Roadha Mihaaru
ޝަހީރު، އެސްޓީއޯ އިން އިސްތިއުފާ ދެއްވައިފި

ޝަހީރު، 29 އަހަރު ފަހުން އެސްޓީއޯ އިން އިސްތިއުފާ ދެއްވައިފި

15 ނޮވެމްބަރ 2018

މީގެ 29 އަހަރު ކުރިން އެސްޓީއޯގެ ވަޒީފާއާ ގުޅިވަޑައިގެންނެވި އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ޝަހީރު މިއަދު އެ ކުންފުނިން އިސްތިއުފާ ދެއްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މީގެ 29 އަހަރު ކުރިން އެސްޓީއޯގެ ވަޒީފާއާ ގުޅިވަޑައިގެންނެވި އަދި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަހުމަދު ޝަހީރު މިއަދު އެ ކުންފުނިން އިސްތިއުފާ ދެއްވައިފި އެވެ.

މި ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަކަށް އައްޔަން ކުރެއްވި ޝަހީރު އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރު ނިމުމަކަށް އަންނާތީ އެވެ.

އޭނާ އިސްތިއުފާ ދެއްވުމުން، އެ މަގާމު ވަގުތީ ގޮތުން ހަވާލު ކުރެއްވީ އެސްޓީއޯގެ ސީއެފްއޯ މުހައްމަދު މިހާދުއާ އެވެ.

ޝަހީރު، އެސްޓީއޯގައި ހޭދަ ކުރެއްވި 29 އަހަރު ތެރޭގައި، ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ އެންމެ އާދައިގެ ވަޒީފާ އިން ފެއްޓެވި ޚިދުމަތުންނެވެ. އޭނާ އަކީ އެ ކުންފުނީގައި މިއަދާ ހަމައަށް ހުރި އެންމެ ގިނަ ދުވަސްވީ އަދި އެންމެ ތަޖުރިބާކާރު އެއް މުވައްޒަފެވެ.

ޝަހީރުގެ އިތުރުން ވެސް ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މުވައްޒަފުން އަންނަނީ އިސްތިއުފާ ދެއްވަމުންނެވެ.

އޭގެ ތެރޭގައި ރައީސް ޔާމީނާ އެކު ކުރިއްސުރެ ސިޔާސީ ކަންކަމުގައި އުޅުއްވާ އަދި މި ސަރުކާރުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި އިބްރާހިމް ފަޒުލް ރަޝީދު ހިމެނެ އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ، އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން އެ ކުންފުނި ހިންގަވާނީ ޗީފް ޓެކްނިކަލް އޮފިސާ އަކަށް ހުންނެވި ހުސައިން ހަމީޒެވެ.

ޕްރަވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވަނީ އެ ބޭފުޅުންގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ މުއްދަތު ހަމަވެ އާ ސަރުކާރުން އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވާއިރު ސަރުކާރުގެ ކުންފުނިތަކުގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުނިތަކުގެ މާލީ ހާލަތު ބޮޑުތަން ދަށަށް ގޮސްފައިވާ ކަމަށް ޓްރާންސްސިޝަން ކޮމެޓީން ބުނެ އެވެ.