ތެރޭގައި އޭނާގެ ފުރަތަމަ ކަރުނަތިކި ލޮލުން ވެއްޓި، ބާރު ބާރަށް ގިސްލާން ފެށި އެވެ.

އޭރު، ނަޒްމާ މިހާރު ދިރިއުޅޭ ގޭގެ ވެރިމީހާ އަދި ނަޒްމާގެ ބޮޑުދައިތަ ކައިރީގައި ހުއްޓެވެ. އަދި، "ކޮންމެ ފަހަރަކު ތި ވާހަކަ ދެން ދެއްކުމުގެ ބޭނުމެއް ނެތެއް ނޫން"ހޭ އޭނާ ބުނަމުން ދިޔަ އެވެ. އެކަމަކު، ނަޒްމާގެ ހިތުގައި ހުރި އުދާސްތައް ބަންޑުންވި އެވެ.

"ކާނެ އެއްޗެއް ނެތިގެން މީހަކު ކާއްޓެއް ދިނީމަ އެންމެ ހުނިލީ ރޮއްޓެއް ފިހެގެން، ތިން ދަރިންނަށް ބަހާލައިގެން ވެސް ކެއިން. ހަކުރު ނެތީމަ ތިން ހަތަރު ދުވަސް ވަންދެން ސައި ނުކައްކާ އުޅުނިން."

ދަތިކަމުގެ ތެރެއިން ނަމޫނާ އިހުސާންތެރިކަން

ތިން ދަރިންނާ އެކު، ކާނެ ބޯނެ ގޮތެއް ނެތި މަގުމަތިވެފައި ހުއްޓާ ނަޒްމާ އަށް ދެން ދިމާވީ އެހެން ކަމެކެވެ. އޭނާގެ ތިމާގެ މީހެއްގެ ދެ ދަރިއަކު ދައުލަތުގެ ބެލުމުގެ ދަށަށް މީގެ ހަތަރު އަހަރު ކުރިން ނެގީ އެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ، ބޮޑުވަމުން އައި އޯޓިސްޓިކް އަންހެންކުއްޖެކެވެ. އެއީ 14 އަހަރުގެ ކުއްޖެކެވެ. ދެން ހުރީ ތިން އަހަރުގެ އަންހެންކުއްޖެކެވެ.

"އަމާން ވެއްޓަށް ބަދަލުކުރުމަށް ކަމާބެހޭ އިދާރާތަކުން އައިސްފައި އެހީ އެ ކުދިން ބެލޭނެހެއްޔޭ. ބުނީމަ އަޅުގަނޑު ބުނީ އާން ބެލޭނެއޭ،" ނަޒްމާ ބުންޏެވެ.

ނަޒްމާ ބަލަހައްޓާ ދެ ކުދިން

ނަޒްމާ ބަލަހައްޓާ ދެ ކުދިން

އެ ފަގީރުކަމުގައި ކުޑަކުޑަ ފަސް ކުދިން ބެލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަން ނަޒްމާ އަށް ވެސް އެނގެ އެވެ. އެކަމަކު، އޭނާ ބުނި ގޮތުން، އޭނާގެ ހިތަށް ކުޅަދާނަ ނުވި ކަމަކީ، އެވަރުގެ ކުދިންތަކެއް ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބާށެވެ.

"އަޅުގަނޑު ކުރާ ހިތުން، ހެޔޮ އެދިގެން ކުރާ ކަމެއް. އެ ކުދިން ދެކެ ލޯބިވާތީ. އެ ކުދިން [އަޅުގަނޑަށް] ކިޔާނީ ވެސް މަންމަ."

ނަސީބު ދިމާވީ ވަރަށް ރަނގަޅަށެވެ؛ އޭނާގެ ބޮޑުދައިތައެއް އެހީގެ އަތެއް ދިއްކޮށްލި އެވެ. އެ ގޭގައި އެ ކުދިންނާ އެކު އުޅެވޭނެ ގޮތް ހަމަޖައްސައިދިނެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ؛ މަންމަފަރާތު ބޮޑުދައިތަގެ އެއްވެސް ދަރިޔަކު ނުހުންނާތީ، އެ ގެ ވެސް މިހާރު ވަނީ ނަޒްމާގެ ދޮށީ ދަރިފުޅުގެ ނަމަށް ރަޖިސްޓްރީކޮށްދީފަ އެވެ. އެ ގޭގައި އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

"ދައުލަތުން އޯޓިސްޓިކް ކުއްޖާ އަށް ދޭ މަހަކު 2000ރ، އެކަމަކު އެއީ އެ ކުއްޖާގެ ބޭނުންތައް ފުއްދައިދެވޭ ވަރެއް ނޫން،" އޭނާ ބުންޏެވެ.

ހަޔާތަށް އަލިކަމެއް، އެކަމަކު އުފާވެރި ކަމެއް ނެތް!

ކޮންޓްރެކްޓް އުސޫލުން ސްކޫލުގައި ވޮޗަރަކަށް އުޅެގެން ލިބޭ އެއްޗަކުންނާއި އެހެން މަސައްކަތްތައް ކޮށްގެން، ނަޒްމާ އެންމެ ދޮށީ ދަރިފުޅު ގްރޭޑް 12 އާ ހަމައަށް ކިޔަވައިދީފި އެވެ. އެ ދަރިފުޅު ވީ ނަޒްމާގެ ހިތްދަތި ހަޔާތަށް ލިބުނު ވަރަށް ބޮޑު އަލިކަމަކަށެވެ. ދަރިފުޅު، އޭނާގެ އާއިލާ އަށް ދިމާވެފައިވާ ދަތިކަމުން އަރައިގެންނަން، އޭލެވެލް ނިންމައިފައި ދާން ފެށީ މަހަށެވެ. ނަޒްމާ ބުނާ ގޮތުގައި، އެ ދަރިފުޅަށް އޭނާ ކިޔަވައިދީފައި ހުރި ދަތިކަން، އޭނާ އަށް ވެސް އިހުސާސް ކުރެވޭނެތީ، އޭނާ ބެލީ މި ފަގީރުކަމުން މިންޖުވާނެ އަވަސް މަގަކަށެވެ.

"ދަރިފުޅު ވަރަށް ރަނގަޅު. އޭނާ އަށް ލިބޭ ވަރަކުން އޭނާ އެހީތެރިކަން ފޯރުކޮށްދޭ. މި ކުދިންގެ ބައްޕައެއް ނެތްކަން އެ ކުދިންނަށް އިހުސާސް ނުވާ ވަރަށް ދަރިފުޅު ހެޔޮ،" ނަޒްމާ ބުންޏެވެ.

ދައުލަތުން ހަވާލުވި ދެ ކުދިންގެ ތެރެއިން، އެންމެ ހަގަށް ހުރި އަންހެން ކުއްޖާ މަންމަ ކިޔަނީ ނަޒްމާ އަށެވެ. ބައްޕަ ކިޔަނީ ނަޒްމާގެ ދޮށީ ދަރިފުޅަށެވެ.

"އޭރު ބޮޑު ކުއްޖާ ހުންނާނީ ގްރޭޑް 11 އަށް ކިޔަވަން ފުރައިގެން ގޮސްފައި [އެހެން ރަށެއްގައި]. ދަރިފުޅު އެއް ދުވަހަކު ރޮނީ ބައްޕަ އަށް ގުޅާށޭ ގުޅާށޭ ކިޔާފައި. ފަހުން އަބަދު ރޮނީ ބައްޕަ އަށް ގުޅާށޭ ކިޔަފާއި. އަޅުގަނޑު ފޯނު ދޭނީ ކާކަށް،" ނަޒްމާ ސުވާލު ކުރި އެވެ.

"އަޅުގަނޑު ދަރިންގެ ބައްޕައެއް ގުޅަނީކީ ނޫން ވާހަކަ ދައްކާކަށް. އެހެންވެ އެއް ދުވަހަކު އަޅުގަނޑު ދޮށީ ދަރިފުޅަށް ގުޅީ. ގުޅީމަ ބުނީ ފޯނު ދޭށޭ. އޭރުއްސުރެ ބައްޕަ ކިޔާފައި ވާހަކަ ދައްކަނީ."

"[އެކަމަކު] މިހާރު އެ ކުދިންނަށް ވެސް އެނގޭނެ މިއީ އަސްލު މަންމަ އާއި ބައްޕަ ނޫންކަން. އެކަމަކު އަޅުގަނޑު އެ ކުދިން މި ގެންގުޅެނީ ހަމަ އަޅުގަނޑުގެ އަމިއްލަ ދަރިންގެ ގޮތަށް. އެއްވެސް ތަފާތެއް ނުކުރަން. ހަމަ އެއްވެސް ތަފާތެއް ނުކުރަން. އެ ދެ ކުދިންގެ މަންމަ އާއި ބައްޕަ ވެސް މި ރަށުގައި އެބައުޅޭ."

ދަރިފުޅު މަހަށް ގޮސްގެން ލިބޭ އެއްޗަކުންނާއި ނަޒްމާ އަށް ލިބޭ އެއްޗަކުން އެ ކުދިންގެ ހަރަދު އޮންނަނީ ހަމަނުޖެހި އެވެ. އެ ހާލަތުން އަދިވެސް އަރައެއް ނުގަނެ އެވެ. އެހެންވެ، ނަޒްމާ މިހާރު ވެސް އެކި މަސައްކަތްތައް ކުރެ އެވެ. ވަޒީފާ ނިންމާފައި އިތުރު ވަގުތު ފަންގިވިނެ، ރޯނު ވަށަ އެވެ.

"ހަގީގަތުގައި ބުނަންޏާ މަސް ނިމޭއިރު ހަރަދުތައް ކޮށްފައި އޮވޭ ދަރަނި ވެސް. ދަރިފުޅު މަސައްކަތެއް ކުރާތީ ކިރިޔާ ވެސް މި އުޅެލެވެނީ،" އޭނާ ބުންޏެވެ.

"ފައިސާ ނެތީމަ މިހާރު ވެސް މި ކުދިންގެ ވަރަށް ގިނަ ޒަރޫރީ ބޭނުންތައް ނުފުއްދޭ. އެހެން ކުދިންހެން މި ކުދިން ވެސް ބޭނުންވޭ ރީތި އެއްޗެހި ލާން. ޓިއުޝަނަށް ވެސް ދާން. ރީތި އެހެން އެއްޗެހި ވެސް. އެކަމަކު އަޅުގަނޑަކަށް އެ ގަނެދެވޭނެ ފެންވަރެއް ނެތް. އެ ކުދިން ކިޔަސް އެކަން ކޮށްދެވޭނެ ގޮތެއް ނެތް."

ނަޒްމާ މީހަކާ ވެސް އިންނަން ބޭނުމެވެ. ދިރިއުޅުމެއް ވެސް ބޭނުމެވެ. ހަޔާތުގައި ދުވަހަކު ވެސް އޭނާ ތަޖުރިބާ ކޮށްފައި ނުވާ އުފާވެރިކަން ވެސް އޭނާ ބޭނުމެވެ. އެކަމަކު، އެ އުންމީދެއް އޭނާ އަށް އަދިވެސް ފެންނާކަށް ނެތެވެ.

ނޯޓް: ނަޒްމާ އަށް އެހީތެރިވާން ބޭނުންވާ ނަމަ، އޭނާގެ ނަންބަރު 9575732 އަށް ގުޅަން އޭނާ އެދެ އެވެ.