Roadha Mihaaru
ޕާޓީން ވަކި ކުރުމުން އަލްހާން އީސީއާ ދެކޮޅަށް ކޯޓަށް

އެމްޑީޕީގެ ދަފްތަރުން އަލްހާން އުނި ކުރުމުން އިލެކްޝަންސްއާ ދެކޮޅަށް ދައުވާކޮށްފި

22 ޖެނުއަރީ 2017

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީގެ ދަފްތަރުން އުނި ކުރި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓުގައި އަލްހާން ދައުވާ ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީގެ ދަފްތަރުން އުނި ކުރި މައްސަލައިގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ސިވިލް ކޯޓުގައި އަލްހާން ދައުވާ ކޮށްފި އެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި އަލްހާން އެމްޑީޕީގެ ދަފްތަރުން އުނިކުރީ ޕާޓީގެ މަސްލަހަތު ގެއްލޭ ގޮތަށް އަލްހާން އަމަލު ކުރަމުންދާ ކަމަށް ބުނެ އޭނާ އެ ޕާޓީން ވަކި ކުރަން ނިންމައި، ޕާޓީގެ ދަފްތަރުން އޭނާގެ ނަން އުނި ކުރަން އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ފޮނުވުމުންނެވެ.

އެ މައްސަލައިގައި އަލްހާން ކުރި ދައުވާގައި ވަނީ އޭނާގެ ނަން ޕާޓީގެ ދަފްތަރުން ކޮމިޝަނުން އުނި ކުރީ އޭނާ ޕާޓީން ވަކި ކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމި ނިންމުން އެ ޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް ކަމަށެވެ. އަދި އޭނާ މައްސަލަ ބަލައި، ވަކިކުރަން ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމީ ޕާޓީގެ ގަވާއިދުތަކާ ޚިލާފަށް ކަމަށް އެ ދައުވާގައިވެ އެވެ.

އަލްހާން އެ ދައުވާގައި އެދިފައިވަނީ އޭނާގެ ނަން އެމްޑީޕީގެ ދަފްތަރުގައި އަލުން ހިމަނަން އިލެކްޝަންސް ކޮމިޝަނަށް އަމުރުކޮށް ދިނުމަށެވެ.

އެ މައްސަލާގައި ސުލްހަވެރި ހައްލެއް ލިބޭތޯ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގައި މިއަދު ފުރަތަމަ ބައްދަލުވުން ބޭއްވުމުން އިލެކްޝަންސް ކޮމިޝަނުން އެދުނީ ޖަވާބުދާރީވާން އިތުރު ފުރުސަތެއް ދިނުމަށެވެ. އެހެންވެ، މިއަދުގެ ބައްދަލުވުން ނިންމާލީ އެ ފުރުސަތު ކޮމިޝަނަށް ދިނުމަށެވެ.

ކުރީގެ ރައީސް ނަޝީދާއި އެމްޑީޕީ އަށް ފާޑު ކިޔަމުންދާ އަލްހާންގެ ނަން ޕާޓީގެ ދަފްތަރުން އުނިކުރީ އޭނާގެ ނަން ދަފްތަރުން އުނިކުރަން ކޮމިޝަނަށް އެމްޑީޕީ އަށް ފޮނުވުމުން އެކަން ނުކޮށް ލަސްވުމުން އެމްޑީޕީން ފާޑު ކިޔާފައި ވަނިކޮށެވެ.

އަލްހާން ވަނީ އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ އިންތިޚާބު ބާއްވަން އެ ޕާޓީ އަށް އަމުރު ކޮށްދޭން އެދި ސިވިލް ކޯޓުގައި ކުރިން ދައުވާ ކޮށްފަ އެވެ. އެކަމަކު ކޯޓުން މިދިޔަ މަހު ނިންމީ އަލްހާން އަކީ ޕާޓީގެ މެމްބަރަކަށް ނުވާތީ ދައުވާ ކުރުމުގެ ހައިސިއްޔަތު އޭނާ އަށް ނެތް ކަމަށެވެ.