Roadha Mihaaru
އުމްރާގެ އަޅުކަމުގެ އިރުޝާދު ހިމެނޭ ދިވެހި އެޕެއް

އުމްރާ އަށް ދިއުމުގެ ކުރިން މަންސޫރު އުފެއްދީ އަޅުކަމުގެ އިރުޝާދު ހިމެނޭ އެޕެއް

03 އެޕްރީލް 2023

އުމްރާގެ އަޅުކަމަށް ދާން ގިނަ ތައްޔާރީތަކެއް ވެ އެވެ. ޒިކުރުތައް ދަސްކޮށް، ބޭނުންވާ މުހިންމު މައުލޫމާތު ސެޝަންތަކުގައި ބައިވެރިވެ އެވެ. އެކަމަކު، ޒުވާން ޑިވެލޮޕަރު އަހްމަދު މަންސޫރު، އޭނާގެ އުމްރާ ދަތުރަށް ތައްޔާރުވާން ކުރީ ތަފާތު ކަމެކެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އުމްރާގެ އަޅުކަމަށް ދާން ގިނަ ތައްޔާރީތަކެއް ވެ އެވެ. ޒިކުރުތައް ދަސްކޮށް، ބޭނުންވާ މުހިންމު މައުލޫމާތު ސެޝަންތަކުގައި ބައިވެރިވެ އެވެ. އެކަމަކު، ޒުވާން ޑިވެލޮޕަރު އަހްމަދު މަންސޫރު، އޭނާގެ އުމްރާ ދަތުރަށް ތައްޔާރުވާން ކުރީ ތަފާތު ކަމެކެވެ.

އުމްރާ ގުރޫޕުތަކުން ބަހާ ގައިޑު ފޮތްތަކުގެ ބަދަލުގައި، މަންސޫރު އުފެއްދީ، އުމްރާގެ އަޅުކަމުގެ އިރުޝާދު ދޭ މޯބައިލް ފޯން އެޕްލިކޭޝަނެކެވެ.

"އުމްރާ ދަތުރު" ގެ ނަންދީފައިވާ އެ އެޕްގައި ގުރުއާނާއި ހަދީސުން ސާބިތުވެފައިވާ އުމްރާގެ އަޅުކަމުގެ ކޮންމެ ފިޔަވަޅެއްގައި ކަންކުރާނެ ގޮތާއި، ކިޔާނެ ދުއާތަކާއި ޒިކުރުތަކުގެ މާނަ ތަފްސީލާ އެކު ފެނެ އެވެ. އަދި ގިނަ ގައިޑް ފޮތްތަކާ ހިލާފަށް، މަންސޫރުގެ އެޕްގައި ކޮންމެ ދުއާއަކާއި ޒިކުރެއް، އައިސްފައިވާ ހަދީސެއް ނުވަތަ ގުރުއާނުގެ އާޔަތުގެ ރެފަރެންސް ދީފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ޑިވެލޮޕަރެއްގެ ގޮތުގައި މަސައްކަތްކުރާ މަންސޫރު "މިހާރު" އަށް ބުނީ މި ރޯދަ މަހު އޭނާ އުމްރާ އަށް ފުރުމުގެ ކުރިން، އެޕްގެ މަސައްކަތް ފެށީ މިދިޔަ ޖެނުއަރީ މަހު ކަމަށެވެ.

"ޖެނުއަރީ މަހު ފަށައިގެން، ފެބްރުއަރީ މަހު އެޕް ޑިވެލޮޕްކޮށް ނިންމާލިން. ދެން ގާތްގަނޑަކަށް ދެ ހަފްތާ ވަރު ހޭދަވި، އެއަށް ބޭނުންވި ޑޭޓާތައް ހޯދަން. އެއީ ދުއާތަކާއި، އެހެނިހެން އިރުޝާދުތަކާއި މާނަތައް،" މަންސޫރު ބުންޏެވެ.

ދުއާތައް ހޯދައިގެން، އެ ދުއާތަކުގެ އަސްލު ހަދީސް ނުވަތަ އާޔަތްތައް ހޯދުމުގެ މަސައްކަތް ވެސް މަންސޫރު ވަނީ ކޮށްފަ އެވެ. އަދި ދުއާތައް ޗެކްކުރުމާއި، ބައެއް ދުއާތަކުގެ މާނަ ހޯދުމުގައި އޭނާ ވަނީ އިލްމުވެރިންގެ އެހީ ހޯދައިފަ އެވެ.

ޑިވެލޮޕަރު އަހްމަދު މަންސޫރު

ޑިވެލޮޕަރު އަހްމަދު މަންސޫރު

މަންސޫރު ބުނި ގޮތުގައި، މި އެޕް ހެދިއިރު ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ޞަހީހް ބުހާރީ އާއި ޞަހީހް މުސްލިމް ހަދީސް ފޮތްތަކުގެ ދިވެހި ތަރުޖަމާގެ ސޮފްޓު ކޮޕީ ލިބެން ނެތުމެވެ.

"އުންމީދު ކުރަން ގިނަ ބަޔަކު މި އެޕް ބޭނުންކުރާނެ ކަމަށް. ރަނގަޅުކޮށްލަންޖެހޭ ކަމެއް ފާހަގަކުރެވިއްޖެ ނަމަ އަޅުގަނޑަށް އަންގާލަދިނުން އެދެން" އޭނާ ބުންޏެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ރިލީޒްކުރި މި އެޕް މިހާރު އެޕް ސްޓޯރުންނާއި އެޕަލް ސްޓޯރުން ލިބޭނެ އެވެ.