Roadha Mihaaru
ކްރީމިއާގައި ރަޝިޔާގެ މިސައިލްތަކެއް ގޮއްވާލައިފި

ކްރީމިއާގައި ރަޝިޔާގެ މިސައިލްތަކެއް ގޮއްވާލައިފި

21 މާޗް 2023

ރަޝިޔާ ސިފައިން 2014 ވަނަ އަހަރު ހިފާފައިވާ ޔޫކްރޭންގެ ބިމެއް ކަމަށްވާ ކްރީމިއާގައި، ރޭލެއްގައި ކޮންމެވެސް ތަނަކަށް ގެންދިޔަ ރަޝިޔާގެ ކްރޫޒް މިސައިލްތަކެއް ގޮއްވާލާފައިވާ ކަމަށް ޔޫކްރޭންގެ ދިފާއީ ވުޒާރާ އިން އިއްޔެ ބުނެފި އެވެ.

ރަޝިޔާ ސިފައިން 2014 ވަނަ އަހަރު ހިފާފައިވާ ޔޫކްރޭންގެ ބިމެއް ކަމަށްވާ ކްރީމިއާގައި، ރޭލެއްގައި ކޮންމެވެސް ތަނަކަށް ގެންދިޔަ ރަޝިޔާގެ ކްރޫޒް މިސައިލްތަކެއް ގޮއްވާލާފައިވާ ކަމަށް ޔޫކްރޭންގެ ދިފާއީ ވުޒާރާ އިން އިއްޔެ ބުނެފި އެވެ.

އެ މިސައިލްތަކަށް ހަމަލާދީ ގޮއްވައިލީ ކްރީމިއާގެ ޒަންކޯއީ އަވަށުގެ ތެރެއިން ރޭލެއްގައި، ކޮންމެވެސް ތަނަކަށް ގެންދަނިކޮށެވެ. އެ މިސައިލްތައް ގޮއްވައިލި ޔޫކްރޭން ސިފައިން ދިން ހަމަލާއެއްގައި ކަމަށް ޔޫކްރޭނުން ނުބުނި ނަމަވެސް، ކްރީމިއާ މިނިވަންކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާ ކަމަށް ޔޫކްރޭނުން ބުންޏެވެ.

ޔޫކްރޭންގައި ހުންނަވާ ރަޝިޔާގެ އިސް ވެރިޔާ ސަރްގޭ އަސްކިނޯވް ވިދާޅުވި ގޮތުގައި ރަޝިޔާ ސިފައިންގެ ވަސީލަތްތަކަކަށް ހަމަލާއެއް އަމާޒުވި އެވެ. އެއީ ކްރޫޒް މިސައިލްތަކެއް ކަމަށް އޭނާ އެއްބަސް ނުވިޔަސް، އެ ހަމަލައާ ގުޅިގެން، ކްރީމިއާ ސަރަހައްދުގައި ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުތައް ތައްޔާރީ ހާލަތަށް ގެނައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ދަތުރުކުރަމުން ދިޔަ ރޭލެއްގައި ވަރަށް ގަދަ ގޮވުމެއް އުފެދެ އެވެ. އެއާއެކު ބިޔަ އަލިފާން ބޯޅައެއް އަރައިގެން ދިޔުމަށް ފަހު އޮލަ ދުންތަކެއް އަރަން ފެށި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯތަކުން ވެސް، އެ ގޮވުން އުފެދުނީ ބޮމެއް ގޮއްވާލައިގެން ކަމެއް ނުވަތަ އެހެން ބާވަތެއްގެ ހަތިޔާރަކުން ކަމެއް ސާފެއް ނުވެ އެވެ. ކްރީމިއާގައި ހުންނަ ރަޝިޔާގެ އެންމެ ބޮޑު ދެ ވައިގެ މަރުކަޒުގެ ތެރެއިން އެއް މަރުކަޒު ހުންނަނީ ޒަންކޯއީ އަވަށުގަ އެވެ.

އޭގެ އިތުރުން ރަޝިޔާ އިން ޔޫކްރޭންގެ ދެކުނު ސަރަހައްދަށް ރޭލުގައި ފޮނުވާ އަސްކަރީ ހުރިހާ ސާމާނެއް ޖަމާކުރާ ތަނަކީ ވެސް ޒަންކޯއީ އަވަށެވެ. އަދި ރަޝިޔާގެ ކަނޑުގެ ސިފައިންގެ ތެރޭގައި ހިމެނޭ ކަޅު ކަނޑުގެ ލަޝްކަރުގެ މައި ބަނދަރެއްގެ ގޮތުގައި ބޭނުންކުރަނީ ވެސް އެ އަވަށެވެ. އެ ބަނދަރުގައި އާންމުކޮށް ހުންނަ އުޅަނދުތަކުގެ ތެރޭގައި މަނަވަރުތަކާއި އައްސޭރި ބަލަހައްޓާ ސްޕީޑް ލޯންޗުތަކުގެ އިތުރުން ބައެއް ސަބްމެރިން ވެސް ހިމެނެ އެވެ.

ރަޝިޔާގެ ބައެއްގެ ގޮތުގައި ކްރީމިއާ ހަމަޖެއްސީ، 2014 ވަނަ އަހަރު ރަޝިޔާ އިން އެ ސަރަހައްދު ހިފުމަށްފަހު، ރަޝިޔާ ސިފައިންގެ ބެލުމުގެ ދަށުން އެ ސަރަހައްދުގެ އާންމު ރައްޔިތުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހު އެވެ. އެ ވޯޓުގައި، ރަޝިޔާގެ ބައެއްގެ ގޮތުގައި ކްރީމިއާ ހަމަޖައްސަން އަޣުލަބިއްޔަތު ލިބުނު ނަމަވެސް، ޔޫކްރޭނާއި ބައިނަލްއަގުވާމީ މުޖްތަމައުން އެކަން ގަބޫލެއް ނުކުރެ އެވެ.