Roadha Mihaaru
ކްރައިމިއާ އަށް ހަމަލާ ދިނުމަކީ ހަނގުރާމައަށް ވަނުން

ކްރައިމިއާ އަށް ހަމަލާ ދިނުމަކީ ހަނގުރާމައަށް ވަނުން: ރަޝިއާ

21 ޖޫން 2023

ރަޝިޔާ ސިފައިން ހިފާފައިވާ ކްރައިމިއާގެ އެއްވެސް ސަރަހައްދަކަށް، އެމެރިކާ އާއި އިނގިރޭސި ވިލާތުން ދީފައިވާ ހަތިޔާރެއް ބޭނުންކޮށްގެން ޔޫކްރޭން ސިފައިން ހަމަލާއެއް ދީފިއްޔާ، އެއީ އެމެރިކާ އާއި އިނގިރޭސީން ސިދާ ހަނގުރާމައަށް ވަނުންކަމުގައި ބަލާނެ ކަމަށް ރަޝިޔާއިން އިންޒާރުކޮށްފި އެވެ.

ރަޝިޔާ ސިފައިން ހިފާފައިވާ ކްރައިމިއާގެ އެއްވެސް ސަރަހައްދަކަށް، އެމެރިކާ އާއި އިނގިރޭސި ވިލާތުން ދީފައިވާ ހަތިޔާރެއް ބޭނުންކޮށްގެން ޔޫކްރޭން ސިފައިން ހަމަލާއެއް ދީފިއްޔާ، އެއީ އެމެރިކާ އާއި އިނގިރޭސީން ސިދާ ހަނގުރާމައަށް ވަނުންކަމުގައި ބަލާނެ ކަމަށް ރަޝިޔާއިން އިންޒާރުކޮށްފި އެވެ.

ކްރައިމިއާއަކީ 2014 ވަނަ އަހަރު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ރަޝިޔާ ސިފައިން ހިފައި އެ ގައުމުގެ ބައެއް ކަމަށް އަމިއްލަ އަށް ކަނޑައަޅާފައިވާ ޔޫކްރޭންގެ ޖަޒީރާ ސަރަހައްދެކެވެ. ރަޝިޔާ އިން ތުހުމަތުކުރާ ގޮތުގައި ޔޫކްރޭން ސިފައިން މިހާރު ތައްޔާރުވަމުން ދަނީ، އެމެރިކާ އާއި އިނގިރޭސީން ދީފައިވާ ހަތިޔާރުތައް ބޭނުންކޮށްގެން ކްރައިމިއާ އަށް ހަމަލާތަކެއް ދިނުމަށެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި ސިފައިންގެ އިސް ވެރިންނާ އެކުގައި ބޭއްވި ބައްދަލުވުމެއްގައި ދިފާއީ ވަޒީރު ސަރްގޭ ޝޮއިގޫ އިއްޔެ ވިދާޅުވީ ކްރިމިއާ އަށް ދޭން ރާވާ ހަމަލާތަކުގައި، ޔޫކްރޭން ސިފައިން ބޭނުންކުރާނެ ކަމަށް މައުލޫމާތު ލިބިފައިވަނީ، އެމެރިކާ އިން ދީފައިވާ ހައިމާޒް ރޮކެޓްތަކެވެ. އޭގެ އިތުރުން އިނގިރޭސި ވިލާތުން ދީފައިވާ ސްޓޯމް ޝެޑޯ ކްރޫޒް މިސައިލް ވެސް ބޭނުންކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

"އަހަރެމެން މިހާރު ފަށާފައިވާ ޚާއްސަ އަސްކަރީ ހަރަކާތްތައް ހިންގާ ސަރަހައްދުގެ ބޭރުން، އަހަރެމެންނާ ދެކޮޅަށް އެއިން އެއްވެސް ހަތިޔާރެއް ބޭނުންކޮށްފިއްޔާ، އަހަރެމެން ގަބޫލުކުރާނީ އެމެރިކާ އާއި އިނގިރޭސިން ފުރިހަމައަށް މި ކޯޅުމުގެ ތެރެއަށް ވަނީ ކަމަށް. އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ޔޫކްރޭންގައި ހުރި ގޮތް ނިންމާ މަރުކަޒުތަކަށް އަހަރެމެން ވަގުތުން ރައްދު ހަމަލާ ދޭނަން،" ޝޮއިގޫ ވިދާޅުވި އެވެ.

ރަޝިޔާ އިން ދެކޭ ގޮތުގައި އެ ގައުމުގެ ސިފައިން މިހާރު ފަށާފައިވާ އަސްކަރީ ހާއްސަ ހަރަކާތްތައް ހިންގާ ސަރަހައްދުގެ ތެރެއަކު ކްރައިމިއާ އެއް ނުހިމެނެ އެވެ. އަދި ކްރީމިއާއަކީ ޔޫކްރޭންގެ ބިމެއްކަމަށް ވެސް ރަޝިޔާ ގަބޫލެއް ނުކުރެ އެވެ.

ދިފާއީ ވަޒީރު ވިދާޅުވި ގޮތުގައި، ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތައް އަނބުރާ ހޯދުމުގެ ނަމުގައި، މި މަހުގެ 4 ވަނަ ދުވަހު ޔޫކްރޭން ސިފައިން ފެށި ރައްދު ހަމަލާތަކުގައި، މިހާތަނަށް ރަޝިޔާގެ 263 އަމާޒަކަށް ޔޫކްރޭން ސިފައިން ހަމަލާ ދީފި އެވެ. ނަމަވެސް ރަޝިޔާ ސިފައިންގެ ރައްދު ހަމަލާތަކުގައި ޔޫކްރޭން ސިފައިންގެ ހަމަލާތައް ނާކާމިޔާބު ކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން ރަޝިޔާ ސިފައިން ހިފާފައިވާ ބިންތައް މިނިވަންކުރުމަށް ޔޫކްރޭން ސިފައިން މިހާރު ފަށާފައިވާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންގެ ބާރުގެ ދަށުގައި އޮތް އަށް އަވަށެއް ހިފިއްޖެ ކަމަށް ޔޫކްރޭން ސިފައިން ބުނެ އެވެ. އެ އަވަށްތައް ހިފުމަށް ކުރި ހަނގުރާމައިގައި އެ އަވަށްތަކުގައި ތިބި ރަޝިޔާ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ދެވުނު ކަމަށް ޔޫކްރޭނުން ބުނެ އެވެ.

ރަޝިޔާ އިން ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށާއި އެހެން ބައެއް ސަރަހައްދުތަކަށް އިއްޔެ ވެސް ވަރުގަދަ ހަމަލާތަކެއް ދިނެވެ. ކިޔޭވްގައި ތިބި ޔޫކްރޭން ސިފައިންގެ މަރުކަޒަކަށް އިއްޔެ މިސައިލް ހަމަލާތަކެއް ދިން ނަމަވެސް، އެ ތަނަށް ލިބުނު ގެއްލުމެއް ރަޝިޔާ އިން އަދި ޔޫކްރޭނުން ވެސް ހާމައެއް ނުކުރެ އެވެ.

އޭގެ އިތުރުން، ބިންތައް މިނިވަންކުރުމަށް ހަނގުރާމަ ފަށާފައިވާ ޔޫކްރޭން ސިފައިންގެ އަމާޒުތަކަށް ވެސް ރަޝިޔާ ސިފައިން އިއްޔެ ވައިގެ މަގުން ހަމަލާތަކެއް ދިނެވެ. ނަމަވެސް، އެ އަވަށްތަކުން ޔޫކްރޭން ސިފައިން ފައްސައިލެވޭ ވަރެއް ނުވި އެވެ.