Roadha Mihaaru
އެމެރިކާގައި ބަޑިޖަހައި 3މީހަކާއި 3 ކުދިން މަރާލައިފި

އެމެރިކާގެ ސްކޫލެއްގައި ބަޑިޖަހައި 3 މީހަކާއި 3 ކުދިން މަރާލައިފި

28 މާޗް 2023

އެމެރިކާގެ އިރު ދެކުނުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ޓެނެސީގެ ވެރިރަށް ނޭޝްވިލްގައި ހުރި ކްރިސްޓިއަން ދީން ކިޔަވައިދޭ ޕްރައިމަރީ ސްކޫލެއްގެ ތެރެއަށް، ހަތިޔާރު އަޅައިގެން ހުރި މީހަކު އިއްޔެ ވަދެ ދިން ބަޑީގެ ހަމަލާތަކެއްގައި، އެ ސްކޫލްގެ ތިން ދަރިވަރަކާއި ތިން މުވައްޒަފަކު މަރާލައިފި އެވެ.

އެމެރިކާގެ އިރު ދެކުނުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ޓެނެސީގެ ވެރިރަށް ނޭޝްވިލްގައި ހުރި ކްރިސްޓިއަން ދީން ކިޔަވައިދޭ ޕްރައިމަރީ ސްކޫލެއްގެ ތެރެއަށް، ހަތިޔާރު އަޅައިގެން ހުރި މީހަކު އިއްޔެ ވަދެ ދިން ބަޑީގެ ހަމަލާތަކެއްގައި، އެ ސްކޫލްގެ ތިން ދަރިވަރަކާއި ތިން މުވައްޒަފަކު މަރާލައިފި އެވެ.

އިއްޔެ ހެނދުނު ދަންފަޅީގެ ކިޔެވުން ކުރިއަށް ދަނިކޮށް، ހަތިޔާރު އަޅައިގެން ހުރެ އެ ސްކޫލްގެ ތެރެއަށް ވަދެ ހަމަލާ ދިނީ، ކުރިން އެ ސްކޫލްގައި ކިޔެވި، މިހާރު އުމުރުން 28 އަހަރުގެ، އައުޑްރޭ ހޭލް ހިޔާ އަންހެނެކެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން އެ ސްކޫލްގެ ތެރެއަށް ވަދެ، ބަދަލުކުރި ހަމަލާތަކުގައި، ހޭލް ވަނީ މަރާލައިފަ އެވެ.

ޕްރީ ސްކޫލް މަރުހަލާ އިން ފެށިގެން ގްރޭޑް ހަޔަކާ ހަމައަށް ކިޔަވައިދޭ އެ ސްކޫލް ތެރޭގައި ދިން މި ހަމަލާގައި މަރުވި ތިން ކުދިންނަކީ އުމުރުން އެންމެ ނުވަ އަހަރުގެ ދެ ކުއްޖަކާއި އަށް އަހަރުގެ ކުއްޖެކެވެ. އަދި މަރުވި ތިން މީހުންގެ ތެރެއިން އެކަކީ ސްކޫލްގެ ހެޑްމިސްޓްރެސް، ކެތެރީން ކޫންޗް، 60 އެވެ. މަރުވި އަނެއް ދެ މީހުންނަކީ އުމުރުން 61 އަހަރުގެ މަސައްކަތު ފިރިހެނަކާއި ބަދަލު ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ، 61 އަހަރުގެ އަންހެނެކެވެ.

ނޭޝްވިލްގެ ފުލުހުން ބުނި ގޮތުގައި ހޭލް އެ ސްކޫލްގެ ތެރެއަށް ވަނީ އޮޓަމެޓިކް ދެ ރައިފަލާއި ފިސްތޯލައެއް ހިފައިގެންނެވެ. އޭގެ އިތުރުން އޭނާގެ އަތުގައި ސްކޫލްގެ ޗާޓެއް ވެސް އޮތުމުން، މިއީ ދުރާލައި ރާވައިގެން އޭނާ ދިން ހަމަލާއެއް ކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް މި ހަމަލާ ދިނުމުގެ މަގްސަދަކީ ކޮބައިކަން ނޭނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އާންމުކުރި ސީސީޓީވީ މަންޒަރުން ފެންނަ ގޮތުގައި ހޭލް އެ ސްކޫލްގެ ތެރެއަށް ވަދެގެން ދަނީ ކަޅު ކުލައިގެ ވޭންއެއްގަ އެވެ. ވޭން ޕާކް ކުރުމަށް ފަހު ސްކޫލްގެ އިމާރާތަށް އޭނާ ވަނީ، ވަލުފަރާތު ދޮރަށް ބަޑި ޖަހައި ބިއްލޫރިތައް ތަޅާލައިގެންނެވެ.

ގާތްގަނޑަކަށް 200 ދަރިވަރުން ކިޔަވަމުން އައި އެ ސްކޫލްގެ ތެރެއަށް، ހަތިޔާރާ އެކު ހޭލް ވަދެ، ކުދިންނަށާއި މީހުންނަށް ހަމަލާ ދިނީ، އެ ސްކޫލްގެ ލޮބީއެއްގެ ގޮތުގައި އޮންނަ ހުސް ޖާގައެއްގަ އެވެ. އޭރު ވަރަށް މަދު ދަރިވަރަކު ނޫނީ ހުރިހާ ދަރިވަރުން ވެސް ތިބީ ކްލާސްތަކުގައި ކަމަށް ވިޔަސް، ހޭލް އެއްވެސް ކްލާހަކަށް ނުވަދެ އެވެ.

ބަޑި ޖެހުމުގެ ހާދިސާ ހިނގުމާއެކު ފުލުހުން އެ ސްކޫލަށް ވަނުމުން، ހޭލް ފުލުހުންނަށް ވެސް ހަމަލާ ދިނެވެ. ދެ ފަރާތުގެ މެދުގައި ބަޑީގެ ހަމަލާތައް ބަދަލުކުރުމަށް ފަހު، ފުލުހުންގެ ހަމަލާއެއްގައި ހޭލް މަރުވީ އެވެ. އެއަށް ފަހު، ފުލުހުންގެ ބެލުމުގެ ދަށުން ސްކޫލްގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުން އެ ތަނުން ނެރެ، ކައިރީގައި ހުރި ފައްޅިއަކަށް ގެންދިޔަ އެވެ. އަދި އެ ސްކޫލްގައި ވަށައިގެންވާ ޖަންގަލި ސަރަހައްދާއި، ކައިރީގައި ހުރި އެހެން އިމާރާތްތައް ބަލައި، އެ ހަމަލާގައި އިތުރު މީހެއްގެ ބައިވެރިވުން އޮތްތޯ ނުވަތަ ނެތްތޯ ބެލި އެވެ.