Roadha Mihaaru
ރަށް ފަޅުވުމުން ސަލާމަތެއްނުވި، އަނެއްކާ ވެސް ހާސްކަން

ރަށް ފަޅުވުމުން ސަލާމަތެއްނުވި، އަނެއްކާ ވެސް ހަމަ އެ ހާސްކަން!

05 އެޕްރީލް 2023

މި ރަށަށް ފައިބައިފައި ދެކޮޅު ބަލާލީމެވެ؛ އެހެން ހުރިހާ ރަށަކާ ތަފާތެވެ؛ މަޑުމައިތިރި އެވެ. މީހެއްގެ ހިލަމެއް ނެތެވެ. ފެރީ ކައިރި އަށް އައިސް ތިބި މީހުން ފިޔަވައި، އެހެން މީހަކު ވަށައިގެން ވެސް ފެންނާކަށް ނެތެވެ.

އިސްމާއިލް ނަސީރު ފ. ދަރަނބޫދޫން އިސްމާއިލް ނަސީރު

މި ރަށަށް ފައިބައިފައި ދެކޮޅު ބަލާލީމެވެ؛ އެހެން ހުރިހާ ރަށަކާ ތަފާތެވެ؛ މަޑުމައިތިރި އެވެ. މީހެއްގެ ހިލަމެއް ނެތެވެ. ފެރީ ކައިރި އަށް އައިސް ތިބި މީހުން ފިޔަވައި، އެހެން މީހަކު ވަށައިގެން ވެސް ފެންނާކަށް ނެތެވެ.

"މި ރަށުގެ ޒުވާނުންތަކެއް ފުޓްސެލް އަށް މާލެ ގޮސްވީ. އެހެންވެ އެހާ މީހުން މަދުހެން ހީވަނީ،" އެ ސުވާލު ކުރުމުން، އަހަރެމެން ބަލާ ފެރީ ކައިރި އަށް އައިސް ހުރި އަންހެނަކު ބުންޏެވެ.

ގާތްގަނޑަކަށް ފަންސަވީހަކަށް ޒުވާނުން ރަށުން ފުރައިގެން ދިޔަޔަސް، މި ރަށަށް އޮންނަނީ ފަޅުކަން އައިސްފަ އެވެ.

ރަށް ކުޑައެއް ނޫނެވެ. އެކަމަކު މި ބޮޑު ރަށް ދޫކޮށްލައިފައި މި ރަށު މީހުން ދެ ފަހަރެއްގެ މަތިން ހިޖުރަކުރަން ޖެހިއްޖެ އެވެ. އާބާދީ އިތުރެއް ނުވެ އެވެ. މިހާރު ވެސް، މި ރަށް، ފ. ދަރަނބޫދޫގައި އުޅެނީ އެންމެ 400އެއްހާ މީހުންނެވެ.

ދަރަނބޫދޫގެ މަގަކުން ޒުވާނަކު ދުއްވާފައި ދަނީ: މީހުން މަދު ރަށެއް -- ފޮޓޯ: މިހާރު

ދަރަނބޫދޫގެ މަގަކުން ޒުވާނަކު ދުއްވާފައި ދަނީ: މީހުން މަދު ރަށެއް -- ފޮޓޯ: މިހާރު

މި ރަށު ކައުންސިލްގެ ވެސް ހާސްކަމަކީ އެއީ އެވެ؛ އާބާދީ އިތުރުވާން ޖެހޭ ވަރަކަށް އިތުރެއް ނުވެ އެވެ. އާބާދީ އިތުރުވުން އޮތީ ހުއްޓިފަ އެވެ. އަދި، އެހާ މީހުން މަދުއިރު، ރަށުގެ ރަޖިސްޓްރީން އެތައް ބަޔަކު ކެނޑެމުން ދާތީ، އެ ހާސްކަން ވަނީ މާ ބޮޑަށް އިތުރުވެފަ އެވެ.

"މީގެ އަށް އަހަރު ކުރިން އަހަރަކު 20-22 މީހުން އެބަތިބި އާބާދީ އަށް އިތުރުވެފައި. އެކަމަކު މިހާރު މި އިތުރުވަނީ އަހަރަކު 6-8 ވަރު. އެންމެ ފަހުން 2021 ގައި އަށެއް, 2022 ގައި ހަ މީހުން އޮތީ އިތުރުވެފައި. އަނެއްކޮޅުން ހަމަ އެ އަދަދަށް މި ރަށުގެ ރަޖިސްޓްރީން މީހުން ވެސް ކެނޑޭ،" ރަށު ކައުންސިލްގެ ރައީސްގެ އަބްދުލްހަމީދު އާދަމް ވިދާޅުވި އެވެ.

"އެހެންވެ އާބާދީ އޮންނަނީ އަބަދުހެން އެއްވަރެއްގައި ހިފެހެއްޓިފައި. މި އުޅެނީ 590-600 ވަރުގައި އަބަދު ވެސް."

ދަރަނބޫދޫގެ ފަޅު ގެއެއް: ކުރިން މީހުން އެތައް ގެއެއް މި ގޮތަށް ފަޅުވެފައި އެބަހުރި -- ފޮޓޯ: މިހާރު

ދަރަނބޫދޫގެ ފަޅު ގެއެއް: ކުރިން މީހުން އެތައް ގެއެއް މި ގޮތަށް ފަޅުވެފައި އެބަހުރި -- ފޮޓޯ: މިހާރު

އެންމެ ބޮޑު ބިރެއް ތައުލީމާއި ތަރައްގީ އަށް

ހަމީދު ވިދާޅުވި ގޮތުގައި މި ރަށަކީ ބޮޑު، އަދި ބިން އޮތް ރަށެކެވެ. އެކަމަކު އެކަށީގެންވާ ވަރަށް ތަރައްގީ ނުވެ އޮތް ރަށެކެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އާބާދީ ކުޑަވުން ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ.

"އާބާދީ ކުޑަވީމަ އެއީ ވަރަށް ބޮޑު މައްސަލައެއް. ތަރައްގީ އަށް ކުރަން ޖެހޭ މަސައްކަތްތަކެއް ވެސް ނުކުރެވޭ ރަނގަޅަކަށް. މިވީ ހުރިހާ ދުވަހަކު ވެސް އެކަން އޮތީ އެހެން."

އެކަމަކު، މި ސަރުކާރު އައި ފަހުން އަސާސީ ހިދުމަތްތައް މި ރަށުގައި ވަރަށް ބޮޑަށް ރަނގަޅުކޮށްފި އެވެ. އާންމުންގެ ޒަމާންވީ ޝަކުވާތަކަކަށް ހައްލު އަންނަން ފަށައިފި އެވެ. މި ސަރުކާރަކީ ކުދި އާބާދީތަކަށް ވެސް ފުރުސަތު އޮންނަން ޖެހޭ ކަން ގަބޫލުކުރާ ސަރުކާރަކަށް ވާތީ އޭގެ ބައެއް ހެކިތައް މި ރަށުގައި ފެންނަން އެބަ ހުއްޓެވެ. މި އަތޮޅުގައި އޮތް އެންމެ ރީތި، އަދި ނަމޫނާ ޑިޒައިނަކަށް އޮތް ބަނދަރެއް އޮތީ މި ރަށުގަ އެވެ. ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ދަރަނބޫދޫ ސްކޫލަށް ދަރިވަރުން ގެންދަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫ ސްކޫލަށް ދަރިވަރުން ގެންދަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

އެކަމަކު، ދެން އޮތް ކަންބޮޑުވުމަކީ ތައުލީމެވެ. މި ރަށު ސްކޫލަކީ، މީގެ ވިއްސަކަށް އަހަރުވަރު ކުރިން ކުދިން މަދުވެގެން ސްކޫލު ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރަށް އެކި ރަށްރަށުން ދަރިވަރުން ރަށަށް ގެނެސް ހުރިހާ ހިންގި ސްކޫލެކެވެ.

ހަމީދު ވިދާޅުވި ގޮތުގައި ރަށެއްގެ ނިސްބަތުން މި ރަށުގެ ސްކޫލުގެ ކިޔެވުމުގެ ފެންވަރު ރަނގަޅަސް، ކުރިއަށް އޮތް ކަންބޮޑުވުން ވަރަށް ބޮޑެވެ. އެންމެ ބޮޑު ދެރަ އަކީ ސްކޫލުގައި ކުދިން މަދުވުމުން ވާދަވެރިކަން ނެތުމުގެ މައްސަލަ އެވެ.

"އެ ވާދަވެރިކަން ވަރަށް ބޮޑަށް ނެތެމުން މިދަނީ. ސްކޫލުގެ އާބާދީ މި ދަނީ ދަށްވަމުން. ބައެއް ކުދިން މަތީ ގްރޭޑަށް ދިޔައީމަ ރަށް ދޫކޮށްފައި ދާން އެބަ ޖެހޭ. ބައެއް ބެލެނިވެރިންގެ ވިސްނުމަކީ ވާދަވެރިކަމެއް ނެތޭ. އެހެންވެ މާލެ އަށް ދާން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

ދަރަނބޫދޫ ސްކޫލު ކުދިން ސްކޫލަށް ވަންނަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫ ސްކޫލު ކުދިން ސްކޫލަށް ވަންނަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

މި ރަށުގައި ކިޔަވައިދެނީ ގްރޭޑް 10އާ ހަމައަށެވެ. ގްރޭޑް 10 ނިންމުމަށް ފަހު، އުމުރުގެ ބާކީ އޮތް ދުވަސްތައް ގިނަ ކުދިން ހޭދަކުރަނީ ރަށުން ބޭރުގަ އެވެ. އެއީ ވެސް މި ރަށުގެ އާބާދީ ދަށްވަމުން އަންނަ މައިގަނޑު އެއް ސަބަބެވެ. އަނެއްކާ، އެ ދަރިވަރުންގެ ކިޔެވުމާއި ކުރިމަގަށް ގޮތެއް ހޯދައިދިނުމަށް ޓަކައި ގެދޮރު ހޯދަން، ރަށު ރަޖިސްޓްރީން އެތައް ބަޔަކު މާލޭގެ ދަފުތަރުގައި ވެސް ޖައްސައިފި އެވެ.

މި ރަށަކީ އާބާދީ މަދުވުމުގެ ތާރީހު އޮތް ރަށެކެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމު ވެރިކަމާ ހަވާލުވެ ވަޑައިގެން ހުކުރު ހަމަނުވާ ރަށްރަށް އާބާދީ ބޮޑެތި ރަށްރަށަށް ބަދަލު ކުރުމުގެ ތެރޭގައި ވެސް މި ރަށް ހިމެނުނެވެ. އޭގެ ކުރިން ވެސް މި ރަށުން އެހެން ފަހަރެއްގައި މީހުން ބޭލި އެވެ. އެންމެ ފަހުން މީހުން ބަދަލު ކުރި އިރު މިރަށު އެންމެންނަށް މަގޫދޫން ގެ އަޅައިދީ، އެ ރަށަށް ހިޖުރަކުރަން މަޖުބޫރުވި އެވެ. އެންމެންހެން ވެސް ބަދަލުވި އެވެ. އެކަމަކު އޭގެ އަށެއްކަ އަހަރު ފަހުން، އެ ގާނޫނު އުވާލުމާ އެކު އެނބުރި ރަށަށް އައީ އެވެ. މަގޫދޫގައި މިހާރު ވެސް މި ރަށުގެ ބައެއް މީހުން ދިރިއުޅެ އެވެ.

ދަރަނބޫދޫ ސްކޫލުގައި ދަރިވަރަކު ކިޔަވަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫ ސްކޫލުގައި ދަރިވަރަކު ކިޔަވަނީ -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"އެއީ ވެސް މި ރަށުގެ އާބާދީ ކުރި ނޭރި ސަބަބެއް. މި ރަށުގައި ވެސް އެހެން ރަށްރަށުގެ ބައެއް މީހުން އެބައުޅޭ ރަޖިސްޓްރީގައި ވެސް ނުޖެހި. ދެ ފަހަރެއްގެ މަތިން ކުރިން މި ރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލު ކުރިއިރު، އެ ފަހަރުތަކުގައި ވެސް އާބާދީން އެތައް ބަޔަކު ގެއްލުނު،" ހަމީދު ވިދާޅުވި އެވެ.

ފަޅުވުމުން ސަލާމަތްވާން ރަނގަޅު ޕްލޭނެއް

ހަމީދު ދެކެވަޑައިގަންނަވާ ގޮތުގައި، ރަށް އަނެއްކާ ވެސް ފަޅުވުމަކީ ކައިރި މާޒީއެއްގައި ވުން އެހާ ގާތްކަމެއް ނޫނެވެ. އެކަމަކު، އެހެން ނުވާން އޮތީ ރަށުގެ އާބާދީ ހިފެހެއްޓޭނެ ނުވަތަ އިތުރު ކުރެވޭނެ ގޮތްތަކެއް އޮވެގެން ކަމަށް ކައުންސިލުން ގަބޫލު ކުރެ އެވެ.

ދަރަނބޫދޫ އަތިރިމަތީގައި ބަޔަކު މަޑުކޮށްލައިގެން -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫ އަތިރިމަތީގައި ބަޔަކު މަޑުކޮށްލައިގެން -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"ކުދި އާބާދީތައް ބޮޑެތި ތަންތަނަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެކަމަކު މި ރަށުގައި [އާންމުން] އެކަން ގަބޫލެއް ނުކުރޭ. އެހެންވީމަ ސަރުކާރުން މިހާރު އޮތީ [އެގޮތަށް އުޅެން ބޭނުންވާ ބަޔަކަށް] އެ ރަށެއްގައި ތިބެގެން އުޅެވޭނެ މަގުތައް ހޯދައިދޭ ގޮތަށް،" ހަމީދު ވިދާޅުވި އެވެ.

"ކައުންސިލުން ވިސްނީ އަޅުގަނޑުމެންނަށް ކުރެވެން އޮތީ ޓޫރިޒަމް ކަމަށް. ޓޫރިޒަމް ތަރައްގީ ކުރެވިދާނެކަމަށް. މި އަތޮޅުގައި ބީޗް އެންމެ ރީތި އަދި ހުސްތަން އެންމެ ބޮޑު ރަށަކީ މި ރަށް. އެ ފުރުސަތު ހުޅުވާލުމަށް ޓަކައި ކައުންސިލުން މި ތައްޔާރު ވަނީ. ކުޑަ އަގެއްގައި ބިންތައް ކުއްޔަށް ދީގެން، ގޭގޭގައި ޓޫރިސްޓުން ގެންގުޅުމުގެ ބަދަލުގައި އެތަންތަން ހަދައިގެން ޓޫރިޒަމް ތަރައްގީ ކުރަންވީ."

ދަރަނބޫދޫ ބަނދަރު: ހެޔޮވަރުގެ ބަނދަރެއް އޮތް ރަށެއް -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫ ބަނދަރު: ހެޔޮވަރުގެ ބަނދަރެއް އޮތް ރަށެއް -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"ހަމަ އެއާއެކު ދަނޑުވެރިކަން ފުޅާކުރުމަށް އެ ފުރުސަތު ވެސް އެބަ ދެން. މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި ވެސް 97 ބިމަކަށް އެބައޮތް ހުށަހަޅާފައި. ދިހަ ހާސް އަކަފޫޓުގެ ބިމެއް މި ދެނީ. ކުއްޔަކީ އަހަރަކު 300ރ. އަޅުގަނޑުމެން ބޭނުން ވަނީ ކައުންސިލަށް އާމްދަނީ ހޯދުމުގެ ބަދަލުގައި އާންމު މީހާގެ ޖީބަށް އެ ފައިސާ ވަންނަން."

އެއީ އާބާދީ އިތުރުކުރެވޭނެ ގޮތެއް ކަމަށް ކައުންސިލަށް ގަބޫލުކުރެވެނީ، ރަށްރަށުގައި އުޅޭ މި ރަށު މީހުން އެނބުރި އަތުވެދާނެ ސަބަބެއްގެ ގޮތުގަ އެވެ. ހަމީދު ވިދާޅުވީ މި ރަށާ ކައިރީގައި އޮތް މަގޫދޫގައި އެއާޕޯޓެއް ވެސް ހުޅުވާތީ، ކާމިޔާބު ޓޫރިޒަމެއް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.

ދަރަނބޫދޫ އަތިރިމަތީގައި އެ ރަށު ބަޔަކު މަޑުކޮށްލައިގެން -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

ދަރަނބޫދޫ އަތިރިމަތީގައި އެ ރަށު ބަޔަކު މަޑުކޮށްލައިގެން -- ފޮޓޯ: ވިޝާހު ޒަރީރު/ މިހާރު

"ހިޖުރަކޮށްފައި ތިބި ބައެއް މީހުން އެނބުރި އަންނާނެ ކަމަށް ބެލެވޭ. ސަބަބަކީ, މި ރަށުގައި ޓޫރިޒަމް ފެށިގެންދާނެ ކަމަށް ބެލެވޭ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ވިސްނަވިސްނާ ވެސް އާބާދީ އިތުރުކުރެވޭނެ އެ ނޫން ގޮތެއް ނެތެވެ. އާންމުންގެ ވިސްނުމުގައި، ގިނަ ދަރިން ހޯދުމުގެ ނިޔަތެއް ނެތެވެ.

"އަޅުގަނޑުމެން ބެލިބެލުމުން ކޮންމެ ދެމަފިރިޔަކު ވެސް ހަމަ ދެ ކުދިން ހޯދަނީ. އެއީ މުޅި ދުނިޔޭގައި ވެސް އެކަން އޮތްގޮތްހެން ހީވަނީ. ދެން ޖެހޭނީ އެހެން ގޮތަކުން މިކަން ހައްލުކުރަން."

ދަރަނބޫދޫ މީހަކު ދަނޑުވެރިކަމުގައި: މިޙާރު ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެއް -- ފޮޓޯ: މިހާރު

ދަރަނބޫދޫ މީހަކު ދަނޑުވެރިކަމުގައި: މިޙާރު ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށެއް -- ފޮޓޯ: މިހާރު

ރާއްޖޭގައި އާބާދީ ކޮންޓްރޯލް ކުރަން ޖެއްސި ކެމްޕޭން މި ރަށުގައި ވެސް ކުރިއަށް ގެންދިޔަ އެވެ. އޭގެ ނޭދެވޭ އަސަރު މި ރަށަށް ވަރަށް ބޮޑަށް ކުރި ކަމަށް ހަމީދު ވިދާޅުވި އެވެ.

"ކުރިން ކެމްޕޭންތަކެއް ވެސް ޖެއްސި. އޭރު ވަރަށް ބޮޑަށް އާބާދީ ކުޑަކޮށްލި،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އާންމުންގެ ވިސްނުމަކީ އާބާދީ ކުޑަކުރުން އަދިވެސް. އެކަމަކު އެއީ ހައްލެއް ނޫން."

މުޅި ރަށުގައި އޮތީ ގާތްގަނޑަކަށް ހަތަރު އާއިލާއެއްގެ ދަރިކޮޅެވެ. އެހެންވެ، ކައިވެންޏެއް ކުރަން ބަލާއިރު ވެސް، ގޮސް މި އިނދެވެނީ ގިނަފަހަރު ތިމާގެ މީހަކާ އެވެ.

އެކަމަކު އާބާދީ ކުޑަޔަސް، މިއީ ވަރަށް ހިތްފަސޭހަ އަދި މީހުން އެކުވެރި ރަށެކެވެ. އަމާން، އޮމާން، ސާފުތާހިރު ރަށެކެވެ. އާބާދީ މަދުވުމުގެ އެންމެ ހިތްފަސޭހަ ކަމަކީ، އަޑުފަށްގަނޑާ ނުލައި، ހިމޭން ކަމުގައި އުޅެލެވުމެވެ. އެކަމަކު، އެ ހިމޭންކަން ފޫދުއްވާލާނީ "ކަމަކާ ޖެހުނީމަ" އެވެ.