ލ. ގަމުގައި މިއަދު ހަވީރު ޕާކިސްތާން ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު 1-0 އިން ރާއްޖެ ކާމިޔާބު ކޮށްފި އެވެ.
21 މާޗް 2023
ލ. ގަމުގައި މިއަދު ހަވީރު ޕާކިސްތާން ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅުނު ރަހުމަތްތެރިކަމުގެ މެޗު 1-0 އިން ރާއްޖެ ކާމިޔާބު ކޮށްފި އެވެ.
ރާއްޖޭން މެޗުގައި ޖެހި ހަމައެކަނި ލަނޑު 20 ވަނަ މިނިޓުގައި ޖަހައިދިނީ އިބްރާހިމް އައިސަމް އެވެ.
މި މެޗުގައި ރާއްޖޭގެ ފުރަތަމަ 11 ގައި ހިމެނިފައި ވަނީ މުޅިން ވެސް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ރާއްޖޭގެ ޓީމުން މި މެޗަށް ހާއްސަކޮށް މާ ރަނގަޅު ޕްރެކްޓިސްތަކެއް ކުރިއަށް ގެންގޮސްފައި ނުވި ނަމަވެސް، މާޒިޔާ އިން ވަނީ މި ފަހުން އެފްއޭއެމް އިން ހޯދައިދިން ފުރުސަތެއްގައި ސައުދީ އަރަބިއްޔާގައި ދެ ހަފްތާގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ.
މިއަދުގެ މެޗުގައި ހުސެއިން ޝަރީފް ރާއްޖޭގެ ގޯލު ބެލެހެއްޓިއިރު ޑިފެންސުގައި ހަރަކާތްތެރިވީ ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި އަހުމަދު ނޫމާން، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަދި ހަސަން ޝިފާޒް (ޑުންގާ) އެވެ. މިޑްފީލްޑުގައި ހުސެއިން ނިހާން (ނިހާޓް) އާއި އައިސަމް އަދި މުހައްމަދު އިރުފާން ހިމެނުނު އިރު ކުރިއަށް ކުޅުނީ ނާއިޒް ހަސަން (ދާދު) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
ރާއްޖޭގެ ކެޕްޓަން ސަމޫހް އަދި ޕާކިސްތާންގެ ކެޕްޓަން ސާގިބް، މެޗް ފެށުމުގެ ކުރިން ޓީމާ އެކު ދަނޑަށް ނުކުންނަނީ.-- ފޮޓޯ: އެފްއޭއެމް
މި މެޗަށް ޕާކިސްތާނުން ނެގި ސްކޮޑުގައި ނިސްބަތުން ޒުވާން ކުޅުންތެރިންތަކެއް ހިމެނުނު އިރު، ކެޕްޓަން ބޭންޑް އަޅައިގެން ގޯލުގައި ހުރީ ރާއްޖޭގެ ލީގުގެ ތަޖުރިބާ ހުރި ގޯލްކީޕަރު ސާގިބް ހަނީފް އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ގިނަ ބޯޅަތަކެއް ކުރިއަށް ކުޅެ ފުރުސަތުތަކެއް ހޯދި ނަމަވެސް ޕާކިސްތާން ގެ ގޯލާ އަމާޒުކޮށް މާ ރަނގަޅު ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެ އެވެ. ހަމްޕު ނަގައިދިން ކޯނަރެއް ބޮލުން ގޯލަށް ފޮނުވާލައިގެން އައިސަމް ކާމިޔާބު ކޮށްދިން ގޯލުގެ ކުރިން، ހަމްޕު ނެގި ހުރަހެއް ނިހާޓް ވެސް ބޮލުން ފޮނުވާލި އެވެ. ނަމަވެސް އެ ހަމަލާ ދިޔައީ ގޯލު ކައިރިން ބޭރަށެވެ.
ޕާކިސްތާނުން ދެ ވަނަ ހާފް ފެށީ ވަރަށް ރަނގަޅަށެވެ. ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ގިނަ ހަމަލާތަކެއް ފޮނުވާލި އިރު ގާތްގާތުގައި ގިނަ ކޯނަރުތަކެއް ވެސް ހޯދި އެވެ. އެ ޓީމު ކުޅުންތެރިއަކު ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ރާއްޖޭގެ ކީޕަރު ހުސެއިން ވަނީ ހުށިޔާރު ކަމާ އެކު ދިފާއު ކޮށްފަ އެވެ. އެއަށް ފަހު ޕާކިސްތާނަށް ލިބުނު ހުސް ފުރުސަތެއްގައި ކީޕަރު ކައިރިން ނައްޓާފައި ގޯލަށް ފޮނުވާލި ބޯޅަ ގޯލް ލައިން މަތިން ރާއްޖޭގެ ޑިފެންޑަރުން ވަނީ ދިފާއު ކޮށްފަ އެވެ.
ޕާކިސްތާނާ ދެކޮޅަށް ކުޅުނު ރާއްޖޭގެ ފުރަތަމަ 11، މެޗު ފެށުމުގެ ކުރިން ގައުމީ ސަލާމަށް ހުއްޓިގެން.-- ފޮޓޯ: އެފްއޭއެމް
ފަހު ހާފުގައި ރާއްޖެއަށް ގޭމުގެ ތެރެއަށް ވަދެވުނީ ނިމެން 15 މިނިޓަށް ވެފައި ވަނިކޮށެވެ. މި ވަގުތުކޮޅު ތެރޭގައި އައިސަމް ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު ބަަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ތިރިތިރިން ފޮނުވާލި ބާރު ހަމަލާ ބޭރުވީ ގޯލު ދަނޑި ކައިރިންނެވެ.
ފުރަތަމަ ފަހަރަށް މާލެ އާއި އައްޑޫ ސިޓީ އިން ބޭރުގައި ކުޅެވުނު މި މެޗު ބަލަން އެއްވެ ތިބި ސަޕޯޓަރުންނަށް އެންމެ ބޮޑު އުފަލެއް ލިބުނީ މެޗުގެ 89 ވަނަ މިނިޓުގައި އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން އެރުވުމުންނެވެ. އަޝްފާގު ކުޅެން އެރީ ފޭދޫ އިއްބެ އަށް އަނިޔާ ވެގެން އޭނާގެ ބަދަލުގަ އެވެ.
ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޕާކިސްތާން ކުޅުންތެރިއަކު ކުރި ކުށެއްގެ ސަބަބުން ހިނގާދިޔަ ހިތްހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ގޯލު ޖަހައިދިން އައިސަމް އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުގައި ޕާކިސްތާނުން ހޯދި ކޯނަރެއްގައި އެޓީމުން ނަތީޖާ އެއްވަރު ކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް ހުރަސްވި ބޯޅަ އެޓީމުގެ މައުމޫން މޫސާ ޚާން ބޮލުން ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ.
މި މެޗުގެ ކުރިން ރާއްޖޭގެ ގައުމީ ޓީމު އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. މެލޭޝިއާ އާއި ސިންގަޕޫރާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުތަކުން ބަލިވި ނަމަވެސް، ސެޕްޓެމްބަރު މަހު ވަނީ ލާއޯސް އާއި ބުރުނާއީ އާ ދެކޮޅަށް ކުޅުނު މެޗުތައް ކާމިޔާބު ކޮށްފަ އެވެ. ރާއްޖޭގައި ކްލަބް ފުޓްބޯޅަ އެންމެ ފަހުން ކުޅެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
އިލާން އާއި އަޔާން އަށް އަނިޔާވެ ކޮލިފައިން ނިމިއްޖެ
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ދިވެހި ފުޓްބޯޅަ މިހިފަހައްޓަނީ އެކަޑަމީތަކުން: އަސްލަމް
ރާއްޖޭގެ ޒުވާން ޓީމަށް ކޮލިފައިންގައި ނާކާމިޔާބު
ރާއްޖެ އަތުން އިންޑޮނޭޝީއާއަށް މޮޅެއް
ޔޫތު ޓީމުގެ ކޯޗުކަން މުހައްމަދަށް ދިނުމުން ސުވާލުތަކެއް
ފުޓްބޯޅައިގެ ވަސީލަތްތައް ވީރާނާވެފައިވާ މަންޒަރު