Roadha Mihaaru
ފެނަކައަށް ޑޮލަރު ގަތުމާ ގުޅޭ އާ އުސޫލެއް ހަދައިފި

ފެނަކަ އަށް ޑޮލަރު ގަތުމާ ގުޅޭ އާ އުސޫލެއް އެކުލަވާލައި، ހިޔާލަށް ފޮނުވައިފި

22 ޖެނުއަރީ 2017

ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި ފެނަކަ އަށް ޑޮލަރު ގަތުމާ ގުޅޭ އާ އުސޫލެއް އެކުލަވާލައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ޚިޔާލު ހޯދުމަށް ފޮނުވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކުންފުނި ފެނަކަ އަށް ޑޮލަރު ގަތުމާ ގުޅޭ އާ އުސޫލެއް އެކުލަވާލައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ޚިޔާލު ހޯދުމަށް ފޮނުވައިފި އެވެ.

ފެނަކަ އަށް ޑޮލަރު ގަތުމާ ގުޅޭ އާ އުސޫލެއް މި އެކުލަވައިލީ، އެ ކުންފުންޏަށް އެއް މިލިއަން ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސަސް އަށް 17 މިލިއަން ރުފިޔާ ދޫކުރުމުން، ޑޮލަރު ނުލިބި އަދި އެ ފައިސާ ވެސް ގެއްލިފައިވާ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް "މިހާރު" އަށް އިއްޔެ ވިދާޅުވީ އާ އުސޫލަށް ޚިޔާލު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރައިވެޓައިޒޭޝަން ބޯޑަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ފެނަކަ އަށް ޑޮލަރު ގަތުމުގެ އާ އުސޫލުގައި ހިމެނޭ ކަންކަމުގެ ތަފުސީލު މި ވަގުތަށް ނުދެއްވި ނަމަވެސް، ޝަރީފް ވިދާޅުވީ އެ އުސޫލުގައި އެންމެ ފާހަގަކުރެވޭނެ ކަމަކީ، ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް މަރުކަޒީ ބޭންކުން ދޫކޮށްފައި ނެތް ބައެއްގެ އަތުން ޑޮލަރު ގަތުން މަނާކޮށްފައި އޮތުމެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް ނެތް މީހުންގެ އަތުން ޑޮލަރު ގަނެ ވިއްކުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަނިޓަރީ ގަވައިދުގެ ދަށުން މިހާރު ވެސް މަނާ ކަމެކެވެ. އެކަމަކު ފެނަކަ އަށް ޑޮލަރު ގަންނަން ފައިސާ ދޫކުރި ޝަރޫ ލޯންޗް ސާވިސަސް އަކީ އެ ހުއްދަ ދީފައި ނެތް އަމިއްލަ ކުންފުންޏެކެވެ. ފެނަކައިގެ އިތުރުން ސްޓެލްކޯ އަށް ދެ ލައްކަ ޑޮލަރު ގަންނަން ވެސް ޝަރޫ ލޯންޗް ސާވިސަސް އަށް ތިން މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

މި ފައިސާ ހޯދުމަށް ފެނަކަ އާއި ސްޓެލްކޯ އިން ވެސް ވަނީ ޝަރޫ ލޯންޗް ސާވިސަސްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އަދި ފުލުހުން ވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.

ލައިސަންސް ނެތި ޝަރޫ ލޯންޗް ސާވިސަސް އިން ޑޮލަރުގެ މުއާމަލާތް ހިންގި މައްސަލަ ސެންޓްރަލް ބޭންކުން ބެލުމަށް ފަހު، ފިޔަވަޅު އަޅައި ދިނުމަށް އެދި ޕޮލިހަށް ފޮނުވާފައިވާ ކަމަށް އެމްއެމްއޭ އިން އިއްޔެ ބުންޏެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ފެނަކަ އަށް ޑޮލަރު ގަތުމަށް ޝަރޫ ލޯންޗް ސާވިސަސް އަށް ފައިސާ ދޫކުރީ ފެނަކައިގެ ބޯޑުން ނިންމައިގެންނެވެ. އެކަމަކު ޝަރޫ ލޯންޗް ސާވިސަސް އަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އޮތް ކުންފުންޏެއްތޯ އެ ބޯޑުން ނުބަލާ ކަމަށް ވެ އެވެ.

މި މައްސަލާގައި ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ވަނީ އެތެރޭގެ ތަހުގީގެއް ކޮށް، ރިޕޯޓެއް އެކުލަވާލައިފަ އެވެ. ޑޮލަރުގެ މި މުއާމަލާތުގައި އިހުމާލުވި މުވައްޒަފުންގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ ކުންފުނީގެ ބޯޑުން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދައުވާ ކުރާ ނަމަ ކުރާނީ، އިހުމާލުވި މުވައްޒަފުންގެ ފަރާތުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން،" އޭނާ ވިދާޅުވި އެވެ.