Roadha Mihaaru
ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ކުދިން މަރާލައިފި

ޓެކްސަސްގެ ސްކޫލެއްގައި ބަޑިޖަހައި 19 ކުދިން މަރާލައިފި

25 މެއި 2022

ހަތިޔާރު އަޅައިގެން ހުރި މީހަކު، އެމެރިކާގެ ޓެކްސަސްގެ ސްކޫލެއްގެ ތެރެއަށް އިއްޔެ މެންދުރެއްހާ އިރު ވަދެ، އެ ތަނުގައި ކިޔަވަން ތިބި ކުދިންގެ ތެރެއަށް ބަޑި ޖަހައި، 18 އަހަރުން ދަށުގެ 19 ކުއްޖަކާއި ބޮޑު ދެ މީހަކު މަރާލައިފި އެވެ.

ހަތިޔާރު އަޅައިގެން ހުރި މީހަކު، އެމެރިކާގެ ޓެކްސަސްގެ ސްކޫލެއްގެ ތެރެއަށް އިއްޔެ މެންދުރެއްހާ އިރު ވަދެ، އެ ތަނުގައި ކިޔަވަން ތިބި ކުދިންގެ ތެރެއަށް ބަޑި ޖަހައި، 18 އަހަރުން ދަށުގެ 19 ކުއްޖަކާއި ބޮޑު ދެ މީހަކު މަރާލައިފި އެވެ.

ފުލުހުން ބުނި ގޮތުގައި ޓެކްސަސްގެ ޔުވެލްޑީ ކިޔާ އަވަށުގައި ހުންނަ ރޮބް އެލިމެންޓްރީ ސްކޫލްގެ ތެރެއަށް އިއްޔެ ވަދެ ބަޑި ޖެހީ، އުމުރުން 18 އަހަރުގެ، ސެލްވަޑޯ ރާމޯސް ކިޔާ ޒުވާނެކެވެ. އެ ސްކޫލާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ރެސްޓޮރަންޓެއްގައި، ދުވަހު އުޖޫރަ އަށް މަސައްކަތް ކުރާ އެ ޒުވާނާ، އޮޓަމެޓިކް ރައިފަލަކާއި ގިނަ އަދަދެއްގެ ވަޒަން ހިފައިގެން ސްކޫލްގެ ތެރެއަށް ވަދެގެން ދިޔައީ، ވަޒަން ނާރާ ޒާތުގެ ޖެކެޓެއް ވެސް ގައިގައި އަޅުވައިގެންނެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި، އެއްގަމު އުޅަނދެއްގައި ސްކޫލް ކައިރިއަށް ގޮސް، ސްކޫލްގެ ބޭރަށް އުޅަނދު ދޫކޮށްލުމަށް ފަހު، އެ ޒުވާނާ ސްކޫލްގެ ތެރެއަށް ބަޑި ޖަހަން ފެށިއިރު، އެންމެ ފުރަތަމަ ބަޑި ޖެހީ އޭނާގެ މާމަގެ ގަޔަށެވެ. އުމުރުން 66 އަހަރުގެ މާމަ މިހާރު އޮތީ ހޮސްޕިޓަލުގައި ވަރަށް ނުރައްކާތެރި ހާލަތެއްގަ އެވެ.

ބަޑިޖެހުމުގެ ހާދިސާގައި މަރުވި ދެ ޓީޗަރުންނާއި އިތުރު ދެ ދަރިވަރެއް.

މި ހާދިސާގައި މަރުވި ބޮޑު ދެ މީހުންނަކީ ވެސް އެ ސްކޫލްގައި ކިޔަވައިދޭ ޓީޗަރުންނެވެ. މައިގަނޑު ގޮތެއްގައި ސްޕެއިން ބަހުން ވާހަކަ ދައްކާ ދަރިކޮޅުގެ ކުދިން ކިޔަވަންދާ އެ ސްކޫލްގައި 500 ދަރިވަރުން ރަޖިސްޓްރީކޮށްފައިވެ އެވެ. އެހެންކަމުން، މިއީ ނަސްލީ ނަފްރަތްތެރިކަމެއްގެ ތެރެއިން ދިން ހަމަލާއެއް ކަމަށް ބެލެވެ އެވެ.

މި ހާދިސާ ހިނގި ސްކޫލަކީ، އެމެރިކާގެ ޓެކްސަސް އާއި މެކްސިކޯއާ ގުޅޭ ސަރަހައްދީ އިމާ ދާދި ގާތުގައި ހުންނަ ސްކޫލަކަށް ވާއިރު، އެމެރިކާގެ ބޯޑަރު ބަލަހައްޓާ އޮފިޝަލުން ވެސް ތިބެނީ މި ސްކޫލާ ވަރަށް ކައިރީގައި ހުންނަ ސިފައިންގެ މަރުކަޒެއްގަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ސްކޫލްގައި ބަޑިޖަހާ އަޑު އިވުމާއެކު، ބޯޑަރު ބަލަހައްޓާ ސިފައިންގެ މަރުކަޒުގައި ތިބި ބައެއް ސިފައިން ހަތިޔާރާ އެކު އެ ސްކޫލް ކައިރިއަށް އައެވެ.

ބޯޑަރު ބަލަހައްޓާ ސިފައިންނަށް، ހަތިޔާރު ހިފައިގެން ހުރި ޒުވާނާ ފެނުމާއެކު އޭނާ އަށް ހަމަލާ ދިނެވެ. އަދި ރައްދުގައި އެ ޒުވާނާ ދިން ހަމަލާތަކުގައި ބޯޑަރު ބަލަހައްޓާ ސިފައިންގެ ދެ މީހަކު ޒަޚަމްވި އެވެ. ނަމަވެސް ބޯޑަރު ބަލަހައްޓާ ސިފައިން ވަނީ ބަޑިޖަހައި އެ ޒުވާނާ މަރާލައިފަ އެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި އިތުރު 13 ކުއްޖަކާއި ބޮޑު މީހަކު ޒަޚަމްވެގެން މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޒަޚަމްވި މީހުންގެ ތެރެއިން 10 އަހަރުގެ އަންހެން ކުއްޖަކާއި 66 އަހަރުގެ އަންހެން މީހާ އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

މި ހާދިސާއާ ގުޅިގެން، ރިއާސީ ގަނޑުވަރު ވައިޓް ހައުސްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ބަޑިޖެހުމުގެ މިފަދަ ހާދިސާތައް ހުއްޓުވަން މަސައްކަތް ކޮށްކޮށް މިހާރު ބަލިވެ ވަރު ދެރަވެއްޖެ ކަމަށެވެ. ހަނގުރާމައިގެ މައިދާނުގައި ބަޔަކު މަރުވެގެންދާ ފަދައިން، ރައްޓެހި ރަހްމަތްތެރި ކުދިންތަކެއް، ތިމާމެންގެ ކުރިމަތީގައި މަރައިލެވުނު މަންޒަރު ފެނުނު ކުދިންތައް، އެ ކުދިންގެ ޙަޔާތުގެ ބާކީ އޮތް ދުވަސްތައް ހޭދަކުރާނީ އެ ބިރުވެރި ހަނދާނުގެ ތެރޭގައި ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

އެމެރިކާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ސްކޫލްތަކުގެ ތެރޭގައި ނުވަތަ ކިޔަވާ ކުދިންނަށް އަމާޒުކޮށް ބަޑި ޖެހުމުގެ ހާދިސާތައް އެމެރިކާގައި ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު އެކަނިވެސް، އެފަދަ 26 ހާދިސާ އެމެރިކާގެ އެކި ހިސާބުތަކުގައި ހިނގާފައިވެ އެވެ.

އެމެރިކާގެ ސެނެޓްގައި އިއްޔެ އޮތް ބައްދަލުވުމުގައި ވެސް، ޓެކްސަސްގެ މި ހާދިސާއާ ބެހޭ ގޮތުން، ވަރަށް ތަފާތު ޚިޔާލުތަކާ އެކު މެމްބަރުން ބަހުސްކުރެއްވި އެވެ. މިފަދަ ހާދިސާތައް ހިނގަން މެދުވެރިވަނީ، ހަތިޔާރު ވިއްކުމާއި ހަތިޔާރު ކޮންޓްރޯލް ކުރުން މަނާ ނުކުރާތީ ކަމަށް ބުނެ، ބައެއް މެމްބަރުން ވަނީ ހަތިޔާރު ވިއްކުމާއި އާންމުން ހަތިޔާރު ގެންގުޅުން މަނާކުރުމަށް ގޮވާލައިފަ އެވެ.

ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ ގާނޫނީ އިމުގެ ތެރޭގައި ހަތިޔާރު ގެންގުޅޭ މީހުންނަށް ލިބިގެންވާ ހައްގެއް ހަނިކުރުމުން، ގާނޫނީ އިމުގެ ބޭރުން މީހުން ކުރާ ކުށްތައް ނުހުއްޓުވޭނެ ކަމަށެވެ. ހަތިޔާރު ވިއްކުމާއި ހަތިޔާރު ގެންގުޅުން މަނާކުރުމަކީ، އެފަދަ ހާދިސާތަކަށް އޮތް ހައްލެއް ނޫން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސްހިސާބުތަކާ ހަވާލާދީ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި 2020 ވަނަ އަހަރުގެ ތެރޭގައި ވެސް، ބަޑި ޖެހުމުގެ ހާދިސާތަކުގައި މަރުވި ޒުވާނުންނާއި ކުޑަކުދިންގެ އަދަދަށް ވުރެ، ކާރު އެކްސިޑެންޓްތަކުގައި މަރުވި ޒުވާނުންނާއި ކުޑަކުދިންގެ އަދަދު މާ ގިނަ އެވެ.