Roadha Mihaaru
ފެނަށް ޖެހުމުގެ ބޮޑު ކާރިސާއެއް ކުރިމަތިވަނީ

ފެނަށް ޖެހުމުގެ ބޮޑު ކާރިސާއެއް ކުރިމަތިވަނީ

22 މާޗް 2023

ކުރިއަށް އޮތް ވިއްސަކަށް އަހަރުގެ ތެރޭގައި އެތައް ބިލިއަން މީހުންނެއް، ފެނަށް ޖެހުމުގެ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އދ. އިން އިންޒާރުކޮށްފި އެވެ.

ކުރިއަށް އޮތް ވިއްސަކަށް އަހަރުގެ ތެރޭގައި އެތައް ބިލިއަން މީހުންނެއް، ފެނަށް ޖެހުމުގެ ބޮޑު ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ކަމަށް އދ. އިން އިންޒާރުކޮށްފި އެވެ.

އދ. މަޖިލީހުގެ ފަރާތުން އަހަރަކު އެއްފަހަރު ނެރޭ، ވޯލްޑް ވޯޓާ ޑިވެލޮޕްމަންޓް ރިޕޯޓްގެ މިއަހަރުގެ ރިޕޯޓް މިއަދު ޝާއިއުކުރި އިރު، އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ސާފު ބޯފެން ލިބުމަށް އެންމެ ބޮޑު ހުރަހެއް އެޅިގެން ދާނީ، ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުންނެވެ. ދުނިޔޭގެ އާބާދީ އިތުރުވަމުން ދާއިރު، ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން، ހަނަފަސްކަން އިތުރުވުމާއި، ދަނޑުވެރިކަން ކުރުމުގެ ވައްޓަފާޅިއަށް އައިސްފައިފާ ބަދަލުތަކުން ފެނުގެ ނިޒާމަށް އަރަމުންދާ ލޮޅުންތަކަކީ، އެކަމުގެ ބައެއް ސަބަބުތަކެވެ.

ދުނިޔޭގެ އާބާދީގައި ފެން ބޭނުންކުރާ ނިސްބަތް އިތުރުވަމުން އަންނަ ގޮތަށް ބަލާއިރު، ކޮންމެ އަހަރަކު ވެސް ފެން ބޭނުންކުރާ މިންވަރު އޭގެ ކުރީ އަހަރަށް ވުރެ އެއް ޕަސެންޓް އިތުރުވެ އެވެ. އެހެންކަމުން، 2050 ވަނަ އަހަރު އަންނަ އިރު، މިހާރު ފެން ބޭނުންކުރާ މިންވަރަށް ވުރެ 25 ޕަސެންޓް އިތުރަށް ފެން ބޭނުންކުރާނެ ކަމަށް އެ ރިޕޯޓްގައި އަންދާޒާ ކޮށްފައިވެ އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ވަކި ދުވަސްވަރެއްގެ ފެން ލިބޭ މިންވަރު މިހާރަށް ވުރެ ވެސް މަދުވާނެ ކަމަށް ލަފާ ކުރެވޭ އިރު، ފެން ބޭނުންކުރާ މިންވަރު އިތުރުވަމުން ދިއުމާއި ފެން ތަޣައްޔަރުވުމުގެ ސަބަބުން، ފަނުގެ ދަތިކަން ބޮޑުވުމަށް މަގުފަހިވެ އެވެ.

ކުރިއަށް އޮތް އަހަރުތަކުގައި ވެސް ފެނުގެ ދަތިކަން އެންމެ ބޮޑުވާނީ ގިނަ މީހުން ދިރިއުޅޭ ސަހަރުތަކާއި ބޮޑެތި ރަށްތަކުގަ އެވެ. ގާތްގަނޑަކަށް 933 މިލިއަން މީހުން، 2016 ވަނަ އަހަރު ފެނުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ އިރު، 2050 ވަނަ އަހަރުގެ ތެރޭގައި 2.4 ބިލިއަން މީހުންނަށް އެ ދަތިކަން ކުރިމަތިވާނެ ކަމަށް އދ. އިން އަންދާޒާ ކުރެ އެވެ.

އޭގެ ތެރެއިން ވެސް އެންމެ ގިނަ ބަޔަކަށް ފެނުގެ ދަތިކަން ކުރިމަތިވާނެ ކަމަށް ލަފާ ކުރެވެނީ އިންޑިއާގަ އެވެ. އޭގެ އިތުރުން ރަށްފުށު ސަރަހައްދުތަކުގައި ވެސް ފެނަށް ބޭނުންވާ މިންވަރު، ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ބޮޑަށް މައްޗަށް ދާނެ ކަމަށް ބެލެވެ އެވެ.

އަހަރުގެ ވަކި ދުވަސްތަކެއްގައި ފެނުގެ ދަތިކަން އެންމެ ބޮޑުވާނެ ކަމަށް ބެލެވެނީ، މިހާރު ވެސް ފެނުގެ މުއްސަނދިކަން އެންމެ ބޮޑަށް ހުރި ސަރަހައްދުތައް ކަމަށްވާ މެދުތެރޭ އެފްރިކާ، އިރުމަތީ އޭޝިޔާ އަދި ދެކުނު އެމެރިކާގެ ގައުމުތަކަށެވެ. އަދި މިހާރު ވެސް ފެނުގެ ދަތިކަން ކުރިމަތިވާ ގައުމުތައް، ކުރިއަށް އޮތް އަހަރުތަކުގައި ވަރަށް ބޮޑަށް އެ ދަތިކަން އިހްސާސް ކުރަންޖެހޭނެ އެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެން ބޭނުންކުރާ ނިސްބަތަށް ބަލާއިރު، އާބާދީގެ ނިސްބަތުން އެންމެ ގިނައިން ފެން ބޭނުންކުރަނީ އުތުރު އެމެރިކާގެ ގައުމުތަކުގަ އެވެ. ފެނުގެ ދަތިކަން ކުރިމަތިވަމުން ދާއިރު ވެސް، ފެން އިސްރާފުކުރާ މިންވަރު ދަނީ އިންތިހާ އަށް އިތުރުވަމުންނެވެ. އަދި އެކަން ހައްލުކުރުމަށް ސަރުކާރުތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރެ އެވެ.