Roadha Mihaaru
އާ އަހަރުގެ ހަފްލާއެއްގަ ބަޑިޖަހައި 10 މީހުން މަރު

އާ އަހަރުގެ ހަފްލާއެއްގައި ބަޑިޖަހައި 10 މީހުން މަރާލައިފި

23 ޖެނުއަރީ 2023

ޗައިނާގެ އާ އަހަރު ފާހަގަކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އެމެރިކާގެ ކެލިފޯނިއާގެ ކްލަބެއްގައި ބޭއްވި ހަފްލާއެއްގެ ތެރެއަށް ފިސްތޯލައިން ހަމަލާދީ 10 މީހުން މަރާލައިފި އެވެ.

ޗައިނާގެ އާ އަހަރު ފާހަގަކުރުމުގެ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އެމެރިކާގެ ކެލިފޯނިއާގެ ކްލަބެއްގައި ބޭއްވި ހަފްލާއެއްގެ ތެރެއަށް ފިސްތޯލައިން ހަމަލާދީ 10 މީހުން މަރާލައިފި އެވެ.

ކެލިފޯނިއާގެ ފުލުހުން ބުނި ގޮތުގައި ޗައިނާ ކަލަންޑަރުން ފާހަގަކުރާ ހަނދު މަހުގެ އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން، މޮންޓެރޭ ޕާކް ކިޔާ އަވަށުގައި ބޭއްވި އެއްވުމެއްގެ ތެރެއަށް ފިސްތޯލަ އިން ހަމަލާ ދިން މީހާ ވަނީ، 10 މީހުން މަރާލައި އިތުރު 10 މީހަކު ޒަޚަމްކޮށްލުމަށް ފަހު، އަމިއްލަ ބޮލަށް ބަޑި ޖަހައިގެން މަރުވެފަ އެވެ. ލޮސް އެންޖަލްސްގެ ފުލުހުންގެ ވެރިޔާ ރޮބަޓް ލޫނާ ވިދާޅުވި ގޮތުގައި އާ އަހަރު ފާހަގަކުރުމުގެ އެއްވުމުގެ ތެރެއަށް ފިސްތޯލަ އިން ހަމަލާ ދިނީ، ހޫ ސަން ޓްރާން ކިޔާ، އުމުރުން 72 އަހަރުގެ ފިރިހެނެކެވެ.

އޭނާ އަމިއްލަ އަށް މަރުވީ، އެއްވުމުގެ ތެރެއަށް ބަޑި ޖެހުމަށް ފަހު އެ ސަރަހައްދުން ފިލައިގެން ގޮސް، މާ ދުރު ނޫން ހިސާބެއްގައި އޮތް ނަށާ ހޯލެއްގެ ތެރެއަށް ހަމަލާ ދޭން އުޅުމަށް ފަހު، އެ ތަނުން ނުކުމެގެން ދާން އުޅެނިކޮށް ފުލުހުން އޭނާ ވަށައިލުމުންނެވެ. ނަށާ ހޯލުގެ ތެރެއަށް ވަނުމަށް ފަހު، އޭނާގެ އަތުގައި އޮތް ފިސްތޯލަ ހިފައިގެން އެ ހޯލުތެރޭގައި ދެކޮޅަށް ހިނގުމަށް ފަހު، އެ ތަނުން ނުކުމެގެން ދިޔައީ އެވެ.

އޭނާ، ނަށާ ހޯލުގެ ތެރޭގައި ފިސްތޯލަ ހިފައިގެން ދެކޮޅަށް ހިނގަން ފެށުމުން، އެ ތަނުގައި ތިބި ބައެއް މީހުން އޭނާ ހުއްޓުވައި ހައްޔަރުކުރަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބެއް ނުވި އެވެ. އެމީހުންގެ އަތުގައި ނުޖެހި، ނަށާ ހޯލުން ނުކުމެ، އެ ސަރަހައްދުން ފިލައިގެން ދިއުމަށްޓަކައި ވޭނަކަށް އަރައި ދުއްވާލަން ތައްޔާރުވި ވަގުތު، ފުލުހުން އޭނާގެ ވޭން ވަށައިލުމުން، ފިލައިގެން ދެވޭނެ ގޮތެއް ނެތްކަން އެނގުމުން އަމިއްލަ ބޮލަށް ފިސްތޯލަ ޖަހައިގެން މަރުވީ އެވެ.

މި ހަމަލާއާ ގުޅުން ހުރި އިތުރު މީހަކު ފިލައިގެން އުޅޭ ކަމަށް ލަފާ ނުކުރެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި މި ހަމަލާއާ ގުޅިގެން، މި ސަރަހައްދުގައި އިއްޔެ ބާއްވަން އޮތް، އާ އަހަރު ފާހަގަ ކުރުމުގެ އިތުރު ހަރަކާތްތައް ވަނީ ކެންސަލްކޮށްފަ އެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި އާންމު ގޮތެއްގައި ދިރިއުޅެނީ، އޭޝިޔާ ދަރިކޮޅުތަކުގެ އެމެރިކާ ރައްޔިތުންނެވެ. އެހެންކަމުން، ޗައިނާގެ އާ އަހަރު ފާހަގަކުރުމުގެ ހަފްލާތައް ކޮންމެ އަހަރަކު ވެސް ބޭއްވުމަކީ މި ސަރަހައްދުގައި ވަރަށް އާންމު ކަމެކެވެ.

ފުލުހުން ބުނި ގޮތުގައި މި ހަމަލާގައި މަރުވީ ފަސް އަންހެނުންނާއި ފަސް ފިރިހެނުންނެވެ. އަދި މި ހަމަލާގައި ޒަޚަމްވި 10 މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކެލިފޯނިއާގެ މޮންޓެރޭ ޕާކް އަވަށުގައި ގާތްގަނޑަކަށް 60000 މީހުން ދިރިއުޅޭ އިރު، އޭގެ ތެރެއިން ތިން ބައިކުޅަ ދެ ބައި މީހުންނަކީ އޭޝިޔާ ދަރިކޮޅުގެ މީހުންނެވެ. އެއީ ޗައިނާގެ ރެސްޓޯރަންޓްތަކާއި އޭޝިޔާގެ ކެއުންތަކަށް ވަރަށް މަޝްހޫރު ސަރަހައްދެކެވެ.