Roadha Mihaaru
މި ރޯދަ މަހު ދުޅަހެޔޮ ކާނާއާއެކު ތަށިބަރި ރަށްރަށަށް!

މި ރޯދަ މަހު ދުޅަހެޔޮ ކާނާއާ އެކު ތަށިބަރިތައް ރަށްރަށަށް!

23 މާޗް 2023

ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ވެލްނަސް މެޓާސް" އިން ދިވެހި ދަނޑުވެރިން ހައްދާ މޭވާ އާއި ތަރުކާރީން ތައްޔާރުކުރާ ކާބޯތަކެއްޗާއެކު، "މިންހެޔޮ ތަށިބަރި ކެމްޕެއިން"ގެ ނަމުގައި ހާއްސަ ހަރަކާތެއް މިއަދު ފަށައިފި އެވެ.

ދުޅަހެޔޮ ސިއްހަތު ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ވެލްނަސް މެޓާސް" އިން ދިވެހި ދަނޑުވެރިން ހައްދާ މޭވާ އާއި ތަރުކާރީން ތައްޔާރުކުރާ ކާބޯތަކެއްޗާއެކު، "މިންހެޔޮ ތަށިބަރި ކެމްޕެއިން"ގެ ނަމުގައި ހާއްސަ ހަރަކާތެއް މިއަދު ފަށައިފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މި ކެމްޕެއިންގެ މަގުސަދަކީ ރާއްޖޭގެ ދަނޑުތަކުގައި ހައްދާ މޭވާ އާއި ތަރުކާރީ ބޭނުންކޮށްގެން ފައިދާ ހުރި ކާނާ ތައްޔާރުކުރުމަށް ދަސްކޮށްދިނުމާއި އެ ތަކެތި ވިއްކާނެ ބާޒާރެއް ހޯދައިދިނުމުގެ އިތުރުން ދިވެހިންގެ ތެރެއިން ނެތެމުންދާ އާދައެއް ކަމުގައިވާ ތަށިބަރި ބަދަލުކުރުމުގެ އާދަ އިޔާދަކުރުމެވެ.

މި ކެމްޕެއިންގެ ތެރެއިން ފައިދާ ހުރި ރަނގަޅު ކާނާ މިންހެޔޮކޮށް ތައްޔާރުކުރާނެ ގޮތް އާންމުންނަށް ކިޔައިދިނުމަކީ ވެސް މަގުސަދެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ބުނީ މި ކެމްޕެއިން މިއަދު ފެށިއިރު، 10 އަތޮޅަކުން 20 ރަށެއްގެ 455 މީހުން ބައިވެރިވާ ކަމަށެވެ. އަދި މި ރޯދަ މަސް ނިމޭއިރު މި އަދަދު ވަރަށް ގިނަ ވާނެ ކަމަށެވެ. މިކަމަށް ބޭނުންވާ ތަށިބަރިތައް މިހާރު ރަށްރަށަށް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"... މިންހެޔޮކޮށް ކެއުން ތައްޔާރުކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ރެސިޕީ ފޮތްތަކެއް އެކުލަވާލައި އެ ފޮތްތަކުގެ ދިވެހި ތަރުޖަމާ ތައްޔާރުކޮށް ބައިވެރިންނާ ވާނީ މި ރެސިޕީ ފޮތްތައް ހިއްސާކޮށްފަ އެވެ. ރެސިޕީ ފޮތުގައި އެކުލެވޭ މޭވާ އާއި ތަރުކާރީތަކުން ލިބޭ ފައިދާތަކަކީ ކޮބައިކަން އަންގައިދޭ އަތްމަތީ ފޮތް 'ނިއުޓްރީޝަން ވެލިއު' ވެސް ވަނީ ބައިވެރިންނާ ހިއްސާކުރެވިފައެވެ،" އެ ކުންފުނިން ބުންޏެވެ.

"ވެލްނަސް މެޓާސް" އަކީ އެ ކުންފުނީގެ ފައުންޑާ ޒުލްފާ ނަސީރުގެ އިސްނެގުމުގެ މަތިން މެލޭޝިއާގެ ވެލްނަސް އެކްޕާޓްސްއާ ގުޅިގެން އުފައްދާފައިވާ ވެލްނަސް ކޯޗުންގެ މައްޗަށް އެކުލެވޭ ކުންފުންޏެކެވެ. އެ ކުންފުނި މަސައްކަތްކުރަނީ މުޖުތަމައުގައި ޖިންސާމީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ، ފުއްދުންތެރި ބަޔަކު ބިނާކުރުމަށެވެ.

އެ ކުންފުނީގެ އެންމެ ފާހަގަކޮށްލެވޭ ކެމްޕެއިނަކީ "21 ޑޭސް ފިޓް ޗެލެންޖު" އެވެ. އެ ޕްރޮގްރާމްގައި އެކި ރަށްރަށުން 7،000 ވުރެ ގިނަ މީހުން ބައިވެރިވި އެވެ. އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން މިހާތަނަށް ވަނީ 30 އަށް ވުރެ ގިނަ ވެލްނަސް ކޯޗުން ތަމްރީނުކޮށްފަ އެވެ.