Roadha Mihaaru
އެކްޓަރު އަލީ އުމްރާގައި

އެކްޓަރު އަލީ އުމްރާގައި

21 ޖެނުއަރީ 2022

ހޮލީވުޑްގެ ތަރި ޖެރާޑް ބަޓްލާއާ އެކު ކުޅޭ ފިލްމު "ކަންދަހާރު" ގެ ޝޫޓިން ނިންމާލުމަށް ފަހު، ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް އުމްރާގެ އަޅުކަން އަދާކުރަން ސައުދި އަރަބިއްޔާ އަށް ގޮސްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ ތަރި ޖެރާޑް ބަޓްލާއާ އެކު ކުޅޭ ފިލްމު "ކަންދަހާރު" ގެ ޝޫޓިން ނިންމާލުމަށް ފަހު، ބޮލީވުޑްގެ އެކްޓަރު އަލީ ފަޒަލް އުމްރާގެ އަޅުކަން އަދާކުރަން ސައުދި އަރަބިއްޔާ އަށް ގޮސްފި އެވެ.

އޭނާގެ މި ދަތުރުގެ ތެރެއިން މައްކާގެ ހަރާމްފުޅުގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ. އޭގައި އަލީ، 35، ބުނީ އުމްރާގެ އަޅުކަމަށް ދެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ މިދިޔަ އަހަރު ކޮވިޑް-19 ގައި މަރުވި މަންމަ އާއި ކާފަގެ ވެސް ހަނދާނުގައި އަދާކުރާ އަޅުކަމެއް ކަމަށެވެ.

އަލީގެ މި ޕޯސްޓަށް އޭނާގެ ލޯބިވެރިޔާ ބަތަލާ ރިޗާ ޗައްޑާ ވެސް ކޮމެންޓްކޮށް ބުނީ އުމްރާ އަށް އަލީ ދިއުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި އޭނާ ހުރީ ވެސް އެފަދަ ކަމަކަށް ބޭނުންވެފައި ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަލީ އާއި ރިޗާ އަންނަ މާޗު މަހުގެ ތެރޭގައި ކައިވެނިކުރާނެ އެވެ. "ފުކްރޭ" ސީރީޒްގެ ކާސްޓްގައި ވެސް ހިމެނޭ ދެ ތަރިން ކުރިން ކައިވެނިކުރަން އުޅުނީ 2020 ގަ އެވެ. އެކަމަކު ކޮވިޑާ ހެދި އެކަން ފަސްކުރީ އެވެ.

"ކަންދަހާރް" ގެ ޓީމާ އެކު އަލީ.

ހޮލީވުޑްގެ ފިލްމުތައް ކަމަށްވާ "ފާސްޓް އެންޑް ފިއުރިއަސް 7" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" ގައި ވެސް މަސައްކަތްކޮށްފައިވާ އަލީ ރޯލެއް ކުޅެފައިވާ ބަތަލާ ގަލް ގެޑޯގެ "ޑެތު އޮން ދަ ނައިލް" އަންނަ މަހުގެ 11 ގައި ރިލީޒްކުރާނެ އެވެ.

ކެނެތު ބްރެނާ ކުޅެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ލެޓިޝިއާ ރައިޓް، އާމީ ހެމާ، ރަސެލް ބްރޭންޑް، ޓޮމް ބޭޓްމެން، ރޯޒް ލެޒްލީ އަދި ޑޯން ފްރެންޗް ފަދަ ތަރިން ހިމެނެ އެވެ.