Roadha Mihaaru
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ފޮނުވައިފި

ޖެނުއަރީން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން އާ އޮނިގަނޑު ފޮނުވައިފި

16 ނޮވެމްބަރ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު، ޕޭ ކޮމިޝަނުން އެ އިދާރާތަކަށް މިއަދު ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، ފުލުހުންނާއި ސިފައިންގެ މުސާރައިގެ އާ އޮނިގަނޑު، ޕޭ ކޮމިޝަނުން އެ އިދާރާތަކަށް މިއަދު ފޮނުވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް އެ ދެ އިދާރާގެ އާ އޮނިގަނޑު އެކުލަވާލާފައިވާ ކަމަށެވެ.

ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.

ނަމަވެސް، ޕޭ ކޮމިޝަނުން އެ މަސައްކަތްތައް ނިންމާފައި މި ވަނީ އެ މަނިކުފާނުގެ ފަސް އަހަރުގެ ދައުރު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

ފުލުހުންގެ މުސާރައިގެ ތަފްސީލު ދެއްވަމުން، މިދިޔަ އޮގަސްޓް މަހު ބ. ތުޅާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ ކޮންސްޓަބަލް ރޭންކުގެ ފުލުހެއްގެ މުސާރަ 11،000ރ. އިން 15،400ރ. އަށް އިތުރުވާނެ ކަމަށެވެ. ސިފައިންގެ ޕްރައިވެޓް ރޭންކުގެ މީހަކަށް 11،500ރ. މިހާރު ލިބޭއިރު، އަލަށް ގެންނަ ބަދަލުތަކާއެކު 16،300ރ. އަށް މުސާރަ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، އިތުރު ތަފްސީލެއް ނުދެއްވަ އެވެ.