Roadha Mihaaru
އެމްސީބީ އަތުން ބޮޑު ބަދަލެއް ހޯދަން ޝަރޫ އިން ކޯޓަށް

ޑޮލަރު ނުދިން މައްސަލާގައި 150 މިލިއަން ރުފިޔާ ހޯދަން ޝަރޫ ކުންފުނިން އެމްސީބީއާ ދެކޮޅަށް ދައުވާކުރަނީ

25 ޖެނުއަރީ 2017

ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ޝަރޫ ލޯންޗް ސާވިސަސް އިން ހިންގި މުއާމަލާތުގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލުކުރި ގޮތުން ޝަރޫ ލޯންޗް ކުންފުންޏަށް ގެއްލުން ވެފައިވާ ކަމަށް ބުނެ 150 މިލިއަން ރުފިޔާ ހޯދުމަށް އެ ބޭންކާ ދެކޮޅަށް ޝަރޫ ލޯންޗް އިން ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

ސަރުކާރުގެ ދެ ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ޝަރޫ ލޯންޗް ސާވިސަސް އިން ހިންގި މުއާމަލާތުގައި މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އިން އަމަލުކުރި ގޮތުން ޝަރޫ ލޯންޗް ކުންފުންޏަށް ގެއްލުން ވެފައިވާ ކަމަށް ބުނެ 150 މިލިއަން ރުފިޔާ ހޯދުމަށް އެ ބޭންކާ ދެކޮޅަށް ޝަރޫ ލޯންޗް އިން ސިވިލް ކޯޓަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.

ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ވިއްކުމަށް ޝަރޫ ލޯންޗް ސާވިސަސް އިން އެއްބަސްވެ ފައިސާ ނެގުމަށް ފަހު، ޑޮލަރު ދޫކޮށްފައި ނުވާތީ ފެނަކަ އާއި ސްޓެލްކޯ އިން ޝަރޫ ކުންފުންޏާ ދެކޮޅަށް ދައުވާކޮށްފައި ވަނިކޮށް، އެ ކުންފުނިން އެމްސީބީއާ ދެކޮޅަށް ދައުވާކުރީ ޑޮލަރު ދޫކުރަން އެމްސީބީން ދެކޮޅު ހެދި ކަމަށް ބުނެ އެވެ.

ޝަރޫ ކުންފުނީގެ އެއް ހިއްސާދާރު މުހައްމަދު މުޝްތާގު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ކުންފުނިން އެމްސީބީގައި ހުޅުވާފައިވާ އެކައުންޓުން ޑޮލަރު ނެގުމަށް ފެނަކަ އާއި ސްޓެލްކޯ އަށް ދިން ޗެކަށް ޑޮލަރު ނުދިނީ އެ ބޭންކުން އަމިއްލަ އަށް ކަމަށާއި އެ ޗެކްތައް ވެސް ބައުންސްވީ ނޫން ކަމަށެވެ.

"އެމްސީބީން ގެރެންޓީ ދިން ޑޮލަރު ދޫކުރާނެ ކަމަށް. އަދި ފެނަކަ އިން އަމިއްލަ އަށް ބޭންކަށް ގުޅާފައި ވެސް ޔަގީންކުރި އެމްސީބީން ގެރެންޓީ ދިންތޯ؟ ޗެކް ބައުންސްވީއެއް ނޫން. އެމްސީބީން ގެރެންޓީއާ ޚިލާފަށް ޑޮލަރު ނުދިނީ،" މުސްތާގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭގެ ސަބަބުން ޝަރޫ ލޯންޗް ސާވިސަސް އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އަދި އޭގެ ޒިންމާ ނަގަންޖެހޭނީ އެމްސީބީން ކަމަށް މުޝްތާގް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިޔަފާރީގެ މުއާމަލާތްތައް ކުރަމުން ދިޔައީ އެމްސީބީއާ. އެކަމަކު އެމްސީބީން މިއަދު މިވަނީ އަޅުގަނޑުމެން ބޮޑު ވަޅުގަނޑަށް ވައްޓާލާފައި. ލިބުނު ގެއްލުމާއި އަޅުގަނޑުމެންގެ ކުންފުނީގެ ރެޕިއުޓޭޝަނާ މި ހުރިހާ ކަމެއްގެ ބަދަލަށް މި ދައުވާކުރަނީ،" މުޝްތާގް ވިދާޅުވި އެވެ.

މި މުއާމަލާތްތަކާ ގުޅޭ ގޮތުން އެމްސީބީން މިހާތަނަށް މީޑީއާގައި ވާހަކައެއް ނުދައްކަ އެވެ.

ފެނަކަ އަށް އެއް މިލިއަން ޑޮލަރު އަދި ސްޓެލްކޯއަށް ދެ ލައްކަ ޑޮލަރު ހޯދައިދޭން އެއްބަސްވެ، ފައިސާ ނެގުމަށް ފަހު ޑޮލަރު ނުދިން މައްސަލާގައި އެ ދެ ކުންފުނިން ޝަރޫ ކުންފުންޏާ ދެކޮޅަށް އަންނަނީ ދައުވާ ކުރަމުންނެވެ. އަދި އެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. މީގެ އިތުރުން ޝަރޫ ލޯންޗް ސާވިސަސް އަކީ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފައި ނެތް ކުންފުންޏަކަށް ވާތީ، އެ ކުންފުންޏާ މެދު ފިޔަވަޅު އަޅައިދިނުމަށް އެމްއެމްއޭ އިން ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.

ފެނަކަ އާއި ސްޓެލްކޯ އަށް ޑޮލަރު ގަތުމަށް އެ ދެ ކުންފުނިން ޝަރޫ ލޯންޗް ސާވިސަސް އަށް ދިން ފައިސާ ވެސް އަނބުރާ ނުލިބެ އެވެ.