Roadha Mihaaru
ޗައިނާ އިއްތިހާދުގައި ސައޫދީ ބައިވެރިވާނެ

ޗައިނާ އިއްތިހާދުގައި ސައޫދީ ބައިވެރިވާނެ

30 މާޗް 2023

އިރުމަތީ އޭޝިޔާ އާއި ދެކުނު އޭޝިޔާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތައް ބައިވެރިކޮށްގެން، ޗައިނާ އިން އުފައްދާފައިވާ އިއްތިހާދު ނުވަތަ ޖަމިއްޔާ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގައި ބައިވެރިވުމަށް ސައޫދީ އަރަބިއްޔާ އިން ނިންމައިފި އެވެ.

އިރުމަތީ އޭޝިޔާ އާއި ދެކުނު އޭޝިޔާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތައް ބައިވެރިކޮށްގެން، ޗައިނާ އިން އުފައްދާފައިވާ އިއްތިހާދު ނުވަތަ ޖަމިއްޔާ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގައި ބައިވެރިވުމަށް ސައޫދީ އަރަބިއްޔާ އިން ނިންމައިފި އެވެ.

އެސްސީއޯ އަކީ، ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި އަސްކަރީ ގޮތުން، ހުޅަނގުގެ އެފަދަ ޖަމިއްޔާތަކާ ވާދަކުރުމުގެ ގޮތުން 2001 ވަނަ އަހަރު ޗައިނާ އިސްނަގައިގެން އުފެއްދި، އަށް ގައުމު ހިމެނޭ އިއްތިހާދެކެވެ. މި އިއްތިހާދުގައި ހިމެނޭ އިރުމަތީ އޭޝިޔާގެ ގައުމަކީ ޗައިނާ އެވެ. ޔޫރަޕުން ރަޝިޔާ އެވެ. އަދި ދެކުނު އޭޝިޔާ އިން އިންޑިއާ، ޕާކިސްތާނާއި މެދުތެރޭ އޭޝިޔާ އިން ކަޒަޚިސްތާން، ކިރްގިޒިސްތާން، އުޒްބެކިސްތާން އަދި ތަޖިކިސްތާނެވެ.

މި އިއްތިހާދުގައި ބައިވެރިވާން ސައޫދީން ނިންމީ، އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒުގެ ރިއާސަތުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމެއްގަ އެވެ. ސައޫދީ އަރަބިއްޔާ އިން މި އިއްތިހާދުގައި ބައިވެރިވާނީ ފުރިހަމަ މެމްބަރެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި ސައޫދީ މި އިއްތިހާދުގައި ބައިވެރިވާނީ "މަޝްވަރާގެ ބައިވެރިއެއް"ގެ ގޮތުގަ އެވެ.

މެމްބަރު އަށް ގައުމުގެ އިތުރުން، އޮބްޒާވަރެއްގެ ހައިސިއްޔަތުންނާއި މަޝްވަރާގެ ބައިވެރިންގެ ގޮތުގައި އީރާނާއި މިސްރާއި ގަތަރުވެސް، ޗައިނާ އިއްތިހާދުގައި ހިމެނެ އެވެ.

އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކާ ވާދައަށް ޗައިނާ އިން އުފައްދާފައިވާ މި އިއްތިހާދުގައި ސައޫދީން މި ބައިވެރިވީ، ޑިޕްލޮމެޓިކް ގުޅުން ކަނޑައިލިތާ ހަތް އަހަރު ފަހުން، ޗައިނާ މެދުވެރިވެގެން، ސައޫދީ އަރަބިއްޔާ އާއި އީރާނާ ދެމެދު އަލުން ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ ތިން ހަފުތާ ވެސް ނުވަނީހެވެ.

އީރާނާ އެކުގައި އޮތް ޑިޕްލޮމެޓިން ގުޅުން، ޖެނުއަރީ 3، 2016ގައި ސައޫދީ އަރަބިއްޔާ އިން ކަނޑައިލީ، އީރާންގެ ވެރިރަށް ތެހެރާންގައި ހުރި ސައޫދީ އެމްބަސީ އަށް އީރާންގެ އާންމުންތަކެއް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ. ސައޫދީއާ ދެކޮޅަށް މުޒާހަރާ ކުރަމުން ގޮސް އެމްބަސީ އަށް ވަދެގަތީ، ސައުދީގެ މަޝްހޫރު ޝީއީ އިލްމުވެރިއެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ޑިޕްލޮމެޓިކް ގުޅުން ކަނޑައިލި ފަހުން، ދެ ގައުމުގެ ދެމެދުގައި އުފެދުނު އެންމެ ބޮޑު ކޯޅުމަކަށްވީ، ޔަމަންގައި ފެށުނު ދާޚިލީ ހަނގުރާމަ އެވެ. އެ ހަނގުރާމައިގައި ސައޫދީ ސަރުކާރުން، ޔަމަންގެ ސަރުކާރަށް ވާގިވެރިވަމުން އަންނަ އިރު، ޔަމަންގެ އިދިކޮޅު ހޫތީ ހަނގުރާމަވެރިންނަށް މަދަދު ފޯރުވަނީ އީރާނުންނެވެ.

މި މައްސަލަ ހައްލު ކުރުމުގެ ގޮތުން އީރާނާއި ސައޫދީއާ ދެމެދު މަޝްވަރާތަކެއް ކުރަމުން އަންނަތާ ދެތިން އަހަރުވެއްޖެ އެވެ. ނަމަވެސް ދެ ގައުމުގެ ގުޅުމަށް ކުއްލި ބަދަހިކަމެއް އައީ، ދެ ގައުމު ސުލްހަ ކުރުވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރެއްވުމަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިދިޔަ އަހަރު ހުށަހަޅުއްވައި އެކަމަށް މަސައްކަތް ފެއްޓެވުމާ އެކުގަ އެވެ.